Support Us

ބައިނަލްއަޤްވާމީ އިންސާފު ކޯޓުގެ ނިންމުންތަކަށް ދުނިޔޭގެ ތަރްޙީބު 

 

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިސްރާއީލަށް އިއްޔެ އަމުރުކުރުމުން ޢަރަބި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ދުނިޔެއިން އެ ނިޔާއަށް ވަރަށް ބޮޑަށް މަރްޙަބާކިޔައި ކޯޓުގެ އަމުރުތައް އަވަހަށް ތަންފީޒު ކުރުވުމަށް ގޮވައިލަން ފަށައިފިއެވެ.

ބައިނަލްއަޤްވާމީ ކޯޓުން އިއްޔެ އިއްވި ނިޔާތައް ހަމަ އިއްވުމާއެކު އަރަބި ޚާރިޖީ ވުޒާރާތަކުން މި ޤަރާރުތަކަށް ތާއީދުކޮށް މަރްޙަބާ ކިޔައި ބަޔާންތައް ރޭ ނެރުނެވެ. މި ޤަރާރުތައް އަވަހަށް ތަންފީޒުކުރުމަށް ވެސް ގޮވައިލިއެވެ. މި ބަޔާންތަކުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އެ ކަންތައްތައް ހުއްޓައިލުމަށްވެސް ގޮވައިލިއެވެ. 

ބައިނަލްއަޤްވާމީ ތާއީދާއި މަރްޙަބާ

ޕާކިސްތާނަކީ ބައިނަލްއަޤްވާމީ ކޯޓުގެ ނިޔާތަކަށް ތާއީދުކޮށް އެންމެ އަވަހަށް ބަޔާން ނެރުނު އެއް ޤައުމެވެ. ޕާކިސްތާނުގެ ޚާރިޖިއްޔާގެ ބަޔާނުގައި އައިސްފައިވެއެވެ. "އޮކްޓޫބަރު ހަތަކިން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާގައި ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޢަސްކަރީ ޢުދްވާނުތައް ދެމުން ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. މި ބަޔާން ބުނާގޮތުގައި ކޯޓުގެ ޤަރާރަކީ ފަލަސްޠީނު ރައްޔިތުން ޢަދްލުއިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ."

ޕާކިސްތާނުގެ ބަޔާނުގައި އިސްރާއީލުގެ ޖަރީމާތަކަށް އަދަބު ދިނުމަށް ވެސް ގޮވައިލައިފާ ވެއެވެ.

ޕާކިސްތާނުގެ ރައީސް ޢާރިފު ޢަލަވީ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ. "އިންސާފު ކޯޓުގެ މި ޤަރާރަކީ އިސްތިސްނާއީ ޤަރާރެކެވެ. ޣައްޒާގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތަކާއި ނަސްލުހޭދުގެ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް އޭނާ ގޮވައިލެއްވިއެވެ.

ސްޕޭން ސަރުކާރުން ބައިނަލްއަޤްވާމީ ކޯޓުގެ ޤަރާރުތަކަށް މަރްޙަބާ ކިޔައި މި އިޖްރާތުތައް ތަންފީޒު ކުރުމަށް ގޮވައިލިއެވެ.

ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ޝެންސޭޒް އޭނާގެ އެކްސްގައި ކޯޓުގެ ޤަރާރުތަކަށް ކޮމެންޓް ކުރައްވަމުން ވިދާޅުވިއެވެ. "އަހުރެމެން ބޭނުންވަނީ ޞުލްޙައެވެ. ހަނގުރާމަ ހުއްޓުމަށެވެ. ރަހީނުންތައް މިނިވަންކުރުމަށެވެ. އިންސާނީ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމަށެވެ. އިސްރާއީލު ކައިރީގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށެވެ." 

ސްޕޭންގެ ޚާރިޖިއްޔާގެ ބަޔާނުގައި ހަނގުރާމަ ހުއްޓުމަށާއި ދެ ދައުލަތުގެ ޙައްލަށް ދިޔުމަށް ގޮވައިލައިފާ ވެއެވެ. މި ބަޔާން ބުންޏެވެ. "އަހުރެމެން މި ތިބީ  ޞުލްޙައާއި ބައިނަލްއަޤްވާމީ ޤާނޫނާއެކުގައެވެ. އަހުރެމެން ބައިނަލް އަޤްވާމީ އިންސާފު ކޯޓަށް ތާއީދު ކުރަމެވެ. އަހުރެން މަސައްކަތް ކުރަނީ ހިންސާގެ އޮއިވަރު ނައްތައިލުމަށެވެ." 

އަޔަރލެންޑްގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން މި ޤަރާރަށް މަރްޙަބާ ވިދާޅުވަމުން ވިދާޅުވިއެވެ. "ބައިނަލް އަޤްވާމީ ޤާނޫނުގެ މަތީގައި ޤާއިމުވެފައިވާ ނިޒާމުގެ ބިންގަލަކީ ބައިނަލް އަޤްވާމީ އިންސާފު ކޯޓެވެ." 

އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން އުންމީދު ކުރަނީ ކޯޓުން އަމުރުކުރި ހުރިހާ ކަމެއް ހެޔޮ ނިޔަތުގައި އަވަހަށް އިސްރާއީލުން ތަންފީޒުކުރާނެ ކަމަށެވެ."

ކޮލަމްބިޔާގެ ރައީސް ގެސްޓޮވޯ ޕެޓްރޯ ވިދާޅުވިގޮތުގައި "އެއީ އިސްރާއީލުން އަރައިގަންނަމުންދާ ނަސްލުހޭދުގެ ޖަރީމާތައް ހުއްޓުވުމަށް ލިބުނު އިންސާނީ ނަޞްރެކެވެ." 

ކޮލަންބިޔާގެ ރައީސް މާސްމީޑިއާގައި ވިދާޅުވިގޮތުގައި "ދެ ފަރާތުން ރަހީނުންތައް ދޫކޮށްލަންވާނެއެވެ. ހަނގުރާމަ މުޅިން ހުއްޓައިލުމަށް މަސައްކަތް ކުރަންވާނެއެވެ."

ޢަރަބި ދުނިޔޭގެ ތަރްޙީބު

ޢަރަބި ދުނިޔެއަށް ބަލާއިރު ސުޢޫދީ ޢަރަބިއްޔާއާއި ޤަޠަރާއި މިޞްރާއި އުރްދުނާއި ކުވައިތާއި ޖަޒާއިރާއި ޢުމާނުން ބައިނަލް އަޤްވާމީ ކޯޓުގެ ޤަރާރުތަކަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. 

ޤަޠަރުން ބުނިގޮތުގައި މިއީ "އިންސާނިއްޔަތަށާއި ޤާނޫނުގެ ޙުކުމުގެ ސިޔާދަތަށާއި ބައިނަލް އަޤްވާމީ ޢަދާލަތަށް ލިބުނު ނަޞްރެކެވެ." ޤަޠަރުން ބުންޏެވެ. "މިހާ ބޮޑު އަޣްލަބިއްޔަތަކުން ކޯޓުން މި ނިންމި ނިންމުންތަކުން އެނގެނީ ނަސްލުހޭދުގެ ނުރައްކާތެރިކަމުގެ ބިރު ބޮޑުކަމެވެ." މި ޤަރާރު އަވަހަށް ތަންފީޒު ކުރުމަށް ޤަޠަރުގެ ޚާރިޖިއްޔާއިން ގޮވައިލިއެވެ.

ސުޢޫދީ ޢަރަބިއްޔާއިން ވެސް މި ޤަރާރަށް މަރްޙަބާ ކިޔެއެވެ. ރިޔާޟު ބުނިގޮތުގައި ނަސްލުހޭދުއާ ބެހޭ އދ މުޢާހަދާތަކާ ޚިލާފަށް އިސްރާއީލުން ހިންގާ ޢަމަލުތަކަކީ ރިޔާޟް ކުށްވެރިކުރާ ޢަމަލުތަކެކެވެ. ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށާއި ފަލަސްޠީނު ރައްޔިތުންނަށް ޙިމާޔަތް ދިނުމަށާއި އިސްރާއީލު ސިފައިންގެ ކުށްތައް ބަލައި އަދަބު ދިނުމަށް ރިޔާޟުން ގޮވައިލިއެވެ.

މިޞްރުގެ ޚާރިޖިއްޔާއިން ކޯޓުގެ ނިންމުންތަކަށް މަރްޙަބާ ކިޔައި ނެރުނު ބަޔާން ބުނާގޮތުގައި ފަލަސްޠީނު މީހުން މެރުމުގެ ޢަމަލުތައް ވަގުތުން ހުއްޓައިލަން ޖެހޭނެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ލިބޭނެ މަގު ވަގުތުން ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިޞްރުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ކޯޓުން އަމުރުކުރާނެކަމަށް މިޞްރު އުންމީދު ކުރިއެވެ.

އުރްދުނުގެ ޚާރިޖިއްޔާއިން ކޯޓުގެ ނިޔާތަކަށް މަރްޙަބާ ކިޔެވެ. އުރްދުނުން ބުނިގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް ކޯޓުން  އަމުރުނުކުރި ނަމަވެސް ކޯޓުގެ ނިންމުންތަކަކީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓައިލުމުގެ މަގުގައި ކުރިއަށް އެޅުނު ފިޔަވަޅުތަކެކެވެ.

ހަމަ މިމޭރުމުން ކުވައިތާއި ޢުމާން ވެސް ކޯޓުގެ ނިންމުމުގެ މުހިއްމުކަން ފާހަގަކޮށް މަރްޙަބާކިޔެއެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހުރިހާ ބާވަތެއއްގެ ޢުދްވާނީ ޢަމަލުތައް ހުއްޓައިލުމަށް ކުވައިތުން ގޮވައިލިއެވެ. މި ކަންކަން ހުއްޓުވަން މަޖްބޫރު ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ޢުމާނުން ގޮވައިލިއެވެ.

މި ކަމާބެހޭ ގޮތުން ޖަޒާއިރުގެ ރައީސް ޢަބްދުލް މަޖީދު ތިއްބޫން އދ ގައި ތިއްބަވާ އެ ޤައުމުގެ ޑިޕްލޮމެޓުންނަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އަވަހަށް ބޭއްވުމުގެ މަސައްކަތް ފެށްޓެވުމަށް އެންގެވިއެވެ. ޖަޒާއިރަކީ ސަލާމަތީ މަޖިލީހުގެ މި ދައުރުގެ  ލާދާއިމީ މެންބަރެކެވެ. އެއީ ބައިނަލްއަޤްވާމީ ކޯޓުގެ ޤަރާރުތަކަށް ތަންފީޒީ ބާރު ދިނުމަށް ޓަކައި އެ މަޖިލީހުން ޤަރާރެއް ފާސްކުރުމަށްޓަކައެވެ.

ޖަޒާއިރުގެ ޚާރިޖިއްޔާ ބުނިގޮތުގައި "ކޯޓުގެ ނިޔާތަކަކީ އިސްރާއީލަށް އަދަބުނުދިނުމުގެ ޢަހްދުގެ ފެށުމެވެ."

ލާޒިމު ޤަރާރެއް

އަނެއްކޮޅުން އދ ގެ އަމީން ޢާންމު ގުޓަރެޝް ވިދާޅުވާގޮތުގައި ނަސްލުހޭދުއާ ބެހޭގޮތުން އަޅަންޖެހޭ އަވަސް ފިޔަވަޅުތަކަކީ ހުރިހާ ފަރަތްތަކަކަށް ޢަމަލުކުރުން ލާޒިމު ޤަރާރުތަކެކެވެ. އދ ގެ މީޑިއާ އޮފީހުން އިއްޔެ ނެރުނު ބަޔާން ބުނާގޮތުގައި މެރުމާއި ހަލާކުކުރުމާއި ޙަމަލާދިނުމުން މަނާވެގަތުމަށް އިސްރާއީލަށް ގޮވައިލާ ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އިސްރާއިލުން އެފަދަ ހުރިހާ ޢަމަލުތަކެއް ވަގުތުން ހުއްޓައިލަން ޖެހޭނެއެވެ.

ކޯޓު ބުނީ ކީކޭ 

އިއްޔެ ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިއްވި ނިޔާގައި ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދު މަނާކުރުމަށާއި އެކަމަށް ހިތްވަރުދިނުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް އިސްރާއީލަށް އަމުރުކޮށްފައި ވެއެވެ. މި ކޯޓުން އިއްވި ނިޔާގައި ދެކުނު އެފްރިކާއިން އިސްރާއީލުގެ މައްޗަށް ކުރި ދަޢުވާގައި ހިމެނޭ ހުރިހާ ޢުންޞުރުތަކެއް ބަލައިގަތުމަށް ނިންމިއެވެ. އަދި ދެކުނު އެފްރިކާގެ ދަޢުވާ ބަލައިނުގަތުމަށް އިސްރާއިލުން ހުށައެޅި ހުށައެޅުން ބަލައިނުގަނެ ރައްދުކުރުމަށް ވެސް ކޯޓުން ނިންމިއެވެ.  

ކޯޓުގެ ނިޔާގައި އައިސްފައި ވެއެވެ. "ނަސްލުހޭދުގެ މުޢާހަދާގެ  ދެވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ނަސްލުހޭދުގެ ތެރޭގައި ހިމެނޭ އެންމެހާ ޢަމަލުތައް މަނާކުރުމަށް އިސްރާއިލަށް ކުރެވެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ."

ކޯޓުން ބުނިގޮތުގައި ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްލުހޭދުގެ އެންމެހާ ޢަމަލުތަކުން ޙިމާޔަތްވުމުގެ ޙައްޤު ލިބިގެންވެއެވެ. 

މި ކޯޓުގެ ނިޔާގައި އިތުރަށް ބުންޏެވެ. "ޣައްޒާގެ ރައްޔިތުން މެރުމާއި އެމީހުން ނައްތައިލުމާއި އެމީހުންގެ ތަންތަން ހަލާކުކުރުމާ ގުޅިފައިވާ އެންމެހާ ކަންތައްތަކާ އިސްރާއީލު ދުރުހެލިވާން ޖެހޭނެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ މުހްތާދުތައް އަވަހަށް ތަނަވަސްކޮށްދިނުމުގައި އިސްރާއީލުން ޖާމިނުވާން ޖެހޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *