Support Us

ނަތަންޔާހޫ އާއި ހަރުކަށި ވަޒީރުން ބައިނަލްއަޤްވާމީ އިންސާފު ކޯޓާ ދެކޮޅަށް ފާޑުކިޔައިފި  

އިސްރާއީލުން ޣައްޒާގައި ނަސްލުހޭދުގެ ޖަރީމާތައް ހިންގާކަމަށް ތުހްމަތުކޮށް ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް އެކަން ހުއްޓުވުމަށް އަމުރުކުރުމަށް އެދި ހުށައެޅި ދަޢުވާ އެ ކޯޓުން ބަލައިގަތުމުން އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ރޭ އެ ކޯޓު ކުށްވެރިކޮށްފިއެވެ.

އޭނާ ބުނިގޮތުގައި އިސްރާއީލު ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލްކުރެވެންދެން އިސްރާއީލުން ހަނގުރާމަ ކުރިއަށް ގެންދާނެއެވެ.

ކޯޓުގެ ނިޔާއާ ދެކޮޅަށް ފާޑުކިޔަމުން ނަތަންޔާހޫ ބުންޏެވެ. "އިސްރާއީލަށް އެ ޤައުމުގެ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ އަސާސީ ޙައްޤު ލިބިގެންވެއެވެ. ދަ ހޭގުގެ ކޯޓުން މި ޙައްޤުން އަހުރެމެން މަޙްރޫމު ނުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ."

ދެކުނު އެފްރިކާއިން މި ކޯޓަށް ހުށައެޅި ދަޢުވާ އިސްރާއީލު އެދުނު ފަދައިން ބަލައިގަތުމާ ދެކޮޅުހަދައިފައިނުވާތީ ނަތަންޔާހޫ ކޯޓު ދެކެ ވަރަށް ރުޅިއައިސް ކޯޓާ ދެކޮޅަށް ފާޑުކިޔެވެ.

ކޯޓުން ބުނިގޮތުގައި މި ދަޢުވާ އުފުލުމުގެ ޙައްޤު ދެކުނު އެފްރިކާއަށް ލިބިގެންވެއެވެ.

ނަތަންޔާހޫ ބުންޏެވެ. "ފަލަސްޠީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ނަސްލުހޭދުގެ ޖަރީމާތައް ހިންގާކަމަށް ދަޢުވާކުރުމަކީ ހަމައެކަނި ދޮގުހެދުމެއް ނޫނެވެ. އެއީ އެއަށްވުރެ މާ ބޮޑުކަމެކެވެ. މި މަސްއަލައާމެދު ބަޙުސްކުރުމަށް ކޯޓުން ތައްޔާރުވުމަކީ ކުރިއަށް އޮތް އެތައް ޖީލުތަކަކަށް ދެމިގެންދާނެ ގޮތަށް ޖެހުނު މަލާމާތުގެ ބޮޑު ލައްގަނޑެކެވެ."

ބައިނަލްއަޤްވާމީ އިންސާފު ކޯޓަކީ "ސާމީންނާ ދުޝްމަނު ތަނެއް" ކަމަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު ތުހްމަތުކުރިއެވެ.

އޭނާ ބުންޏެވެ. "ކުރިން ވެސް އެނގިފައިވާ ފަދައިން މި ކޯޓަކީ ޢަދްލުއިންސާފަށް މަސައްކަތްކުރާ ތަނެއް ނޫނެވެ."

ބިން ޣަފީރަކީ އިސްރާއީލުގެ ކަނާތުފިޔައިގެ "ޔަހޫދީ ބާރު" ޕާޓީގެ ޒަޢީމެވެ. އޭނާއަކީ ހަރުކަށިކަމުގައި ހައްދުފަހަނަޅައިފައިވާ މީހެކެވެ.

އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ރުޅި އިސްކޮށްފައި ބުންޏެވެ. "އިސްރާއީލުގެ ދެމިއޮތުމަށް ބިރު ދައްކާ ޤަރާރުތައް އަހުރެމެން އަޑުއަހައިގެން ނުވާނެއެވެ. ފުރިހަމަ ނަޞްރު ލިބެންދެން ދުޝްމަނުންނާ ހަނގުރާމަ ކުރަން ޖެހޭނެއެވެ."

އިސްރާއީލުގެ ދީނީ ޞިހްޔޫނީ ޕާޓީގެ ޒަޢީމު މާލީ ވަޒީރު ސުމްރިޗް ކޯޓުގެ ނިޔާއަށް ފާޑުކިޔަމުން ބުންޏެވެ. "ޣައްޒާގެ އަހްލުވެރިންނާމެދު ކަންބޮޑުވާ ހޭގްގެ ފަނޑިޔާރުން އެހެން ޤައުމުތަކަށް ޣައްޒާ މީހުން ގެންދިޔުމަށް ގޮވައިލަން ޖެހޭނެއެވެ. އަދި ޣައްޒާ އާރާސްތުކުރުމުގައި އެހީވުމަށް ވެސް ގޮވައިލަން ޖެހޭނެއެވެ."

އިސްރާއީލުގެ ދިފާޢީ ވަޒީރު ގެލެންޓް މި ކަމާބެހޭގޮތުން ވާހަކަދައްކަމުން ބުންޏެވެ. "ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އަޚްލާޤާ ބެހޭގޮތުން ދޭ ތަޤްރީރުތައް އިސްރާއީލަށް ބޭނުމެއް ނުވެއެވެ."

އޭނާ ބުންނޭވެ. "ކޯޓު މި ވަނީ ތަޤްރީރުކުރުމުގެ އިން ފަހަނަޅައި ގޮސް ސާމީންނާ ދުޝްމަނު ދެކުނު އެފްރިކާގެ ދަޢުވާ ޤަބޫލުކޮށްފައެވެ."

އޭނާ ބުނިގޮތުގައި ޣައްޒާ ހަނގުރާމަ ކުރިއަށް ދާނެއެވެ.

އިއްޔެ ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިއްވި ނިޔާގައި ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދު މަނާކުރުމަށާއި އެކަމަށް ހިތްވަރުދިނުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް އިސްރާއީލަށް އަމުރުކޮށްފައި ވެއެވެ. މި ކޯޓުން އިއްވި ނިޔާގައި ދެކުނު އެފްރިކާއިން އިސްރާއީލުގެ މައްޗަށް ކުރި ދަޢުވާގައި ހިމެނޭ ހުރިހާ ޢުންޞުރުތަކެއް ބަލައިގަތުމަށް ނިންމިއެވެ. އަދި ދެކުނު އެފްރިކާގެ ދަޢުވާ ބަލައިނުގަތުމަށް އިސްރާއިލުން ހުށައެޅި ހުށައެޅުން ބަލައިނުގަނެ ރައްދުކުރުމަށް ވެސް ކޯޓުން ނިންމިއެވެ.

ކޯޓުގެ ނިޔާގައި އައިސްފައި ވެއެވެ. "ނަސްލުހޭދުގެ މުޢާހަދާގެ ދެވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ނަސްލުހޭދުގެ ތެރޭގައި ހިމެނޭ އެންމެހާ ޢަމަލުތައް މަނާކުރުމަށް އިސްރާއިލަށް ކުރެވެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ."

ކޯޓުން ބުނިގޮތުގައި ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްލުހޭދުގެ އެންމެހާ ޢަމަލުތަކުން ޙިމާޔަތްވުމުގެ ޙައްޤު ލިބިގެންވެއެވެ.

މި ކޯޓުގެ ނިޔާގައި އިތުރަށް ބުންޏެވެ. "ޣައްޒާގެ ރައްޔިތުން މެރުމާއި އެމީހުން ނައްތައިލުމާއި އެމީހުންގެ ތަންތަން ހަލާކުކުރުމާ ގުޅިފައިވާ އެންމެހާ ކަންތައްތަކާ އިސްރާއީލު ދުރުހެލިވާން ޖެހޭނެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ މުހްތާދުތައް އަވަހަށް ތަނަވަސްކޮށްދިނުމުގައި އިސްރާއީލުން ޖާމިނުވާން ޖެހޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *