Support Us

ނަސްލުހޭދު މަނާކުރުމަށާއި އެކަމަށް ހިތްވަރުދިނުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށް އަމުރުކޮށްފި

ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދު މަނާކުރުމަށާއި އެކަމަށް ހިތްވަރުދިނުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިސްރާއީލަށް މިއަދު ހަވީރު އަމުރުކޮށްފިއެވެ.

މި ކޯޓުން މިއަދު އިއްވި ނިޔާގައި ދެކުނު އެފްރިކާއިން އިސްރާއީލުގެ މައްޗަށް ކުރި ދަޢުވާގައި ހިމެނޭ ހުރިހާ ޢުންޞުރުތަކެއް ބަލައިގަތުމަށް މި ކޯޓުން މިއަދު ނިންމިއެވެ. އަދި ދެކުނު އެފްރިކާގެ ދަޢުވާ ބަލައިނުގަތުމަށް އިސްރާއިލުން ހުށައެޅި ހުށައެޅުން ބަލައިނުގަތުމަށް ވެސް ކޯޓުން ނިންމިއެވެ.  

މި ކޯޓުގެ 17 ފަނޑިޔަރުންގެ ތެރެއިން 15 ފަނޑިޔާރުން ކޯޓުގެ ގިނަ ނިޔާތަކަށް ތާއިދު ކުރައްވައިފައި ވެއެވެ. ކޯޓުގެ  ހުރިހާ ނިންމުންތަކާ ދެކޮޅުހެދި ހަމައެކަނި ފަނޑިޔާރަކީ އިސްރާއީލުން ކޯޓަށް ޢައްޔަން ކުރި ޤާޟީއެވެ. މި ކޯޓުގެ ފަނޑިޔާރުންގެ އަސްލު ޢަދަދަކީ 15 އެވެ. ކޯޓުގެ އިޖްރާއާތާ އެއްގޮތަށް ކޯޓަށް ހުށައެޅޭ މަސްއަލަތައް  ބެލުމަށް ޓަކައި ދަޢުވާ ކުރާ ޤައުމުންނާއި ދަޢުވާލިބޭ ފަރާތުން ޤާޟީއެއް އިސްކުރެވެއެވެ.

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށައެޅި ކަންތައްތަކުގެ ތެރެއިން ކޯޓުން އަމުރެއް ނުނެރުނު ހަމައެކަނި މަސްއަލައަކީ ހަނގުރާމަ ހުއްޓުމަށް ގޮވައިލުމެވެ.

ކޯޓުން އިސްރާއީލާ ދެކޮޅަށް ބަލައިގަތް ހެކިތަކުގެ ތެރޭގައި އދގެ އަމީންޢާންމު ގުޓަރެޝްގެ ބަޔާންތަކާއި ރެފިޔުޖީންނާ ބެހޭ އދގެ އޭޖެންސީ އަންރުވާގެ ބަޔާންތަކާއި ކުޑަކުދީންނާ ބެހޭ އދގެ ޖަމްޢިއްޔާ ޔުނިސެފާއި  ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ބަޔާންތަކާއި ޔުނެސްކޯގެ ބަޔާންތަކާއި އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާތަކުގެ ބަޔާންތަކާއި އިސްރާއީލާ ދެކޮޅަށް އދގެ ޢާންމު ޖަމްޢިއްޔާއިން ފާސްކޮށްފައިވާ ޤަރާރާއި އިސްރާއީލުގެ އިދް މަސްއޫލުވެރިން ދީފައިވާ ބަޔާންތައް ވެއެވެ.  

ކޯޓުގެ ނިޔާގައި އައިސްފައި ވެއެވެ. "ނަސްލުހޭދުގެ މުޢާހަދާގެ  ދެވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ނަސްލުހޭދުގެ ތެރޭގައި ހިމެނޭ އެންމެހާ ޢަމަލުތައް މަނާކުރުމަށް އިސްރާއިލަށް ކުރެވެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ."

ކޯޓުން ބުނިގޮތުގައި ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްލުހޭދުގެ އެންމެހާ ޢަމަލުތަކުން ޙިމާޔަތްވުމުގެ ޙައްޤު ލިބިގެންވެއެވެ. ކޯޓުގެ ނިޔާ ބުނާގޮތުގައި ނަސްލުހޭދުގެ ޢަމަލުތައް ހުއްޓުވުން އިސްރާއީލުގެ މައްޗަށް ލާޒިމުކުރާ ހުރިހާ ޝަރްޠުތަކެއް ފުރިހަމަވެގެން ވެއެވެ.  

މި ކޯޓުގެ ނިޔާގައި އިތުރަށް ބުންޏެވެ. "ޣައްޒާގެ ރައްޔިތުން މެރުމާއި އެމީހުން ނައްތައިލުމާއި އެމީހުންގެ ތަންތަން ހަލާކުކުރުމާ ގުޅިފައިވާ އެންމެހާ ކަންތައްތަކާ އިސްރާއީލު ދުރުހެލިވާން ޖެހޭނެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ މުހްތާދުތައް އަވަހަށް ތަނަވަސްކޮށްދިނުމުގައި އިސްރާއީލުން ޖާމިނުވާން ޖެހޭނެއެވެ."

މި ކޯޓުގެ ނިޔާ ބުނާގޮތުގައި ކޯޓުން ކޮށްފައިވާ އަމުރުތަކާ އެއްގޮތަށް އިސްރާއީލުން ޢަމަލުކުރިގޮތާ ބެހޭގޮތުން އެއްމަސްދުވަހުގެ ތެރޭގައި ކޯޓަށް ރިޕޯޓެއް ހުށައަޅަން ވާނެއެވެ. 

މި ކޯޓުން މަނާކޮށްފައިވާ އެއްވެސް ކަމަކަށް އިސްރާއީލުގެ ޢަސްކަރިއްޔާއިން އަރައިގަންނަމުން ނުދާކަން އިސްރާއީލުން ވަގުތުން  ކަށަވަރުކޮށްދޭން ޖެހޭނެކަމަށް ވެސް  ކޯޓުގެ ނިޔާގައި އައިސްފައި ވެއެވެ. 

ދެކުނު އެފްރިކާއިން މަރްޙަބާ ކިޔުން

ދެކުނު އެފްރިކާއިން ކޯޓަށް ހުށައެޅި ދަޢުވާއާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުން އެޅި ވަގުތީ ފިޔަވަޅުތަކަށް ދެކުނު އެފްރިކާއިން މަރްޙަބާ ކިޔެއެވެ. ދެކުނު އެފްރިކާ ސިފަކުރިގޮތުގައި މިއީ ޤާނޫނުގެ ސިޔާދަތަށް ލިބުނު ނަޞްރެކެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް އަދްލުއިންސާފު ހޯދައިދިނުމުގެ މަގުގައި އެޅުނު ރަނގަޅު ފިޔަވަޅެކެވެ.

ކޯޓުގެ ކުރިމަތީގައި ހުންނަވައިގެން ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ބަންޑޯރު ވިދާޅުވިގޮތުގައި ޣައްޒާގެ ފަލަސްޠީނު މީހުންގެ ފުރާނަތައް ޙިމާޔަތްކުރަން ލާޒީމުކުރާ ހުރިހާ ފިޔަވަޅުތަކެއް ދެކުނު އެފްރިކާއަށް މިއަދު އަޅައިދެވިއްޖެއެވެ. 

ބައިނަލް އަޤްވާމީ އިންސާފު ކޯޓުގެ މި ނިންމުންތަކާ ވިދިގެން ދެކުނު އެފްރިކާގެ ރައީސް ރަންފޯޒާ އިންސާނީ އެހީތައް ވަގުތުން ޣައްޒާއަށް ވެއްދޭނެ މަގު ތަނަވަސްކޮށްދިނުމަށް އިސްރާއީލަށް ގޮވައިލެއްވިއެވެ.އޭނާ ވިދާޅުވިގޮތުގައި ދުނިޔޭގެ އެއްވެސް ތަނެއްގައި އިންސާނީ ޙައްޤުތައް ކަތިލެވެމުންދާނަމަ ދެކުނު އެފްރިކާއިން އެކަމާ ދެކޮޅު ހަދާނެއެވެ.    

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *