Support Us

ނަތަންޔާހޫގެ ބަޔާން ޤަޠަރުން ކުށްވެރިކޮށްފި

 ޣައްޒާ ހަނގުރާމަ ހުއްޓުވޭތޯ ޤަޠަރުން އަދާކުރަމުންދާ މެދުވެރިއެއްގެ ދައުރާ ބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ނިސްބަތްކޮށް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ޤަޠަރުން ކުށްވެރިކޮށްފިއެވެ.

މި ވާހަކަތައް ޞައްޙަކަމުގައި ވާނަމަ އެއީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ވާހަކަތަކެއް ކަމަށް ޤަޠަރުން ބުންޏެވެ. އެއީ މަޢޫޞޫމު އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވޭތޯ ޤަޠަރުން ކުރަމުންދާ އިންސާނީ މަސައްކަތެއް ކަމަށް ވެސް ޤަޠަރުން ބުންޏެވެ. ޤަޠަރުން ބުނިގޮތުގައި ނަތަންޔާހޫގެ ވާހަކަތަކަކީ އެ ކަމުން ޤަޠަރަށް ސިހުން ލިބުނު ވާހަކަތަކެއް ނޫނެވެ.

ނަތަންޔާހޫއަށް ނިސްބަތްކޮށް މީޑިއާތައް އިއްޔެ ބުނިގޮތުގައި ޤަޠަރު އަދާކުރަމުންދާ މެދުވެރިއެއްގެ ދައުރާ ދެކޮޅަށް ނަތަންޔާހޫ ވަނީ ފާޑުކިޔައިފައެވެ. ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ޓަކައި ޤަޠަރަށް ފިއްތުމަށް ޤަޠަރުގައި އޮތް އެމެރިކާގެ ޢަސްކަރީ ބޭސް ހުކުންގަނޑެއްގެ ގޮތުގައި ބޭނުން ނުކުރާތީ ރައީސް ބައިޑެނާ ދެކޮޅަށް ވެސް ނަތަންޔާހޫ އެއްޗެހި ކިޔައި ފާޑުކިޔާފައި ވެއެވެ. 

ޤަޠަރުގެ ޚާރިޖިއްޔާގެ ތަރްޖަމާން މާޖިދުލް އަންޞާރީ އޭނާގެ ރަސްމީ އެކްސް ޞަފްޙާގައި ވިދާޅުވެފައިވާ ގޮތުގައި ޤަޠަރު މެދުވެރިވެގެން އިސްރާއީލުގެ ސަތޭކައެއްހާ އަސީރުން ވަނީ މިނިވަންކުރެވިފައެވެ. މި ކަމުގައި އިސްރާއީލާއެކުގައި ވެސް ވަނީ ވާހަކަދެއްކިފައެވެ. އަދި އިސްރާއީލާއެކު ވާހަކަދައްކައިގެން އިންސާނީ އެހީގެ ކޮންމެވެސް މިންވަރެއް ވާނީ ޣައްޒާއަށް އެތެރެކޮށްދެވިފައެވެ.

މީޑިއާތަކުން ނަތަންޔާހޫއަށް ނިސްބަތްކޮށް ފަތުރަމުންދާ ޚަބަރުތައް ތެދު ޚަބަރުތަކެއް ކަމުގައިވާނަމަ "އެއިން އެނގެނީ ސިޔާސީ ހަނި ސަބަބުތަކަކަށް ޓަކައި ޤަޠަރުން އަދާކުރަމުންދާ މެދުވެރިއެއްގެ ދައުރު ހުއްޓުވަން ނަތަންޔާހޫ ބޭނުންވާ ކަމެވެ. ފުރާނަތައް ސަލާމަތް ކުރުމަށް އިސްކަންދިނުމުގެ ބަދަލުގައެވެ. މި ފުރާނަތަކުގެ ތެރޭގައި އިސްރާއީލުގެ ރަހީނުންތައް ވެސް ހިމެނެއެވެ." 

މާޖިދުލްއަންޞާރީ އިތުރަށް ވިދާޅުވިއެވެ. "ޤަޠަރު- އެމެރިކާ ގުޅުމާ ބެހޭގޮތުން އަވަދިނެތިވުމުގެ ބަދަލުގައި ނަތަންޔާހޫއަށް ބޮޑަށް ރަނގަޅުވާނީ ރަހީނުން މިނިވަންކުރުމަށް މަގެއް ފެނޭތޯ ބެލުންކަމަށް ޤަޠަރުދެކެއެވެ."

އިސްރާއީލުގެ ޗެނެލް 12 މިދިޔަ އަންގާރަ ދުވަހު ބުނިގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ އަސީރުންގެ ޢާއިލާތަކާ ބައްދަލުކުރަމުން ބުނިގޮތުގައި އެމެރިކާއިން ދައުޙާއަށް ފިއްތުންތަކެއް ނުފިއްތައެވެ. އެމެރިކާއިން ވަނީ ޤަޠަރުގައި އޮންނަ އެމެރިކާގެ ޢަސްކަރީ ބޭހުގެ މުއްދަތު ދިހަ އަހަރަށް އިތުރުކޮށްފައެވެ. މިއީ އަހުރެން ދެކޭގޮތުގައި ފިއްތުމެއް ނޫނެވެ.

ނަތަންޔާހޫއާއި އޭނާގެ ގާތް މީހުން ބުނާގޮތުގައި އިސްރާއީލުގެ އަސީރުންނަށް ފަރުވާކުރުމަށް ޓަކައި ބޭސް ފޯރުކޮށްދޭނެކަމަށް ޤަޠަރުން ވަނީ ބުނެފައެވެ. 

ނަތަންޔާހޫއާ ބެހޭ މި ވާހަކަތަކުގެ ވީޑިއޯއެއް ވަނީ ފޭދިގެން ނުކުމެފައެވެ. އޭނާ ބުންޏެވެ. "ފިއްތަންޖެހޭ ފަރާތްތަކަށް ފިއްތުމަށް ޓަކައި ތިޔަބައިމީހުން ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު ވާހަކަދައްކާށެވެ."

އޭނާ އިތުރަށް ބުންޏެވެ. "އެންމެ އިސް ބަހާއަކީ ޤަޠަރެވެ. އަހުރެން އެމީހުންނާ ބެހޭގޮތުން ވާހަކަދައްކާއިރު ޤަޠަރަށް ޝުކްރު އަދައެއް ނުކުރަމެވެ. ތިޔަބައިމީހުންނަށް މި ކަން ފާހަގަ ކުރެވޭ ހެއްޔެވެ؟"

ނަތަންޔާހޫ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "ޤަޠަރަށް އަހުރެން ޝުކްރު އަދާނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޙަޤީޤަތަށް ބަލާއިރު ޤަޠަރާއި އދ އާއި ރެޑް ކްރޮސްގެ ތަފާތެއް ނެތެވެ. ޙަޤީޤަތުގައި ޤަޠަރު މާ ނުބައެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *