އުތުރު އިސްރާއީލުގެ މެރޯން ވައިގެ ބޭހަށް ޙިޒްބުﷲއިން މިއަދު މިސައިލުން ޙަމަލާތަކެއް ދީފިކަމަށް ޙިޒްބު ﷲއިން ބުނެފިއެވެ.
މިއީ އިސްރާއީލުން ޙިޒްބުﷲގެ ޢުންޞުރުތަކެއް މަރައިލައިފައިވާތީ އެކަމަށް ދިން ރައްދު ޙަމަލާއެއް ކަމަށް ޙިޒްބުﷲއިން ބުންޏެވެ. އިސްރާއީލުގެ ޓައިމްޒް އޮފް އިސްރާއީލު ދުވަހުނޫސް ބުނާގޮތުގައި މިއީ ލުބްނާނު ސަރަޙައްދު ކައިރީގައި އޮންނަ އިސްރާއީލުގެ ރަށްރަށުގައި އެއް ގަޑިއިރުގެ ތެރޭގައި ތިންފަހަރަށް އިންޒާރުގެ ކަށިގަނޑުތައް އެޅުނު ފުރަތަމަ ފަހަރެވެ. މި ނޫސް ބުނިގޮތުގައި އިންޒާރުގެ ކަށިގަނޑު އެޅުނު ރަށްތަކުގެތެރޭގައި ކައްފާރު ހައުޝަނާއި ޒިފޯނާއި ސާސާއާއި ޝީފަރު ހިމެނެއެވެ.
މިއީ ޙިޒްބުﷲއިން އިސްރާއީލުގެ ވައިގެ ދިފާޢި މި ބޭހަށް ޙަމަލާދިން ދެވަނަ ފަހަރެވެ. އިސްރާއީލުގެ ވައިގެ ދިފާޢީ މަސައްކަތަށް ބޭނުންވާ ކަންކަމަށް ފާރަލުމުގެ މަސައްކަތްކުރަނީ މި ބޭހުންނެވެ.
ޙިޒްބުﷲއިން މި މަހު ހަވަނަ ދުވަހު މި ބޭހަށް ފުރަތަމަ ފަހަރަށް ޙަމަލާދިނީ ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ރައީސްގެ ނައިބު ޞާލިޙުލްޢާރޫރީ ބައިރޫތުގައި ހުންނަނިކޮށް އިސްރާއީލުން އޭނާ ޝަހީދުކޮށްލުމުންނެވެ.