Support Us

އިސްރާއީލާއި ޙަމާސް އައު ޑީލަކަށް ދަނީ 

އިސްރާއީލުން ޣައްޒާ ހަނގުރާމަ ވަގުތީގޮތުން ހުއްޓައިލާތީ ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އަސީރުން ދޫކޮށްލުމާބެހޭ އެއްބަސްވުމަކާ ހަމައަށް އިސްރާއީލަށާއި ޙަމާސަށް ދެވެން ގާތްވެއްޖެ ކަމަށް އިސްރާއީލުގެ މީޑިޔާތަކުން ބުނެފިއެވެ.

އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި މި ޑީލް ޢިބާރާތްކުރުމުގެ މަސައްކަތް އިސްރާއީލުން ވަނީ ނިންމައިފައެވެ. މި ޑީލުގައި ތިންހަތަރު ފިޔަވައްސެއް ހިމެނެއެވެ. މި އައު ޑީލުގެ ސަބަބުން ހަނގުރާމަ ނުހުއްޓުނަސް އިސްރާއީލު ސިފައިން ޣައްޒާގެ ބައެއް ހިސާބުތަކުން ފައިބާނެއެވެ. އަދި ފަލަސްޠީނު މީހުންނަށް އެމީހުންގެ ގެދޮރަށް އެނބުރި ދެވޭނެއެވެ.

އިސްރާއީލުގެ ދެ މަސްއޫލުވެރިއަކާ ޙަވާލާދީ އެމެރިކާގެ އެކްސިއޮސް ނެޓް ޞަފްޙާ ބުނާގޮތުގައި ޤަޠަރާއި މިޞްރު މެދުވެރިކޮށް އިސްރާއީލުން ޙަމާސަށް ހުށައެޅި މި ހުށައެޅުން ބުނާގޮތުގައި އިސްރާއީލުން ދެ މަސްދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓައިލާނެއެވެ. އަދި ޙަމާސުން އިސްރާއީލުގެ ހުރިހާ އަސީރުން ދޫކޮށްލާނެއެވެ.

އިސްރާއީލުގެ މި ދެ މަސްއޫލުވެރިން ބުނިގޮތުގައި ޣައްޒާގައި އަދިވެސް އިސްރާއީލުގެ 130 މީހުން ހިފަހައްޓައިފައި އެބަތިއްބެވެ.

އެކްސިއޮސް ބުނާގޮތުގައި ރައީސް ބައިޑެންގެ މުޝީރެއް ކަމުގައިވާ ބްރައިޓް މެކްގޯކް އާދީއްތަ ދުވަހު މިޞްރަށް ވަޑައިގަންނަވައިފިއެވެ. އޭނާ މިޞްރުން ވަޑައިގަންނަވާނީ ޤަޠަރަށެވެ. މި ނެޓް ބުނާގޮތުގައި ޙަމާސާ އިސްރާއީލާ ދެމެދުގައި ހުރި ދެބަސްވުން ކުޑަކުރެވޭތޯ މިޞްރާއި ޤަޠަރުން މަސައްކަތްކުރާތާ އެތައް ދުވަހެއްވެއްޖެއެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނެވެން އޮތް ހަމައެކަނި މަގަކީ މި މަގެވެ.

އިސްރާއީލުގެ މަސްއޫލުވެރިން ބުނާގޮތުގައި އެމީހުން މިހާރު ތިބީ ޙަމާސުގެ ރައްދަކަށް މަޑުކޮށްގެންނެވެ.

ޑީލުގެ ފިޔަވަހިތައް 

އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި ޙަމާސުން ހިފަހައްޓައިފައި ތިބި މީހުންގެ ތެރެއިން އަންހެނުންނާއި ޢުމުރުން ދުވަސްވީ ފިރިހެނުން މި ޑީލުގެ ފުރަތަމަ ފިޔަވަހީގައި ދޫކޮށްލާނެއެވެ.

ދެވަނަ ފިޔަވަހީގައި ދޫކޮށްލާނީ ކުޑަކުދިންނާއި ޒުވާނުންނެވެ. ތިންވަނަ ފިޔަވަހީގައި ދޫކޮށްލާނީ ސިފައިންނާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކެވެ.

އެކްސިއޮސް ބުނާގޮތުގައި މި ޑީލުގެ ދަށުން އިސްރާއީލު ސިފައިން މީސްބޯ ސަރަޙައްދުތަކުން ނުކުންނާނެއެވެ. އަދި އުތުރު ޣައްޒާއިން ފޭބި މީހުން މަޑުމަޑުން އެނބުރި އެ ސަރަޙައްދަށް ދާނެއެވެ.

އިސްރާއީލުގެ މަސްއޫލުވެރިން ބުނާގޮތުގައި ޙަމާސުން އެދޭގޮތަށް ފަލަސްޠީނުގެ އެންމެން އިސްރާއިލުގެ ޖަލުތަކުން ދޫކޮށެއް ނުލާނެއެވެ.

މި މަސްއޫލުވެރިން ބުނާގޮތުގައި ޙަމާސުން މި ޑީލަށް އެއްބަސްވެއްޖެނަމަ އިސްރާއީލުގެ ޢަސްކަރީ ޙަމަލާތައް ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.

އިސްރާއީލުގެ މި ޗެނެލް ބުނާގޮތުގައި ޙަމާސުން މިހާރު ދޫދޭތަން ފެނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޣައްޒާގައި ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އަސީރުންގެ ޢާއިލާތަކާ ބައްދަލުކުރަމުން ބުނިގޮތުގައި އެމީހުން މިނިވަންކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެހެނަސް އޭނާ އެއްވެސް ތަފްޞީލެއް ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *