ބޭނުންކުރެވޭ ރިޒާވުގައި ހުރި ޑޮލަރުގެ އަދަދު މިދިޔަ މަސް ނިމުނުއިރު 152 މިލިއަން ޑޮަލަރަށް ވެއްޓިގެން ދިޔައީ ސަރުކާރުން ކޮން އުސޫލަކުން ހަރަދުކޮށްގެންކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާނު ވިދާޅުވެއްޖެއެވެ.
އެމް.އެމް.އޭގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ރިޒާވް ދަށަށް ނުދާ ވަރަަށް މިހާރު ވަނީ ދަށަށް ގޮސް ރިޒާވުގައި ހުރީ ދެ މަހުގެ އިމްޕޯޓަށް ވާ ފައިސާއެވެ. މިދިޔަ އަހަރު ނިމުނުއިރު ރިޒާވުގައި 315 މިލިޔަން ޑޮަލަރު ހުރި ނަމަވެސް މިހާރު އެ އަދަދު ވަނީ 152 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.
ގައްސާނު ވިދާޅުވީ ދައުލަތުގެ ރިޒާވުގައި ހުރި ފައިސާ ހަރަދުކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް މައްސަލަ ހުށަހަޅައިގެން ކަމަށާއި އަދި މަޖިލިހުގެ ވޯޓްގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުން ވޯޓް ދެއްވައިގެން ނޫން ގޮތަކަށް ރިޒާވުގައި ހުރި ފައިސާއިން ހަރަދު ނުކުރެވޭނެކަން ގާނޫނު އަސާސީގެ 250 ވަނަ މާއްދައިން ވަރަށް ސާފުކޮށް ފެންނަަން އޮތް ކަމަށެވެ.
މި އަހަރު ފެށުނީއްސުރެ ރާއްޖޭގެ ރިޒާވް ދަނީ ދަށްވަމުންކަން އެމް.އެމް.އޭގެ ހިސާބުތަކުން އެނގެން އޮވެއެވެ. ސަރުކާރުން ބުނަމުން ގެންދަނީ ރިޒާވް ދަށްވުމުގެ ސަބަބަކީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަަބބުން ރައްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހި، ރިސޯޓްތައް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖެއަށް ބޭރުފައިސާ ލިބޭ މިންވަރު މަދުވުން ކަމަށެވެ.



advertisment