Support Us

އިސްރާއީލާ ގުޅުމެއްނެތްކަމުގެ ދިދަ ނެގި 64 ބޯޓަކަށް ރަތްކަނޑުގައި އަމާންކަން

އިސްރާއީލާ އެއްވެސް ގުޅުމެއްނެތްކަން ބަޔާންކުރާ ފޮތިގަނޑުތައް  ނެގި 64 ބޯޓު އަމާންކަމާއެކު ރަތްކަނޑު ހުރަސްކޮށް ދަތުރުކޮށްފައިވާ ކަމަށް ޔަމަނުގެ އަންޞާރުﷲ ޖަމާޢަތުން ރޭ ހާމަކޮށްފިއެވެ.

މި ކަން ހާމަކުރެއްވީ މި ޖަމާޢަތުގެ ސިޔާސީ އެންމެ މަތީ މަޖިލީހުގެ މެންބަރެއްކަމުގައިވާ މުޙައްމަދު ޢަލިލް ޙޫޘީ އޭނާގެ އެކުސްގައި ލިޔުއްވި މެސެޖެއްގައެވެ.

ޙޫޘީ ވިދާޅުވިގޮތުގައި ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އޮތް އެންމެ ފަސޭހަ ޙައްލަކީ އިސްރާއީލާ ގުޅުންނެތްކަން އިޢުލާންކޮށްގެން ދަތުރުކުރުމެވެ. މި މަގު ވަރަށް ކުރުކަމަށާއި އަމާންކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލީ އުޅަނދުފަހަރާ ދެކޮޅަށް ޙޫސީން ފިޔަވަޅު އަޅަން ފެށިފަހުން އަމާންކަމާއެކު 64 ބޯޓު ރަތްކަނޑު ހުރަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޙޫސީންގެ މަރްކަޒުތަކަށް ދިން ނިރުބަވެރި ޙަމަލާތަކުން ގެއްލުން ލިބުނީ މުޅި ދުނިޔެއަށެވެ. އޭނާ ވިދާޅުވިގޮތުގައި ރަތްކަނޑާއި ޢަރަބިކަނޑު ޢަސްކަރީކޮށްގެން އެމީހުން އެ ދަނީ ބައިނަލްއަޤްވާމީ ދަތުރުފަތުރުތަކަށް ޢަދާވަތްތެރިވަމުންނެވެ.

ޙޫސީ ޖަމާޢަތުގެ ތަރްޖަމާނު މުޙައްމަދު ޢަބްދުއްސަލާމް އޭނާގެ އެކްސްގައި ވިދާޅުވިގޮތުގައި ޔަމަނުގެ ބޮލުގައި މަސްއޫލިއްޔަތު އެޅުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަކީ ޙަޤީޤަތް  އޮޅުވައިލުމަށް ކުރާ ކަމެކެވެ.

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ އުޅަނދުތަކަށާއި ހިފާފައިވާ ފަލަސްޠީނުގެ ބަނދަރުތަކަށް ދާ އުޅަނދުތައް ހިފެހެއްޓޭނެއެވެ. އެމެރިކާގެ ޕްރޮޕެގެންޑާގެ ޝިކާރައަކަށް ޔަމަނު ނުހެދުމަށް އޭނާ ދުނިޔެއަށް ގޮވައިލެއްވިއެވެ.

މި ދިޔަ ބުދަދުވަހު އެމެރިކާއިން ވަނީ ޙޫސީ އަންޞާރުﷲ ޖަމާޢަތް ނިރުބަވެރި ޖަމާޢަތެއް ކަމަށް ހަދައި ލިސްޓްކޮށްފައެވެ. މި މަހު 12 ވަނަ ދުވަހު ވައިޓްހައުސްއިން ނެރުނު ބަޔާނުގައި 10 ޤައުމެއް ބައިވެރިވެފައިވެއެވެ. މި ބަޔާން ބުނާގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ހޫސީންގެ މަރްކަޒުތަކަށް ދިން ޙަމަލާއަކީ ރަތްކަނޑުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކާ ދެކޮޅަށް ޙޫސީން ޙަމަލާތައް ދެމުންދާތީ ދިން ރައްދެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *