Support Us

ޣައްޒާ ހަނގުރާމައިގައި އިސްރާއީލު ސިފައިންނާއެކު ހިންދޫސީން ބައިވެރިވޭ: ދިރާސާ

ޣައްޒާގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގަމުންދާ ޖަރީމާތަކުގައި ހިންދޫސީ ހަނގުރާމަވެރިން ބައިވެރިވާކަމަށް ކެލިފޯނިޔާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ. ޚާލިދު އަބުލް ފަޟްލު ވިދާޅުވެއްޖެއެވެ.

The Usuli Institute ގެ ޓީވީ ޗެނެލުން ޔޫ ޓިޔުބް މެދުވެރިކޮށް ދުރަށް ދައްކައިފައިވާ އޭނާގެ ބަސްފުޅުތަކެއް Memri ޓީވީ ޗެނެލުން މި މަހު ކުރީކޮޅު ދުރަށް ދައްކައި ފަތުރައިފައި ވެއެވެ. އޭނާ ވިދާޅުވިއެވެ. "ޣައްޒާގައި ފަލަސްޠީނީންނާ ދެކޮޅަށް ހިންގައިފައިވާ އެންމެ ނުބައި ޤަތުލުޢާންމުތައް ހިންގައިފަވަނީ އިސްރާއީލުގެ ލަޝްކަރުތަކުގައި މަސައްކަތް ކުރާ ހިންދޫސީ ސިފައިންނެވެ." 

އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް  ދުވަހުނޫސް މި މަހު 21ވަނަ ދުވަހު ބުނިގޮތުގައި ޑރ. ޚާލިދު އަބުލްފަޟްލު ހުކުރު ދުވަހު ދެއްވި ޚުޠުބާގައި ވިދާޅުވިއެވެ. "އިންޑިޔާގެ ހިންދޫސީން އިސްރާއީލު ސިފައިންނާއެކު ޣައްޒާގައި ހަނގުރާމަކުރަމުންދެއެވެ. އެއީ މުސްލިމުންދެކެ ރުޅިއަންނާތީ އެމީހުން ހިލޭ ސާބަހަށް ކުރަމުންދާ ކަމެކެވެ."

އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ފަލަސްޠީނީންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާމެދު އިންޑިޔާގެ ޤައުމީ ހިންދޫސީން ވަރަށް އުފާވެއެވެ. އެމީހުން ބުނެއެވެ. ނަސްލުހޭދުއާ ބެހޭގޮތުން އިސްރާއީލުން އަހުރެމެންނަށް ފިލާވަޅުތަކެއް އެބަ ދަސްކޮށްދެއެވެ. ކަޝްމީރުގައި މުސްލިމުންނާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތަކީ ހަމަ މި މަސައްކަތެވެ. އަހުރެމެން ޒާތީ ތަޢައްޞުބުގެ ހިންދޫސީން އެމީހުންނާއެކު ހަނގުރާމަކުރުމަށް ފޮނުވާނަމެވެ. އަންހެނުން ފޭރުމަށާއި ފިރިހެނުން މެރުމަށް ޓަކައެވެ."   

ޚަބަރުފަތުރާ އިސްރާއީލުގެ ވަސީލަތްތަކާ ބެހޭގޮތުން އޭނާ ވިދާޅުވިއެވެ. "ދިރާސާތައް ކަށަވަރުކޮށްދޭގޮތުގައި ބަރަހަނާ މާއްދާތަކަކީ ފިރިހެނުންގެ ދީންވެރިކަން ކަންފަތިކުރާ އެއްޗެކެވެ. އެއީ ޝަހީދުވުންފަދަ ދީނީ ޖަޒްބާތުތަކާ މީހުން ދުރަށްލައި އެއްޗެކެވެ. ޚަލީލު ސަހަރުގެ ޓީވީ ޗެނެލްތަކަށް އިސްރާއީލުން ވެރިވެގަނެގަނެގެން ފަލަސްޠީން މީހުން އަވަދިނެތިކުރުމަށް ޓަކައި ބަރަހަނާ ފިލްމުތަކާއި މަންޒަރުތައް ދުރަށް ދައްކައެވެ." 

މި ދިޔަ އަހަރު Memri ޓީވީން ޝާއިޢުކުރި އަބުލްފަޟްލުގެ ރިޕޯޓެއްގައި އޭނާ ވަނީ އިސްރާއީލީންނާ ނާޒީން ހަމަހަމަކުރައްވައިފައެވެ.

އަބުލްފަޟްލު ވިދާޅުވިއެވެ. "ޖަރްމަނުން ބުނެފައިވާ ގޮތުގައި އެމީހުން ހިންގާ ޤަތުލުޢާންމުތަކުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ޔަހޫދީންނަށެވެ. އެމީހުން ހިފާ ރަށްރަށުގައި ހިންގާ ޖަރީމާތަކުގެ ސަބަބަކީ އެ ރަށްރަށުގެ މީހުން ކަމަށް ޖަރްމަނުން ތުހްމަތުކުރެއެވެ. އެއީ އެމީހުންގެ ކުށެއް ނޫންކަމަށް ބުނެއެވެ. އިސްރާއީލުން ވެސް ޢަމަލު ކުރަނީ ހަމަ މި ބީދައިންނެވެ. އެމެރިކާ މީހުން ވެސް ފަލަސްޠީނު މީހުންނާމެދު ބޭނުންކުރަނީ ހަމަ މި އުސްލޫބެވެ. ޔޫރަޕްގެ ބޮޑުބައެއްގައި ވެސް އޮތީ ހަމަ މި ބަހުރުވައެވެ." 

އިސްރާއީލީން ދެކޭގޮތުގައި ފަލަސްޠީނު މީހުންނަކީ އިންސާނުންނަށްވުރެ ދަށު ދަރަޖައިގެ ބައެކެވެ. ނާޒީންވެސް ޔަހޫދީންނާމެދު ދެކެފައިވަނީ މި ގޮތަށެވެ. 

ކެލިފޯނިޔާ ޔުނިވަރސިޓީ ވެބް ޞަފްޙާ ބުނާގޮތުގައި ޑރ. ޚާލިދު އަބުލްފަޟްލަކީ އެ ޔުނިވަރސިޓީގެ ޤާނޫނާ ބެހޭ ކޮލެޖްގެ ޤާނޫނާ ބެހޭ މާއްދާގެ އުސްތާޒެކެވެ. އޭނާއަކީ އިސްލާމީ ފިޤްހާއި އިންސާނީ ޙައްޤުތަކާއި އިސްލާމީ ދިރާސާތަކުގެ އިޚްޞާއީއެކެވެ.

މީގެ އިތުރަށް އޭނާ އަކީ The Usuli Institute ގެ މުއައްސިސެވެ. މި މަރްކަޒަކީ އިސްލާމީ ނަޒަރުން އަޚްލާޤާއި ރީތިކަމާ ބެހޭގޮތުން ތަންގީދީ ދިރާސާތައް ކުރާ ތަނެކެވެ.

އޭނާ ވިދާޅުވާގޮތުގައި "އިސްރާއީލުގެ މީޑިއާއަކީ ޣައްޒާގެ އަހްލުވެރިންނާ ބެހޭގޮތުން ނަސްލުހޭދުގެ ބަސްމަގުން ދޮންވެ ފައްކާވެގައިވާ މީޑިއާއެކެވެ."

އޭނާ ސިފަކުރައްވާ ގޮތުގައި "އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ މުޖްރިމެކެވެ. އޭނާގެ ޒަޢާމަތުގެ ދަށުގައި މި ދައުލަތް ވަނީ ފޮތްފޮތުގައި ނަންގަނެވިފައިވާ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކަކާ ޚިލާފުވެ އެ ޤާނޫނުތަކުގެ ޙުރްމަތް ކަނޑައިފައެވެ."

އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ޙަމާސް ނައްތައިލަން ބޭނުންވެއެވެ. އެއީ އެމީހުން ފަލަސްޠީނު މީހުންގެ ކުރިމަގަށް ވެރިވެގަތުމަށް ބޭނުންވާތީއާއި އެމީހުންގެ ޤައުމިއްޔަތުން ބޭރުކުރަން ބޭނުންވާތީއާއި މުޤާވަމާގެ ޢަޒްމު ނައްތައިލަން ބޭނުންވާތީއާއި އެމީހުންގެ ޢަޤީދާއިން ބޭރަށް ނެރެލަން ބޭނުންވާތީއެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *