Support Us

ވާހަކަ: ހިތް އެދޭތީ- 10

ހިތުގެ ހިނގުން އަވަސްވަމުން ދިޔަވަރަކަށް ސިމާމުގެ ގައިން އޮށްދާ ހިއްލަމުން ދިޔައެވެ. ދީނާއަށް އަނެއްކާ ކީއްވީބާއެވެ؟ އޭނާ އަހަރެން ދެކެ ވީ ކެހިވެރި ލޯތްބެއް ބާއެވެ؟ ސިމާމުގެ ހިތުގައި އެކި ކަހަލަ ސުވާލުތައް އުފެދެމުން ދިޔައެވެ. ސިމާމުގެ އަމިއްލަ ނަފްސު އޭނާގެ ކައިރީ ބުނާ ކަހަލައެވެ. ދީނާއަށް އިންތިޒާރު ނުކުރާށެވެ. އޭނާއެއް ދެނެއް ނާންނާނެއެވެ.

ކުއްލިއަކަށް މާދުރުން އަންނަ ކުއްޖެއް ސިމާމުގެ ނަޒަރުގައި އަޅައިގަތެވެ. އެ ކުއްޖާ އަންނަނީ ދުވަމުންނެވެ. ސިމާމަށް ބޭއިޚްތިޔާރުގައި އެ ކުއްޖާއާ ދިމާއަށް ދުއްވައިގަނެވުނެވެ. މޫނުމައްޗަށް ހިނިތުންވުންވެރިވާ ހާލުގައެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ދީނާ އަންނަނީއެވެ.

"ދީނާ… ދީނާ… އަހަރެން ހިތަށް އެރީ…"

"އަހަރެން ނާންނާނެ ކަމަށްދޯ؟ ވަރަށް ބޮޑަށް ސޮރީ… މިއަދު ހޭލެވުނުލެއް މާބޮޑަށްވެސް ލަސްވީ.. ރޭ ނުވެސް ނިދުނުވިއްޔަ،" ސިމާމުގެ ޖުމްލަ މެދުކަނޑާލުމަށްފަހު ދީނާ ވާހަކަ ދެއްކިއެވެ.

"ބައިވަރު ވާހަކަ ދަށްކަން އެބަހުރި… އެކަމަކު ވަގުތު ކުޑަތަންވަނީ… އަހަރެން ބުނަން އޮތީ… ޕްލީޒް ދީނާ އަހަންނަށް ތެދުވެރިވާތި. ވަފާތެރިވާތި. އަހަރެން އެނބުރި އަންނަންދެން އިންތިޒާރު ކޮށްދޭތި،" ސިމާމުގެ އަޑުގައިވަނީ ދީނާއާ ވަކިވެގެން ދާންޖެހޭތީ އުފެދިފައިވާ ރިހުމުގެ އަސަރެވެ.

"ސިމާމް… އަހަރެން ހުންނާނީ އަބަދުވެސް ލޯބީގެ އިންތިޒާރުގައި… އަހަންނަށް އިތުބާރުކުރޭ،" ދީނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ކޯތާފަތުގައި ބީހެމުން ފައިބަމުން ދިޔައެވެ.

"އަހަރެން މި ހުރިހާ ވާހަކެއް މިދައްކަނީ ދީނާއަށް އިތުބާރު ނުކުރާތީއެއް ނޫން… އަހަންނަށް އެނގޭ ދީނާ އަހަރެން ދެކެ ލޯބިވާވަރު… ދެން ނުރޮއި ހުއްޓާލާ… މިދަނޑިވަޅު ދީނާ ރޮންޏާ އަހަންނަށް ދަތުރު ކެންސަލްވެސް ކުރެވިދާނެ،" ދީނާގެ ލޮލުން އައިސްފައިވާ ކަރުނަތައް ސިމާމު ފުހެލަދިނެވެ. އަދި ފުރަން ބޯޓާ ދިމާއަށް ހިނގައިގަތުމުގެ ކުރިން އެންމެ ފަހު ފަހަރަށް ދީނާގެ ކޮނޑުގައިހިފައި އޭނާއާ ކައިރިކޮށްލިއެވެ. ދެމީހުންގެ ނޭވާގެ ހޫނުކަން އިހުސާސް ވާހައި ކައިރިއަށެވެ. މަސްތުވީ ނަޒަރަކުން ސިމާމުއާ ދިމާއަށް ދީނާ ބަލައިލިއެވެ.

"ކިތަންމެ ދުރުގައި ހުއްޓަސް އަހަރެންގެ މަތިން ހަނދާންނައްތައި ނުލައްޗޭ؟" ވަރަށް މަސައްކަތުން ދީނާ ހިނިތުންވެލިއެވެ. ސިމާމު ޔަގީންކަން ދިނެވެ. އޭނާ އަކީ އަބަދުވެސް ދީނާގެ މީހެއް ކަމެވެ.

ސިމާމު ބޯޓާ ދިމާއަށް ހިނގައިގަތެވެ. ދީނާއަށް ހިރިލާންވެސް ނޭނގިފައި އެ ހުރިތާ ހުރެވުނީއެވެ. ބޯޓަށް އެރުމަށްފަހު ސިމާމު އަތް ހޫރާލިއެވެ. ޖަވާބުގައި ދީނާވެސް ހަތް ހޫރާލިއެވެ.

ބޯޓް މާލެއަށް ބަނދަރު ކުރިއިރު ސިމާމުގެ އިންތިޒާރުގައި އޭނާގެ އެކުވެރިޔާ ޒައިން ހުއްޓެވެ. އޭނާއެކު ސިމާމު ދިޔައީ ކުއްޔަށް ހިފައިފައި ހުރި ކޮޓަރިއަށެވެ.

"ކިހިނެއް މި ކޮޓަރި؟" ކޮޓަރިއަށް ވަދެވުމާއެކު ޒައިން އެހިއެވެ.

"ދެމީހުންނަށް އުޅެން ހަމަ ބެސްޓް."

"އިތުރު މީހެއް ގެންނަން ވީތަ؟… އަނެއްކާ ދީނާ…" ޒައިން ހީނގަތެވެ.

"ނޫނޭ…. އަދި މާއަވަހެއްނު. އެކަމަކުވެސް އަހަރެން… މެރީކޮށްގެން ދިރިއުޅުން މާލެއަށް ބަދަލުކުރާނީ،" ވެފައި ހުރި ވަރުބަލިކަމާއެކު ސިމާމު އެނދުގައި އޮށޯވެލިއެވެ.

"ފެންވަރާލައިގެން ހިނގާ ކާންދަމާ؟"

"ހޮޓަލުންތަ ކަނީ؟… ހާދަ ޚަރަދު ބޮޑުވާނެޔޭ.." ސިމާމު ފާޚާނައަށް ދިއުމަށް ހިނގައިގަތެވެ.

"މިއަދު ދެން ހޮޓަލުން ކައިލާނީ؟… އަހަރެން ކައްކަނީ މިތާނގައި. ރަނގަޅުވާނެއެއްނު؟ ދެންދޭ އަވަސްކޮށްލައިގެން އަންނަން…" ޒައިން އެނދުގައި އިށީނދެލިއެވެ.

"ރަނގަޅުވާނީ ތިހެންނޯވެ ހިނގާލަން ގޮސް މީހުންގެ ތެރެއަށް ނުކުމެ އުޅުނީއްޔާ… ސިމާމު ދިޔަފަހުން އަބަދުހެން ތިޔަ އިންނަނީ ކޮޓަރީގައި. ނަދުވާ ވެސް އުޅޭނެއެއްނު. އެ ގެއަށް ވެސް ނުދަންތަ؟" ދީނާގެ މަންމަ ވާހަކަ ދެއްކީ ދީނާއާއެވެ.

"މަންމާ… އަހަރެން ނޫޅެމޭ އަބަދު ކޮޓަރީގައި އޮންނާކަށެއް. މިހާރުވެސް މިއުޅެނީ ނަދުވާމެން ގެއަށް ދާންވެގެން،" ޑްރެސިން ޓޭބަލްގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަމުން ދީނާ ވާހަކަ ދެއްކިއެވެ.

"އެހެންތަ؟ ދަރިފުޅު އަވަހަށްދޭ ނަދުވާމެން ގެއަށް ގޮސްފައި އަންނަން. މަންމަވެސް މިދަނީ މިތާ ކައިރީ ހުރި ގެއަކަށް،" ދިޔާނާ ބޭރަށް ނުކުތެވެ.

މާގިނަ އިރުތަކެއް ނުވެ ދީނާވެސް ރީތިވެ ނަލަ ހެދިލައިގެން ނަދުވާމެން ގެއާ ދިމާށް ދިއުމަށް ހިނގައިގަތެވެ. މާޔޫސީކަމާއެކުއެވެ. ދިރުމެއް ނެތްހެންނެވެ. ވާނީވެސް އެހެންތާއެވެ. ސިމާމު ނެތުމުގެ އުނިކަން ދީނާއަށް ކުރެވެމުން ދަނީ އިންތިހާއަށެވެ. ފޫހިކަމުގައި، އެއްވެސް ޚިޔާލެއް ފިކުރެއްނެތި ހިނގަމުން ދިޔަ ދީނާއަށް ކުއްލިއަކަށް ހުއްޓެވިއްޖެއެވެ. ސުނޭ ފެނުމުންނެވެ. ސުނޭ އިނީ ގެއެއްގެ މަގުމަތީ ފާރުގައި އިށީނދެލައިގެންނެވެ. ސުނޭ ފެނުމުން ދިނާ ބޭނުންވީ އަނބުރައިލާފައި އައިކޮޅަށް ދާށެވެ. ނަމަވެސް، ސުނޭއާ މާކައިރިއަށް އާދެވިފައި ހުރުމުގެ ސަބަބުން ދީނާއަކަށް އެހެން ހެދުމުގެ ފުރުސަތެއް ސުނޭ ނުދިނެވެ. އައިކޮޅަށް އަނބުރާލުމާއެކު ފަހަތުން އައިސް ސުނޭ ހިފީ ދީނާގެ އަތުގައެވެ.

"ސުނޭ. ކީއްވެގެންތަ ތިއުޅެނީ؟ މަގޭ އަތުން ދޫކުރޭ!" ދީނާ ރުޅިވެރިކަމާއެކު ސުނޭއާ ދުރަށް މޫނު އަނބުރާލަމުން ސުނޭގެ އަތް ފޮޅުވާލަން މަސައްކަތްކުރި ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ.

"ނިކަން ގަދަ ނުހަދާ އަހަރެން މިދައްކާ ވާހަކަ އަޑުއަހާ ބަލަ! އޭރުން ދޫކޮށްލަފާނަން."

"ސުނޭ ދައްކާނެ ވާހަކައެއް ނޯންނާނެ. މަގުމަތީގައި ތިގޮތަށް އަހަރެން އަތުގައި ހިފައިގެން ހުންނާކަށް ލަދެއްވެސް ނުގަނޭތަ؟ ދޫކުރޭ،" ދީނާ މަސައްކަތް ކުރަމުން ދިޔައީ ސުނޭގެ ކިބައިން ސަލާމަތްވުމަށެވެ.

"ދީނާ. އަހަންނަށް މާފުކުރޭ؟ ހެޔޮނުވާނެ. މީހަކު ދެއްކި ދޮގު ވާހަކަތަކަކަށް ހެއްލިވިގެން އަހަންނަށް ދީނާ ދޫކޮށްލެވުނީ. އެކަން ހިނގައިދިޔަ ގޮތް އެނގުމުން އަހަރެން ހިތުގައި ދީނާގެ ލޯބި އިތުރަށް އާލާވެއްޖެ،" ސުނޭ ރަނގަޅަށް ފެންކަޅިވިއެވެ.

"ކޮންހާ ދޮގެއް ހަދާކަށް؟ އަހަރެން އެހެން ކުއްޖެއް ދެކެ ލޯބިވެގެން އުޅުނަ ނުދޭންދޯ ތިޔަ މަސައްކަތް ކުރަނީ؟" ދީނާގެ އަޑުގައި ވަނީ ނަފްރަތެވެ. ރުޅިވެރިކަމެވެ. އޭނާގެ އަޑުވެސް ބާރެވެ. ދީނާގެ ބަސްތަކުން ސުނޭގެ ހިތް ޒަޚަމް ކުރަމުން ދިޔައެވެ.

"އެއްވެސް މީހަކަށް އޭނާގެ ފުރަތަމަ ލޯބި ހަނދާން ނައްތައެއް ނުލެވޭނެ… ހަޤީޤަތް ނުބަލާ ދުރުވުން އެއީ އަހަރެންގެ ކުށްކަން ޤަބޫލުކުރަން. އެކަމަކު…. ހަޤީޤަތް އެނގުނީ އިހަށް ދުވަހު… ވަރަށް ދެރަވި… އެއްވެސް ކުށެއް ނެތި ދީނާ އަށް އެވަރުގެ ބޮޑު ދެރައެއް ދެވުނީތީ. އަސްލުވެސް ވަރަށް ދެރަވި."

"މަކަރު ހެދުމާއި އޮޅުވާލުމުގެ ވެސް ހައްދެއް އޮންނަންވާނެ… ސުނޭ ދައްކާ ވާހަކައަކަށް މިހާރު އަހަރެން އިތުބާރެއް ނުކުރަން."

"ސުނޭ އެދައްކަނީ ހަމަ ތެދު ވާހަކަ،" ރުކެއްގެ ނިވަލުން ނިކުންނަމުން ވިމާލު ވާހަކަ ދެއްކިއެވެ.

"ވިމާލު… ކީކޭ ތިކިޔަނީ؟ ދެމީހުން ރާވައިގެން ދޯ ތިއުޅެނީ؟"

"ނޫނޭ ހުރިހާ ކުށެއްވެސް ކުރެވުނީ އަހަންނަށް… މަޖަލަކަށް ދެއްކި ވާހަކައިގެ ހިތިކަން އަހަންނަށް އެނގުނީ ދުވަސްކޮޅެއް ފަހުން… މިފަހަރު ރަށަށް އައީމަ… ދީނާ ވެސް ހަނދާން ހުންނާނެ ކަންނޭންގެ އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ ސުނޭ ދިޔަކަން. އެ ވާހަކަ އަހަރެން ސުނޭ ކައިރީގައި ބުނީ އޮޅުވާލައިގެން. އެކަމުގެ ސަބަބުން މިއަދު ސުނޭ އެ ކުރާ ހިތާމަ ފެނިފައި ކެތްނުވެގެން ސުނޭއަށް އެވާހަކަތައް ކިޔައިދިނީ… ދީނާ. ޕްލީޒް ސުނޭއާ ދުރަށް ނުދޭ؟ އޭނާ އަބަދުވެސް ލޯބި ވަނީ ދީނާ ދެކެ،" ވިމާލުގެ ވާހަކަ އެ ހިސާބަށް ދިޔައިރު ދީނާ އަށް ވެސް ވަނީ ރަނގަޅަށް ރޮވިފައެވެ. ސުނޭ އާއި އޭނާ ލޯބިން އުޅުނު ދުވަސްތަކާއި އެންމެ ފަހުން ދެމީހުން ވަކިވާން ދިމާވި ހާދިސާތައް ދެންމެ ވީކަމެއްހެން ދީނާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ދީނާގެ ހަ ފަރާތުން މީހެއް އޭނާ ފިއްތާލި ކަހަލައެވެ. މި ދިމާވި ކަމަކުން އޭނާ ފިކުރު ބޮޑުވެ ހަދާނެ ގޮތް ހުސްވެއްޖެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *