ރާގު: މުޖެދަރުދެ ދިލްކަޕަތާ…
އެކަނިން އުޅޭ މިހަޔާތަކީ ކަރުނައިގެ ހޫނު އުދާހެކޭ
މިކަހަލަ ވެވޭ އިހުސާސަކީ ނުފިލާ ހިނގާނޭ އާހެކޭ
ފަތިހެއްގެ ނޫން މީ ޝަބުނަމެއް އަދި ފިނި ހަވީރީ ރޯޅިއެއް
ހިތުގައިވަނީ ހުޅުރޯވެފާ ބާރަށް އަނދާ އަލިފާނެކޭ
އަލިކޮށްދެވޭ މީ ނޫން ވޮށެއް ގެއަކަށް އެތާ ދިރުމެއް ހިނގާ
ތެލަކާނުލާ އޮވެގެން އަނދާ ހިކި ހުސް މިއީ ފީތާއެކޭ
ނޫނޭ މިއީ އަލި ހަނދުވަރެއް އެއްވެސް ރެއެއް ޒީނަތްކުރާ
މޫނަށް އަނދިރިއެޅި ހިޔަނިވާ ގުދުރަތުގެ މީ ފަރުދާއެކޭ
ނުވެއޭ މިހިތް މައިދާނަކަށް މަގަކުން އައިސް މަންޒިލްވެވޭ
ބުނެވެން އޮތީ މީ މައުނަވީ ތައުބީރުގައި ސަހަރާއެކޭ
މިތަރީގެ މިސްރާބަށް ބަލާ ދަތުރެއް ކުރާނެ ނަވެއް ނުވޭ
ފިތުރީގޮތުން ތަރި ފިރުކިލާ ބުރުޖުގެ މިއީ އިންޒާރެކޭ
ރެކުމެއްނުވާ މިފުރާނައާ ޖިސްމުގެ އަރައިރުމުގާ ހިނގާ
އެކުވެރިއަކީ ބައިވެރިއަކީ ފިތުނައިގެ ގަދަ ޠޫފާނެކޭ