ފެންނަގޮތަކުން ބޭރުފުށް އަލި، ހިތްތެޅެން ފެށިދާނެއޭ
ދެން ފަހުން އެނގުމުން އެތެރެފުށް ލޯމެރެން ޖެހިދާނެއޭ
ކޮންމެ ދުމަކާ ގުޅުވިއަސް އަލިފާނަކާ އޮތް އަސްލަކުން
ކޮންމެ އަދި އަލިފާނަކުން ހުޅުގަނޑު ނުފެނި އޮވެދާނެއޭ
އޮންނަބިރަކުން ވިދުވަރާ އެކުގާ ދެލޯ ހަމަ މެރުނަކަސް
ކޮންމެ ގުގުރިއަކުން ޖަހާ ބިރުވެރި ހޮނެއް ނާޅާނެއޭ
ކޮންމެހެން ބޭނުންވެގެން ހުއްޓަސް ހިތާ ފެންފޮދު ނަގަން
ކޮންމެ އެ ނަގާވިލައަކުން ފެން ނުވެހިވެސް އޮބިދާނެއޭ
ދޮންހޮނޑެއްޔާ ރެހި ބުރަކި މުގުރާން ކަމުން އޮޑިއާ ލެފޭ
ކޮންމެ އައިނެއް ދައްސަކަސް ރަސްއައިނަކަށް ނުވެދާނެއޭ
ދޮންފަށުވި ފެހި ރަތްލިބާސް ލައިގެން ބޮލާ ސަޑު ހެދިއަކަސް
ކޮންމެ ދުވަހެއް އީދަކަށް ވާނޭގޮތެއް ނޯންނާނެއޭ
ދޮންވެފައި ބައިމަތިފުޅާ އަދި ސޫރަ ބައްޓަން ރީއްޗަކަސް
ކޮންމެ މީހަކު މީހަކަށްވާ މީހަކަށް ނުވެދާނެއޭ