ހަނދުމަޔާ އެ ޚިޔާލުތައް މިހިތާއި އަދިވެސް ވަކިނުވޭ
ރެނދުއެޅުނު ބަލި ހިތުތެރޭން އުފަލެއްގެ ހިލަމެއް އަދި ނުވޭ
ބަރުވެ ހިތް އެ އުދާސްތަކުން ބަންޑުންވެގެން ދިޔަވަގުތުގައި
ކަރުނަޔާ އެކުގައި ހިފުނު މާޒީގެ ފަސްބައިން ދޫނުވޭ
ތާލުތައް ވިންދުގެ ހިމޭން ގުޅެމުން އެއައި އުސުލޫބަކުން
ހާލުދެރަ ނިކަމެތި ހިތާ ވޭނާ ދެމެދު ހުރަހެއް ނުވޭ
ގިސްލަމުން ދާ ހިތުގެ އަޑު އިވި ރޯޅިވައި ފިރުމާލިޔަސް
ޖިސްމަށާ ރޫހަށް ދިރުން ދޭ ރާޙަތެއް އޭގައި ނުވޭ
ވަކިވަމުން ދީފައި އެ ދިޔަ ހިތި ވޭންތަކާއެކު މިހިތުގައި
ވަކިތަކުން އަނިޔާގެ އެޅި ކޫރުންތަކެއް ނޫނީ ނުވޭ
ލޯތްބަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ހެދިޔަސް މިތާ
ލޯތްބަކަށް އަދިވެސް އެ ނޫން މިހިތުން މަގާމެއް ހުސްނުވޭ
އަތުގެ ނުފުށުން ކަރުނަތައް ފޮހެލައި މިހެން ހިނިތުންވިޔަސް
ހިތުގެ ތުނި ފަރުދާތެރޭން އެ ހިތާމަތައް ސިއްރެއްނުވޭ

One Response
ވަރަށް ރީތި ޅެމެއް.