Support Us

މޫރިތި ބަސްފުޅެއްގެ ހިޔަލުގައި

(ފުރަތަމަ ހަދީޘް)

    عَنْ أمِيرِ المُؤْمِنِينَ أبي حَفْصٍ "عُمَرَ بْنِ الخَطَابِ" رَضيَ الله عَنْهُ قَالَ: سَمِعتُ رَسُولَ اللهِ صَلّى اللّه عَلَيْهِ وَسَلَّم يَقُول:

"إنَّمَا الأَعْمَالُ بِالِّنيَاتِ، وَإنَّمَا لِكُلِّ امرئ مَا نَوَى، فَمَنْ كَانَتْ هِجْرَتهُ إلَى اللّه وَرَسُولِهِ فَهِجْرَتهُ إلَى اللّه وَرَسُولِهِ، وَمَنْ كَانَتْ هِجْرتُهُ لِدُنيَا يُصيبُهَا، أو امْرَأةٍ يَنْكِحُهَا فَهِجْرَتُه إلَى مَا هَاجَرَ إليهِ"

ޙަދީޘްގެ ދަރަޖަ:

މި ޙަދީޘަކީ އެންމެހައި ޙަދީޘް ޢިލްމުވެރިންގެ ދެ އިމާމުންކަމުގައިވާ އަބޫ އަބުދުﷲ މުޙައްމަދު ބިން އިސްމާޢީލު ބިން އިބްރާހީމް ބިން އަލްމުޣީރަތު ބިން ބަރްދިޒްބާ އަލްޖުޢުފީ އަލްބުޚާރީ އާއި އަބުލްހުސައިނު މުސްލިމު ބިން އަލްޙައްޖާޖު ބިން މުސްލިމު އަލްޤުޝައިރީ އައްނައިސާފޫރީ މި ދެބޭކަލުން އެ ބޭކަލުންގެ ޞަޙީހުގައި ރިވާކުރައްވާފައިވާ ހަދީޘެކެވެ.

އަލްއިމާމު އަލްބުޚާރީ މި ހަދީޘް ގެންނަވާފައިވަނީ އެކަލޭގެފާނުގެ އަލްޖާމިޢު އައްޞަޙީހުގެ ވަޙީ ބާވާލައްވަން ފެށުން ނަންގަނެވުނު ފޮތުގެ ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ވަޙީ ބާވާލައްންފެށުނު ގޮތް ނަންގަނެވުނު ބާބުގެ ހަދީޘް ނަންބަރ (1) ގައެވެ.

އަދި އަލްއިމާމު މުސްލިމު އެކަލޭގެފާނުގެ ހަދީޘް ފޮތް ޞަޙީޙު މުސްލިމުގެ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅު 'إنَّمَا الأعْمَالُ بَالْنيَاتِ' ހަނގުރާމަ އާއި އެނޫންވެސް ޢަމަލުތައް ނަންގަނެވުނު ބާބުގެ ހަދީޘް ނަންބަރ (7-19) ގައެވެ.

އެ ދެބޭފުޅުންގެ މި ދެފޮތަކީ ހަދީޘް ފޮތްތަކުގެ ތެރެއިން ކުށެއް ނެތް އެންމެ ޞައްޙަ ދެ ފޮތެވެ.

ޙަދީޘްގެ ރާވީގެ ވަނަވަރު:

ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން ޢަދިއްޔުގެ ދަރިކަލުން ރަޒާޙުގެ ދަރިކަލުން ޤުރުޠުގެ ދަރިކަލުން ޢަބުދުﷲގެ ދަރިކަލުން ރިޔާޙުގެ ދަރިކަލުން ޢަބްދުލްޢުއްޒާގެ ދަރިކަލުން ނުފައިލުގެ ދަރިކަލުން އަލްޚައްޠާބުގެ ދަރިކަލުން މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި މުއުމިނުންގެ އަމީރު އަބޫޙަފްޞު ޢުމަރުގެފާނެވެ. ލަޤަބުފުޅަކީ އަލްފާރޫޤުއެވެ. އެކަލޭގެފާނަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީބޭކަލުންގެ ތެރެއިން ވަރަށް މާތް މަތިވެރި ބޭފުޅެކެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވި ދިހަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޢުމަރުގެފާނު މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވުނީ އަބޫބަކުރުގެފާނު އަވަހާރަވުމާ ގުޅިގެން ހިޖުރައިން 13 ވަނަ އަހަރެވެ. އެއަށްފަހު އެކަލޭގެފާނަށް އަމީރުލް މުއުމިނީންގެ ލަޤަބު ލިބިވަޑައިގަތެވެ. އަދި މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި އެކަލޭގެފާނަކީ ޢަދުލުވެރި އިންޞާފުވެރި ވެރިއެއްގެ ގޮތުގައި މަޝްހޫރުވެގެންދިޔައެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި ރަސްމީކޮށް ހިޖުރީ ތާރީޚު ޖަހަންފެށުނެވެ. އަދި އިސްލާމީ ދައުލަތް ފުޅާކުރައްވާ ދުނިޔޭގެ ކަންކޮޅަށް އިސްލާމްދީން ފެތުރެއްވެވިއެވެ.

އަލްޙާފިޡު އިބުނު އަލްމުލައްޤަން ވިދާޅުވިއެވެ. ޢުމަރުގެފާނު 539 ހަދީޘް ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. އޭގެތެރެއިން އަލްއިމާމު އަލްބުޚާރީ އާއި އަލްއިމާމު މުސްލިމު މިދެބޭފުޅުން ޞައްޙަކަމަށް އިއްތަފާޤުވެވަޑައިގަންނަވާ 26 ހަދީޘާއި އަލްއިމާމު އަލްބުޚާރީ އިންފިރާދު ވެ ވަޑައިގަންނަވާ 34 ހަދީޘް އަދި އަލްއިމާމު މުސްލިމު އިންފިރާދުވެވަޑައިގަންނަވާ 21 ހަދީޘްވެއެވެ.

ޢުމަރުގެފާނުގެ އިޖުތިމާޢީ ހާލަތު:

ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރިންނާއި އިސްލާމްވެވަޑައިގަތުމަށްފަހު ކުރެއްވި ޖުމްލަ 7 ކާވެންޏެވެ. އަދި ޢުމަރުގެފާނަށް 13 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

އިސްލާމްވެވަޑައިގަތުމުގެ ކުރިން ޢުމަރުގެފާނު ކުރެއްވި ކާވެނިފުޅުތައް

  • މަޡުޢޫނުގެ ދަރިކަނބަލުން ޒައިނަބަށް ޢަބުދުﷲ އަލްއަކުބަރު އާއި ޢަބުދުއްރަޙުމާނު އަލްއަކުބަރު އަދި ޙަފުޞާ ލިބިވަޑައިގަތެވެ. މިތިންބޭފުޅުންގެތެރެއިން އެންމެ ދޮށީ ޙަފުޞާއެވެ. ޒައިނަބުގެފާނަކީ މަޡުޢޫނުގެ ދަރިކަލުން ޢުޘްމާންގެފާނުގެ ދައްތާފުޅެވެ. އެކަމަނާއާ ކައިވެނިފުޅު ބައްލަވައިގަތީ ޖާހިލިއްޔަ ޒަމާނުގައެވެ. އިސްލާމެވަޑައިގެން ޢުމަރުގެފާނު އަރިހުގައި ދަރިކަލުންނާ އެކު މަދީނާއަށް ހިޖުރަކުރެއްވިއެވެ.
  • ޖަރުވަލުގެ ދަރިކަނބަލުން އުއްމުކުލްޘޫމް މަލީކާ އަށް ޒައިދު އަލްއަޞްޣަރު އާއި ޢުބައިދުﷲ ލިބިވަޑައިގަތެވެ. އެކަމަނާއާ ކާވެނިފުޅު ބައްލަވާގަތީ ޖާހިލިއްޔަ ޒަމާނުގައެވެ. އެކަމަނާ ވަރިކުރެއްވީ ހުދައިބިއްޔާގެ ޞުލްޙައަށްފަހު މި އާޔަތް ބާވާލެއްވުމުންނެވެ. ﭽ ﯳ ﯴ  ﯵ  ﯶ     ﭼ ( الممتحنة: ١٠)  މާނައީ: (އަދި ތިޔަބައިމީހުން، كافر އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ!)
  • އަބީއުމައްޔާ އަލްމަޚުޒޫމީގެ ދަރިކަނބަލުން ޤަރީބަތު އަށް ޢުމަރުގެފާނަށް ބޭފުޅަކު ލިބިވަޑައިނުގަނެއެވެ. އެކަމަނާއާ ކާވެނިފުޅު ބައްލަވާގަތީ ޖާހިލިއްޔަ ޒަމާނުގައެވެ. އެކަމަނާ ވަރިކުރެއްވީ ހުދައިބިއްޔާގެ ޞުލްޙައަށްފަހު މި އާޔަތް ބާވާލެއްވުމުންނެވެ. ﭽ ﯳ ﯴ  ﯵ  ﯶ     ﭼ ( الممتحنة: ١٠)  މާނައީ: (އަދި ތިޔަބައިމީހުން، كافر އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ!)

އިސްލާމްވެވަޑައިގަތުމަށްފަހު ޢުމަރުގެފާނު ކުރެއްވި ކާވެނިފުޅުތައް

  • ހިޝާމުގެ ދަރިކަލުން އަލްޙާރިޘުގެ ދަރިކަނބަލުން އުއްމުޙަކީމުގެ ފިރިކަލުން ޢިކުރިމާ ބިން އަބީޖަހުލު ޔަރުމޫކު ހަގުރާމާގައި ޝަހީދުވުމުން އެކަމަނާއާ ކާވެނި ބައްލަވާގަތީ ޚާލިދު ބިން ސައީދު ބިން ޢާޞު އާއެވެ. އެކަލޭގެފާނު މަރަޖުއް ޞިފުރުގެ ދުވަހު އަވަހާރަވުމުން ޢުމަރުގެފާނު ކާވެނިބައްލަވާގަތެވެ. ޢުމަރުގެފާނަށް ފާޠިމަތު ލިބިވަޑައިގަތެވެ.
  • އައުސު ވަންހާގެ އަބޫއަލްއަޤުލަޙުގެ ދަރިކަލުން ޘާބިތުގެ ދަރިކަބަލުން ޖަމީލާ އަކީ ޘާބިތުގެ ދަރިކަލުން ޢާޞިމުގެ ދައްތާފުޅެވެ. އެކަމަނާގެ ނަންފުޅަކީ ޢާޞިޔަތުއެވެ. އިސްލާމްވެވަޑައިގަތުމުން ކީރިތި ރަސޫލާ صلى الله عليه وسلم އެކަމަނާގެނަންފުޅު ޖަމީލާއަށް ބަދަލުކުރެއްވިއެވެ. ޢުމަރުގެފާނު ޖަމީލާއާ ކައިވެނިބައްލަވާގެންނެވީ ހިޖުރައިން ހަތްވަނައަހަރުއެވެ. ޢުމަރުގެފާނަށް އެއްދަރިކަލަކު ލިބިވަޑައިގަތެވެ އެއީ ޢާޞިމުއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ޢުމަރުގެފާނު އެކަމަނާ ވަރިކުރެއްވިއެވެ. ޢުމަރުގެފާނަށްފަހު އެކަމަނާއާ ކާވެނި ބައްލަވާގަތީ ޒައިދުބިން ޙާރިޘާ އެވެ. އެކަލޭގެފާނަށް ޢަބުދުއްރަޙުމާނު އާއި ޒައިދު ލިބިވަޑައިގަތެވެ.
  • ނުފައިލުގެ ދަރިކަލުން ޢަމްރުގެ ދަރިކަލުން ޒައިދުގެ ދަރިކަނބަލުން ޢާތިކާ އަކީ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާފައިވާ ދިހަބޭކަލުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢީދު ބިން ޒައިދުގެ ދައްތާފުޅެވެ. އެކަމަނާ ފުރަތަމަ ކާވެނި ބައްލަވާގަތީ ޢަބުދުﷲ ބިން އަބީބަކުރު އާއެވެ. އެކަލޭގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ޠާއިފު ހަގުރާމާގައި އުޅުއްވަނިކޮށް ޝަހީދުވެވަދައިގަތުމުން ޢުމަރުގެފާނު ކާވެނި ބައްލަވާގަތީއެވެ. ޢުމަރުގެފާނަށް ޢިޔާޟު ލިބިވަޑައިގަތެވެ. ޢުމަރުގެފާނު ޝަހީދުވެވަޑައިގަތުމަށްފަހު އެކަމަނާއާ ކާވެނިބައްލަވާގަތީ އަލްޒައިދު ބިން އަލްއައްވާމުއެވެ.
  • އަބޫޠާލިބުގެ ދަރިކަލުން ޢަލީގެފާނުގެ ދަރިކަނބަލުން އުއްމުކުލްޘޫމު އާއި ކައިވެނި ބައްލަވާގަތީ ހިޖުރައިން ސަތާރަވަނަ އަހަރުއެވެ. އެކަމަނާއަކީ ޢުމަރުގެފާނު ކައިވެނިބައްލަވާގަތް އެންމެފަހުގެ އަނބިކަބަލުންނެވެ. ޢުމަރުގެފާނު ޝަހީދުވެވަޑައިގެންނެވިއިރު ވެސް އެކަލޭގެފާނާއެކު އެކަމަނާ އިންނެވިއެވެ. އެކަމަނާއަށް ޒައިދު އަލްއަކުބަރު އާއި ރުޤިއްޔާ ލިބިވަޑައިގަތެވެ.

އަޅުއަންހެނުން:

ޢުމަރުގެފާނުގެ ދެ އަޅުއަންހެނުން ތިއްބެވިއެވެ.

  • ލުހިއްޔާ ނަމަކަށް ކިޔާ ޔަމަނުގެ ބޭކަނބަލަކަށް ޢަބުދުއްރަޙްމާނު އަލްއަޞްޣަރު ލިބިވަޑައިގަތެވެ.
  • ފަކީހަތު އަށް ޢަބުދުއްރަޙްމާނު އަލްއަވުސަޠު އާއި ޒައިނަބު ލިބިވަޑައިގަތެވެ.

ޙަދީޘްގެ މާނަ:

އަލްޚައްޠާބުގެ ދަރިކަލުން މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި މުއުމިނުންގެ އަމީރު އަބޫ ޙަފްޞު ޢުމަރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ ރަސޫލުﷲ صلى الله عليه وسلم ހަދީޘް ކުރައްވާތީ ތިމަންކަލޭފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން ޢަމަލުތައް ޞައްޙަވުން ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް އެ މީހަކު ނިޔަތްގަތް ގޮތެއްގެ މަތީން އެ ކަމެއް ލިބިގެންވެއެވެ. ފަހެ އެ މީހަކު ހިޖުރަ ކުރަނީ ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށްޓަކައި ނަމަ ފަހެ އޭނާގެ ހިޖުރަކުރުންވަނީ ﷲއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށްޓަކައެވެ. އަދި އެމީހަކު ހިޖުރަކުރީ އޭނާގެ ދުނިޔަވީ ބޭނުމަކަށްޓަކައިނަމަ ނުވަތަ އިންނަންއެދޭ އަންހެނަކަށްޓަކައިނަމަ ފަހެ އޭނާގެ ހިޖުރަކުރުންވަނީ އޭނާ އެކަމަށްޓަކައި ހިޖުރަކުރިކަމަކަށެވެ.)

ޙަދީޘުން ލިބޭ ފައިދާ:

  • ޢަމަލުތައް ޞައްޙަވުން ބިނާވެގެންވަނީ ނިޔަތުގެމައްޗަށެވެ. އަދި ކޮންމެ މީހަކަށް އެ މީހަކު ނިޔަތްގަތް ގޮތެއްގެމަތީން އެ ކަމެއް އެމީހަކަށް ޙާޞިލުވާނެކަމާއި އެ ޢަމަލަކަށް ޖަޒާ ދެވިގެންވަނީ އެމީހަކު އެޢަމަލެއް ކުރުމަށް ނިޔަތް ގަތް ގޮތުގެމަތިންނެވެ. އަދި ހެޔޮޢަމަލުތައް ﷲގެ ޙަޟުރަތުގައި ޤަބޫލުވުމުގައި ނިޔަތުގެ މުހިންމުކަން މިޙަދީޘުން ހާމަވެއެވެ.
  • އިޚުލާޞްތެރިވުމާއި އެކަމުގެ މާތްކަމުން އެކަމަށް ބާރުއަޅުއްވާފައިވާކަން މި ޙަދީޘުން ހާމަވެއެވެ.
  • އާޚިރަތަށް ކުރާ ހެޔޮ ޢަމަލުގެ މަންފާ ދުނިޔެމަތިން ލިބިގަތުމުގެ ނުބައިކަމާއި އެކަން އެގޮތަށް ނުކުރުމަށް ބާރުއަޅުވާފައި މި ޙަދީޘްގައިވެއެވެ.
  • ޢަމަލުކުރުމުގައި މީސްތަކުންގެ ނިޔަތުގައި ތަފާތުތަކެއްވެއެވެ.
  • ހެޔޮ ޢަމަލުކުރުމުގައި ނިޔަތްތަފާތުވުމުގެ ސަބަބުން ދަރުމަ ލިބުމުގައިވެސްތަފާތެވެ.
  • ހިޖުރާގެ މާނަ ވަރަށް ތަނަވަސްވެ ފުޅާވެފައިވެއެވެ. މިގޮތުން ނުބައި ޢަމަލުތަށް ދޫކޮށް ހެޔޮޢަމަލު ކުރުމަށް އެބުރިދިއުމަކީ އެންމެމަތިވެރި ހިޖުރައެވެ.
  • މީސްތަކުންނަށް ތަޢުލީމުދިނުމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެންގުޅުއްވި ރީތި އުސްލޫބާއި ހަމަތައް އަދި ދީނުގެ ޤަވާޢިދުތަކާއި އުޞޫލުތައް މީސްތަކުންނަށް ވިސްނާދިނުމަށް އެބައެއްގެ މާހައުލާގުޅޭގޮތުން މިސާލުޖެއްސެވުމުން ވިސްނާގަތުމަށް ފަސޭހަވާނެކަން މިހަދީޘުން އެނގެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *