ޕާޓީގެ ފައިސާ ޚަރަދުކޮށް، ޕާޓީތެރޭން ހޮވި މެންބަރެއް،
ޕާޓީ ބަދަލުކޮށް ދިއުމަކީ ކަނޑައެޅި ވެވޭނެ ޚިޔާނަތެއް
ކަމަކަށްޓަކާ އެއްބަސްވެފައި، އެއްބަސްވުމާއި ޚިލާފުވުން،
މަކަރާއި، ޙީލަތަކަށް މިކަން ނުބެލޭނެ ނެތް އެއްވެސް ގޮތެއް
މާހެޔޮ ވަފާތެރި މީހުނަށް ހެދިގެން މިއަދު އުޅުނެއްކަމަކު،
މާގިނަ ބަޔަކު ނެތް، ގައުމުގައި އެކަމެއް ގަބޫލުކުރާ ބައެއް
"ޤައުމަށްޓަކާއޭ! ހަރުއަޑުން މާބާރަކަށް، ގޮވިއެއްކަމަކު"
ﷲ އަށް ސިއްރެއް ނުވާނެ! މަކަރާއި ޙީލަތްތެރި ކަމެއް
ނިކަމެތި މިތިބަހާ ރައްޔިތުން މާލިއްޔަތާ ގައުމިއްޔަތާ،
ބިކަ ޙާލުގައި ޖައްސައި، މިގައުމަށް ތިޔަދެނީ އަނިޔާތަކެއް
ބިރުހުރި ނުރައްކާތެރިކަމެއް، ދަރިފަސްކޮޅަށް ބަލިމަޑުކަމެއް،
ބިރުވެރި މިފަދަ މާއްދިއްޔަތެއް އޮތްނަމަ ވެދާނެ ނުރައްކަލެއް
ﷲ، ޔާ ﷲ އަޅަމެން ގައުމުގައި ތިބި ވަކި ބަޔަކު،
ޣައްދާރުވުމަކުން، އަޅަމެނަށް "ނުމެޖައްސަވާށިއެ! ޙާލަތެއް"