އޭނާގެ ޖިސްމީ ރީތިކަން ތާޖުމެހެލް ފަދައެވެ.
އޭނާގެ މިޒާޖީ ފަރިކަން ޝާޢިރާބާންގެ މިޒާޖު ފަދައެވެ.
އޭނާގެ ހިނގުމުގެ ނަލަކަން ޝަރުމީލާ ޓޭގޯރުގެ ހިނގުން ފަދައެވެ.
އޭނާގެ އިއްޒަތާއި ޝާހިއްޔަތުގެ މޫރިތިކަން މަލަކާ ހުސްނުބާނޫގެ ޝާހީ ހައިބަތު ފަދައެވެ.
މިއީ ކޮން އޭނާއެއް ހެއްޔެވެ؟
މި އޭނާ އޭނާގެ ފިތުރަތުގައި ފެންނަ ކޮންމެ ހިނދަކުމެ އެއީ ރޭގަނޑެއް ނަމަ ހަނދާއި ތަރިތައް އިސްޖަހައެވެ.
އެއީ ދުވާލެއް ނަމަ އިރާއި ވިލާތައް އިސްޖަހައެވެ.
ތައުރީފުތަކުން ހިތްތައް ގަތުލުކުރާ ގަލަމާއެވެ!
ތިބާ ޚަންޖަރަކަށް ނުވަތަ ދެމިޔަލީ ކަނޑިއަކަށް ވީ ކޮން އިރަކު ހެއްޔެވެ؟
މާއުލްހަޔާތު ތިބާ އަތުގައި ވޭހެއްޔެވެ؟
ނުވަތަ އާބް އޭ ހަޔާތް ތިބާ ގެންގުޅެމު ހެއްޔެވެ؟
ތައުބީރު ކުރާ މީހުން ބުނާތީ އެހީމެވެ!
ތިބާއީ ޖާދޫގަރެކެވެ.
އެހެން ވިއްޔާ ނިކަން ބުނެދީ ބަލާށެވެ!
އަލާއުއްދީނު ގެންގުޅުނު ވޮށްގަނޑު ވީ ކޮންތާކު ކަން ތިބާ ދަންނަމު ހެއްޔެވެ؟
މާމުޔަށް ވުރެ ފޮނިއެއްޗަކީ ކޮބައިކަން ތިބާ ދަންނަމު ހެއްޔެވެ؟
މަސްތުގެ ޙަރާން އަރާމަށް ވުރެ ހަލާލު އަރާމަކީ ކޮބައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟
ގަލަން ބުންޏެވެ!
އާނއެކެވެ! އެނގެއެވެ.
އެހެނަސް ﷲ ތަޢާލާ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވި ބަސްފުޅެއްގައި ވެއެވެ.
ވާހަކަ ދެއްކުން ރިހީން ވާނަމަ ހަނު ހުރުންވަނީ ރަނުންނެވެ.
ޒީނަތްތެރިކަމާއި މުރުވަތްތެރިކަމުގެ ނަލަކަމުގައި އަހުރެންގެ މައުދަނަކީ ރަނެވެ.