Support Us

ބޭފުޅުންނޭވެ

ޚިޔާލުތައް ތަފާތުވުން ޚިލާފަކަށް ނުހައްދަވާ
ކިޔާ މަގުން ބިނާކުރަން ގިރާ ހުރަސް ކުރައްވަވާ

ފާޅުކުރަން ޚިޔާލުތައް ހާމަކުރަން ޝުޢޫރުތައް
ވާހަކަދައްކަވާ ވަގުތު ރާގު ރިވެތި ކުރައްވަވާ

ފާޑުކިޔުން ރަނގަޅު ކަމެއް އާޑަކިޔުން ހުތުރު ކަމެއް
ދާނޑުމަތީ އޮތަސް ތިހެން އައިބު ބަހުން ނުމޮށްޓަވާ

ރަސްމަތި ދޫފުޅުން ނަޔަސް މަސްވެރި އަނގަޔަކުން އަޔަސް
ބަސް ހެޔޮނަމަ އަހާ ހިފަން ގަސްދު ރަނގަޅު ކުރައްވަވާ

ޖެހި ދަނޑިބުރި އަތުން ހިފާ ބެހިލާން ޖެހުނަތީ ހިތާ
ކެހިދޭން އުޅެވިދާނެތާ އެހެނަސް ވަޅި ނުނަންގަވާ

އެދިމާވެސް ބަލާ ފަދައިން މިދިމާ ވެސް ބަލާ ހަދައި
ދެދިމާ އަށް އަޅާކިޔައި ތެދުބަސް ދެން ބުނުއްވަވާ

ވާނަމަ ދަތި ތުރާތަކާ ދާނަމަ ނެތި އަމާންކަމާ
ޒާތީގޮތް ހިފަންޏަކާ ޕާޓީތައް ނުހައްދަވާ

ވެރިވެތި ނެތް ސުލޫކުގައި ގެރި ބަކަރީ އުސޫލުގައި
ވެރިކަން ބޭނުމަސް ތިބާ އެރިދާނޭ ނުހިއްތަވާ

ކުށްވެރި ވެއްޖެ މީހަކަށް ކުށްވެރިކަމުގެ ނިސްބަތަށް
ކުށް ކޮށްގެން ލިބޭ ސަޒާ ކުށް ކަމުގައި ނުބައްލަވާ

ޙައްޤު ތަށަށް އެދޭމެހެން ޙައްޤު މަށަށް ލިބޭނެހެން
ރައްދު ނުދޭ އުޞޫލަކުން ޙައްޤު ތުޅުން ކިރުއްވަވާ

މުންކިރުވާ އަޚަށް ޓަކައި ރުންކުރު ދެން ތިބާ ވެފައި
ދުންދެކަރާސް ލިބެން އޮތަސް އުންކާރަށް ނުހިއްޕަވާ

ހެޔޮބަނދަރަށް އަމާޒުކޮށް ހެޔޮދަތުރެއް ޚިޔާރު ކޮށް
ހެޔޮމަގު ދަންނަހާ ރަނގަޅު ކެޔޮޅުން މަތި ކުރައްވަވާ

ރާއްޖެ ދެކޭ ސަގާފަތާ ބާއްޖަވެރިވި ކަރާމަތާ
މާއްދިޔަތުގެ އެދުމުގައި ދާން ދުލެއް ނުދެއްވަވާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *