އެއީ މާޒީގެ ޞަފުޙާތައް ލިޔުނު އިބުރަތުގެ އެއްދުވަހޭ
އެއީ ދިވެހީންގެ އެއްބައިވަންތަކަން ސާބިތުވި އެއްދުވަހޭ
އަޖައިބެއް ފަދަ އެ އައި ޠޫފާނުގައި މުޅިރާއްޖެ ޝާމިލުވީ
ނަގައިގެ ގެދޮރު ރާޅާގޮސް ބައެއް ރަށްރަށް ފަޅުވި ދުވަހޭ
މުދާކޮޅު މިލްކުގައި ހުރިހާ އޮޔާގޮސް ގެއްލި ނިމި ދިއުމުން
އުދާހާ ކެކުޅުމުން ހިތްތައް އެއީ ކުދިކުދިވެ ދިޔަ ދުވަހޭ
މައިންނާ އަދި ބަފައިންނާ ކުދިދަރީންނާ ހިނދުކޮޅެއްގެތެރޭ
ފެއަށް ގޮސް ގެއްލިގެންނާ މަރުވެގެންނާ ވަކިވެ ދިޔަ ދުވަހޭ
ގުނާ ގެއްލުން އަދަދު ނުވެވޭ ބުނާކަށް ގަތް ބިރެއް ނޭގޭ
ސުނާމީ ކާރިސާގެ އެއީ ޒަމާން ސިއްސާލި ކަޅުދުވަހޭ
އެހާ ބިރުވެރިކަމާ ނާމާންކަމާ ގެއްލުންތަކާ ލިބުނީ
ދެހާސްހަތަރެއް ޑިސެންބަރުމަހުގެ ސައްބީސްވަނަ އެއީ ދުވަހޭ
ވެރިންނާ ރައްޔިތުން ގުޅިގެން ޒުވާނުންނާ ދެޖިންސު ވެގެން
ކުރާންވީހައި ކަމެއް ކުރުމުން ސަގާފަތު ދެއްކި އޭ ދުވަހޭ
އަޚުންނާ އުޚުތުނަށް އެކި މިންވަރުން ކުރިމަތިވި ދަތިހާލަށް
ރަށުންނާ އަދި ރަށުންބޭރުން އެހީތައް އޮހުނު އޭ ދުވަހޭ
ތިމާގެ އަމިއްލަ ނަފުސާ ޖާނަށާ ހިތެވޭ ވަރަށް ވުރެ ވެސް
ތިމާގެ އަޚާގެ ހައްގަށް ކުލުނުވެރިކަން އިތުރުވީ ދުވަހޭ
ތަދާ ވޭނާ ލިބުނު ގެއްލުންތަކާ ރުއިމާ އޮހުނު ކަރުނާ
އަދާހަމައާއި މާދަން ވެސް ހަނދާންނުނެތޭނެ އޭ ދުވަހޭ
ނެތޭ ނުރުހޭ ހިތެއް އެދުވަހު ނެތޭ ދަހިވެތި އަތެއް އެހިނދަކު
ގޮތީދީނީ މިއޭ ބުނަމުން އެއީ ދިވެހީން ތެދުވި ދުވަހޭ
ދިވެހި ހަމަ ކޮންމެ ހިތަކާ ކޮންމެ މެއަކާ އަބަދުވެސް ލާމެހި
ރިވެތި ރަންޗޭނަކުން ވާކަން އެއީ އިއުލާނުވީ ދުވަހޭ
އެދުހު ގުރުބާން އެވީ ދެކެފާ ލިބުނު މަދަދާ އެހީ ފެނިފާ
މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަ މީ ދުވަހޭ