ދުނިޔެ ބޭނުން ނަމަ އެހެން ހުރިހައި ކަމެއްގެ ކުރިން ސަފުން
ދުނިޔެ ކިޔަވައިދޭ ފިލާވަޅު ދަސްކުރަން އަދު ވާނެޔޭ
ދުނިޔެ ބޭނުން ނަމަ މިއަދު ހިތުދަސް ކުރަން ވެސް ވާނެޔޭ
އުނި ކަމެއް ކަމުގައި ނަޒާހަތު ނުދެކި ހުރި ނަމަ ކަށަވަރުން
ހުނިޖަހައި ނެގެވޭ ގަމާރެއް ކަމު ތިބާ ނަން ވާނެޔޭ
ދުނިޔެ ބޭނުން ނަމަ މިއަދު އެނަމުން ރެކެންވެސް ވާނެޔޭ
ފުނިޖަހައި ރަންރިހި ފައުނު އުނގުތައް ފުރާ ގިނަ މަހުޖަނުން
ކުނިގަނޑެއް ކަމުގައި އަމާނަތްތެރި ތިބާ ދެކިލާނެޔޭ
ދުނިޔެ ބޭނުން ނަމަ މިއަދު މަގު ބަދަލުކޮށްލަން ވާނެޔޭ
އަނެކަކަށް ހަމްދަރުދަކަށް ވެއްޖެތަ ތިބާ ޞަދަޤާތަކުން
މުނިއަވަސް ފިލުވަން މަލާމަތް ސައިހޮޓަލުގަ ކުރާނެޔޭ
ދުނިޔެ ބޭނުން ނަމަ މިއަދު ތަޢުރީފު ހޯދަން ވާނެޔޭ
ބުނި ބަހުން ކަތިލައި އަބުރު މަގު ދެއްކި އެދުރުގެ ފުރަގަހުން
ދުނި ޖަހަން ޖެހިލުން ވި ނަމަ ބުޒްދިލް ކަމަށް ބުނެފާނެޔޭ
ދުނިޔެ ބޭނުން ނަމަ މިއަދު ޗާލާކުވާން ވެސް ވާނެޔޭ