Support Us

ރައީސް ނަޝީދު ފައްޔާޒަށް: އެމްޑީޕީ ތެރޭގައި "ބްރޯ ހެދިގެން" ނޫޅެވޭނެ

އެމްޑީޕީގެ ތެރޭގައި "ބްރޯ ހެދިގެން" ނޫޅުއްވޭނެ ކަމަށާއި އަދި ބޮޑުކަން ދައްކައި، ނުފޫޒް ފޯރުވައި ހުރިހާ ތަނަކަށް އަތްލައި ނުހެއްދެވޭނެ ކަމަށް ވިދާޅުވެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލާގައި ފައްޔާޒަށް ތާއީދުކުރާ ފަރާތްތަކުން އެކި ފޯރަމްތަކުގައި އޭނާގެ ދިފާއުގައި ހޫނު ރައްދުތަކެއް ދެމުންދަނިކޮށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ ފައްޔާޒާ މެދު ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވައިފައެވެ. އެގޮތުން ބޮޑުކަން ދައްކައި ނުފޫޒް ފޯރުވައިގެން ހުރިހައި ތަނަކަށް އަތްބާނައި ނުފޫޒް ފޯރުވައިގެން އެކިއެކި ފަރާތްތަކަށް ކޮންޓްރެކްޓްތައް ދެމުންދާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ.

އެމް.ޑީ.ޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގެ މެސެޖްތައް ލީކުކޮށްލީ އެ ޕާޓީގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޓްވީޓުތަކަކުންނެވެ. އަދި އެއީ ސައްހަ މެސެޖްތަކެއްކަން އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރަކު "އަދިވެސް" އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

މީގެ އިތުރަށް އިދިކޮޅު ފަރާތްތަކާ ފައްޔާޒް ގުޅިވަޑައިގެން ކަންތައްތަކެއް ކުރުމަށް މަގުފަހިކުރަމުން ގެންދަވާ ކަމުގެ ތުހުމަތުވެސް ރައީސް ނަޝީދު ވަނީ ކުރައްވައިފައެވެ. ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު ލިޔުއްވި މެސެޖްގައި ވިދާޅުވީ ފައްޔާޒު ވިދާޅުވެގެން ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނާ ވާހަކަދެއްކެވީ ނިޔާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާ ގުޅައިގެން ގަތްގަނޑު އެނގިވަޑައިގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބެލެވޭ ގޮތުގައި ނިޔާ އަކީ ހުލުމާލޭ ދާއިރާގެ އެމް.ޑީ.ޕީ މަޖިލިސް މެންބަރު އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.

ވަޓްސްއަޕް ގްރޫޕްގައި ފަޔާޒްގެ ދިފާއުގައި އޭނާ ވަނީ ރައީސް ނަޝީދަށް ރައްދުދެއްވައި ދިފާއުވުމަށް މަސައްކަތް ކުރައްވައިފައެވެ. އެގޮތުން މިނިސްޓަރި ފައްޔާޒް ވިދާޅުުވީ ރައީސް ނަޝީދު އޭނާއާ ގުޅޭގޮތުން ދައްކަވަނީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި އަދި ހަގީގަތާ ހިލާފް ދޮގު ވާހަކަ ނުދެއްކެވުމަށް އިހްތިރާމާ އެކު ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެމެދު ކުރެވޭ ބޮޑު ހަނގުރާމައެއްގެ ފެށުމެވެ. ޕާޓީގެ ސަޕޯޓް އޮތްގޮތެއް އަދި ޕާޓީއަށް ވާނެ ގޮތެއް ވެސް އަންދާޒާ ކޮށްލެވޭ ވަރަށް ވުރެ ބޮޑެތި ކަންތައްތަކެއް މި ވޯޓުގެ ސަބަބުން ފެންމަތިވެގެންދާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެކޮނޮމިކް މިނިސްޓަރކަން ވެސް ރައީސް ނަޝީދަށް ދެއްވާ! ފަސް ރިސޯޓު ހިންގި ސަފާރީ ޓްއާސް ބަނގުރޫޓުވެގެން ދިޔަ ގޮތުގެ ތަޖުރިބާ ނަޝީދަށް ލިބިވަޑައިގެންފައިވާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *