އޭހިތާ ތިޔަ އެނބުރެނީ ސަމުގާގެ ކޮން މިސްރާބަކަށް
ލޭހިލޭއިރު ވެސް ލޮލުން ދުނިޔޭގެ ކޮން މިއުރާޖަކަށް
ސިކުނޑިއާ ހަނގުރާމައަށް ނެރެ ހިތުގެ ބަލިކަށި އަސްމަތީ
ފިކުރުތައް ތިޔަ ފުރޮޅަނީތޯ ހެޔޮނުވާ އިތުބާރަކަށް
އުނގުމަތިންނާ ކޮނޑުމަތިންނާ އިނގިލިކޮޅުލެވި މަގުމަތިން
އެނގުނު އެއްޗެއްވެސް ނެތީތޯ މިހިރަ މާތް އިންސާނަކަށް
ހޭލުމާ ނިދުމާއި އަދި ހެލިފެލިވުމާ އެނދުމަތިވުމާ
އޭ ލިބޭ ނުފުދޭތަ ދުނިޔޭން ދޭ އެތައް އިލްހާމަކަށް
ކާމިޔާބާ ފެށްޓުމާ ނާކާމިޔާބާ ވެއްޓުމާ
ދާއިމަށް ވާ ދައުރުވުން ނުބަލަންތަ އޭ އިޢުލާނަކަށް
އިރުއަރައިގެން މެދުޖެހޭއިރު ހުންނަ ހޫނާ ދެން ފަހުން
ފިރުކެމުން ގޮސް އޮއްސުމުން ނުފުދޭތަ ދޭ އިންޒާރަކަށް