...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 8

ޔަހޫދީން ފަލަސްޠީން ހިފައި އެބިމުން އަރަބީން ބޭރުކޮށް ޤުދުސްގައި ގާއިމްވެތިބުން

ފަލަސްޠީނަށް ޔަހޫދީން ވެރިންވާން ދައްކާ މައިގަނޑު ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ. މިކަމުގައި ދެ ފިކުރެއްގެ ވާހަކަ އާދެއެވެ. މީގެތެރެއިން އެއް ވާހަކަ ނުވަތަ ނެރެޓިވް ބިނާވަނީ ހުޅަނގުގެ ސިޔާސީ މަސްލަހަތަށެވެ. މިކަމުގެ ދެވަނަ ނެރެޓިވް ބިނާވަނީ ދީނީ ސަބަބުތަކަށެވެ. ކޮންމެއަކަސް ފުންކޮށް މިކަމާމެދު ވިސްނުމުން ކަށަވަރުވާ ކަމަކީ އިސްލާމްދީނާ ދެކޮޅަށް އަދި އިސްލާމީ އުއްމަތާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ސިއްރާއި ފާޅުގައި ހިންގާ ފިތުނަވެރިކަމެވެ. އިސްލާމީ އުއްމަތް ނިކަމެތިކޮށް ހުޅަނގުގެ ބާރު މެދުއިރުމަތީގައި ބޭއްވުމަށް އެމީހުން ކުރާ ސިއްރު މަސައްކަތެވެ. މިކަމުގެ ފަހަތުގައި ސިޔާސީ، އިގުތިސާދީ އަދި ދީނީ ސަބަބުތައްވެއެވެ.

މިކަމާ ގުޅޭގޮތުން ފަހަކަށް އައިސް އެންމެ ހިތްވަރާއި ކެރުމާއެކު ވާހަކަދައްކަވާ ޢިލްމުވެރިއަކީ ޑރ. ޔާސިރު ޤާޟީއެވެ. އޭނާގެ ވާހަކައިގައި ވަރަށް ތަފުސީލުކޮށް ޔަހޫދީންގެ އެޖެންޑާ ބަޔާންކޮށްދެއްވައެވެ. އޭނާ ހާމަކުރައްވާގޮތުގައި ނަޞާރާއިންގެ ތެރެއިން އިވެންޖެލިކަލް މަޒުހަބުގެ މީހުން ދެކޭގޮތުގައި ޤިޔާމަތްވާނީ މަސީޙް ޔަޢުނީ ޢީސާ ޢަލައިހިއްސަލާމް ވަޑައިގަތުމަށް ފަހުއެވެ. އެމީހުން ދެކޭގޮތުގައި ޢީސާގެފާނު ދައްޖާލާ ހަނގުރާމަކުރައްވައި ކާމިޔާބު ހޯއްދަވާނެއެވެ. އިވެންޖެލިކަލް ނަޞާރާއިންގެ ޢަޤީދާގައި މަސީޙް އަލުން ވަޑައިގަތުމަށްޓަކައި މި ދުނިޔޭގައި ކަންތައްތަކެއް ފުރިހަމަވާން ޖެހެއެވެ. އިވެންޖެލިކަލް ކްރިސްޓިއަނުންނަކީ ކްރިސްޓިއަން އާބާދީގެ 25 އިންސައްތައެވެ. މިހާރު ދުނިޔޭގައި ދެ ބިލިއަން ނަޞާރާއިން އުޅޭ ކަމަށްވާނަމަ އޭގެތެރެއިން 500 މިލިއަން ނަޞާރާއިންނަކީ އިވެންޖެލިކަލް މަޒުހަބުގެ މީހުންނެވެ. ދުނިޔެ ގިޔާމަތްވުމަށްޓަކައި، އެމީހުން ގަބޫލުކުރާ ގޮތުގައި ފުރަތަމަ ހުރިހާ ޔަހޫދީން އަރުޟުލް މުޤައްދަސާގައި ވަޒަންވެރިވާންޖެހެއެވެ. އެހެންވެ އެމީހުން ސިއްރާއި ފާޅުގައި މަސައްކަތްކުރަނީ ދުނިޔޭގެ ހުރިހާ ޔަހޫދީން ފަލަސްޠީނުގައި އާބާދުކުރުމަށެވެ.

އަޅުގަނޑުމެންނަށް އެނގެންޖެހޭ އެއް ހަގީގަތަކީ ޒަޔޮނިސްޓްގެ ތެރޭގައި ހިމެނޭ އެންމެ އަޑުގަދަ މީހުންނަކީ އިވެންޖެލިކަލް މަޒުހަބުގެ ނަޞާރާއިންކަމެވެ. އެމީހުން އިތުރަށް ދެކޭގޮތުގައި ހުރިހާ ޔަހޫދީން ފަލަސްޠީނުގައި ޤާއިމްވުމުން ޢީސާގެފާނު ވަޑައިގެން އެކަލޭގެފާނަށް ތަބާނުވާ އެންމެންނާ ހަނގުރާމަކުރައްވައި އެ އެންމެން ބަލިކުރައްވާނެއެވެ. އެގޮތުން ޔަހޫދީން އެކަލޭގެފާނަށް ތަބާނުވެއްޖެނަމަ އެކަލޭގެފާނު ހުރިހާ ޔަހޫދީން ބަލިކުރައްވައި ނެތިކުރައްވާނެއެވެ. މިޢަޤީދާގެ އެންމެ ހެއްވާ ކަމަކީ ފަލަސްޠީނަށް ވެރިވާ ޔަހޫދީން ބަލިވެ މަރުވާނެކަމެވެ. މާނަޔަކީ އެމީހުން ޢީސާގެފާނަށް ތަބާނުވުމާއެކު އެކަލޭގެފާނު އެމީހުން ބަލިކުރައްވައި ނުވަތަ މަރުއްވައި ފަލަސްޠީނުން އެމީހުން ބޭރުކުރެއްވުމެވެ. އެހެންކަމުން ހަގީގަތުގައި އިވެންޖެލިކަލް މީހުން މިކުރާ ކަމަކީ ޔަހޫދީން ބޮޑު އަނދަވަޅަކަށް ވެއްޓުން ކަހަލަ ކަމެކެވެ.

ޔަހޫދީންގެ އެޖެންޑާ ބަޔާންކުރާ މީހުންގެ ތެރޭގައި ނޯމް ޗޮމްސްކީ ހިމެނެއެވެ. ޗޮމްސްކީ އަކީ އެމެރިކާގެ އަޝްކެނާޒީ ޔަހޫދީއެކެވެ. ޔަހޫދީން ފަލަސްޠީނަށް ޖަމާވާ ސަބަބާއި އެމީހުންނަށް ހުޅަނގުން ތާއީދުކުރާ ސަބަބުތައް ޗޮމްސްކީ ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއެވެ. އޭގެތެރޭގައި ދީނީ ސަބަބުތަކާއި ސިޔާސީ ސަބަބުތައް ހިމެނެއެވެ. ސިޔާސީ ސަބަބުތަކުގައި ހިމެނެނީ އެމެރިކާގެ ޒާތީ މަސްލަހަތު ރައްކާތެރިކުރުމެވެ. އެމީހުންގެ އިގުތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމެވެ. އެމެރިކާގެ ސިޔާސީ ބާރު ކޮންޓްރޯލްކުރާ މަހުޖަނުންގެ މަސްލަހަތުތައް ދިފާއުކުރުމެވެ. އެމެރިކާގެ މަހުޖަނުންގެ އެންމެބޮޑު ބަޔަކީ ޔަހޫދީންނެވެ. އެމެރިކާގެ މާލީ ނިޒާމާއި މީޑިއާ އޮތީ ޔަހޫދީ ކޮންޓްރޯލްގައެވެ. އެހެންކަމުން އެމީހުން ނޭދޭ މީހަކަށް އެމެރިކާގެ ވެރިކަމަކަށް ނާދެވޭނެއެވެ. މިސަބަބަށްޓަކައި މެދުއިރުމަތި ކޮންޓްރޯލްކުރުމަށްޓަކައި ޔަހޫދީ ދައުލަތަކީ އެމެރިކާއިން ފަލަސްޠީނުގައި އުފެއްދި ދައުލަތެކެވެ. ހަގީގަތުގައި އިސްރާއީލަކީ އެމެރިކާގެ ޕްރޮކްސީ ދައުލަތެކެވެ.

ޑރ. ޔާސިރު ހާމަކުރައްވާ ގޮތުގައި ޔަހޫދީންގެ ގިނަ މީހުންގެ ޢަޤީދާގައި އެމީހުންނަށްވެސް މަސީޙް ފޮނުއްވައެވެ. އެކަމަކު އެމީހުން ގާތަށް ވަޑައިގަންނަވާ މަސީޙަކީ ރަސްކަލެކެވެ. އެމީހުންގެ މަސީޙަކީ އެއްވެސް ހާލެއްގައި ދީނީ ބޭކަލެއްނޫނެވެ. އެކަމަކު އެއީ ސިޔާސީ ބޭކަލެކެވެ. ދާވޫދުގެފާނާއި ސުލައިމާނުގެފާނު ފަދައިން އެބޭކަލަކުވާނީ ރަސްކަން ކުރައްވާނެ ބޭކަލަކަށެވެ. އަދި އެބޭކަލަކު މިހާރުގެ ބައިތުލް މަޤްދިސް ހުރި ތަނުގައި އެމީހުންގެ ފައްޅި ބިނާކުރައްވާނެއެވެ. މިއީ އަދުގެ ޔަހޫދީން އެމީހުންގެ ފޮތްކަމުގައި ބަލާ ތަލްމޫދުގައި ހުރިކަމަށް ބުނާ ވާހަކައެވެ. ބައެއް މުފައްކިރުންގެ ނަޒަރުގައި އިސްރާއީލްގައި މިހާރު އޮތީ ޔަހޫދީން އިންތިޒާރުކުރި ރަސްކަމެވެ. އަދި އެއީ ޝައިޠާނީ ވެރިކަމެކެވެ. އެމީހުންގެ އަމަލުތަކަށް ބަލާއިރު އެމީހުންނަށް ގޮތެއްހެދޭވަރުގެ ބާރެއްގެ ދުނިޔެއަކު ނެތެވެ. އެގޮތުގައި އެމީހުން ވެރިކަން ކުރާތާ މިހާރު 75 އަހަރުވެއްޖެއެވެ.

އެންމެ ގަދީމީ ގޮތްތައް ގެންގުޅޭ ޔަހޫދީންނަކީ އޯތޮޑޮކްސް މަޒުހަބުގެ ޔަހޫދީންނެވެ. އެމީހުންގެ ޢަޤީދާގައިވެސް މަސީޙް ޔަޢުނީ ޢީސާގެފާނު ވަޑައިގަންނަވާނެއެވެ. އެމީހުން ދެކޭގޮތުގައި މަސީޙް ވަޑައިގަތުން ބިނާވަނީ އެމީހުންގެ ތަޤުވާވެރިކަމަށެވެ. ޔަޢުނީ އެމީހުން ސާލިހު އަމަލުގައި ދެމިތިބޭނަމަ ޢީސާގެފާނު ވަޑައިގަތުން އަވަސްވާނެއެވެ. އެހެންކަމުން ޢީސާގެފާނު ވަޑައިގަތުން އަވަސްކުރުމަށްޓަކައި އެމީހުން ޖެހެނީ ސާލިހު އަމަލުގައި ދެމިތިބޭށެވެ. އެހެންވެ މިމަޒުހަބުގެ ގިނަ މީހުން ހައްދުފަހަނަޅާފައިވާ ޔަހޫދީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެއެވެ. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނާއި މުސްލިމުންނަށް އެކުގައި އުޅެވޭނެއެވެ. މީގެ ތެރެއިން ބައެއް މީހުން ދެކޭގޮތުގައި އެމީހުން ޤުދުސްއަށް ވަންނަންޖެހޭނީ ޢީސާގެފާނު ވަޑައިގަތުމުންނެވެ.

ޑރ. ޔާސިރު ޤާޟީ ފާހަގަކުރައްވާ ގޮތުގައި ޔަހޫދީންތެރެއިން އަންނަ މީހަކު އޭނާއަކީ މަސީޙްކަމުގައި އިޢުލާންކުރާނެއެވެ. އަދި އޭނާއަށް ފުރަތަމަ ތަބާވާނީ ޔަހޫދީން ނުވަތަ އެމީހުންގެ ތެރެއިން ބައެކެވެ. އެއްވެސް އޮޅުމެއްނެތް ގޮތުގައި އެފަދަ މީހަކު ވާނީ ދައްޖާލަށެވެ. ޔަހޫދީންގެތެރެއިން ބައެއް މަޒުހަބުތަކުގެ މީހުން ދެކޭ ގޮތުގައިވެސް ޤިޔާމަތްވާނީ އެމީހުން އަރުޟުލް މުޤައްދަސާ ނުވަތަ އަލްޤުދުސްގައި ވަޒަންވެރިވެގެންނެވެ.

ޣައްޒާގައި ހަނގުރާމައިގެ ނަމުގައި ޔަހޫދީން މިހިންގާ ގަތުލުއާންމުން މާނައިން ފުރިގެންވާ ފިލާވަޅުތަކެއް ﷲގެ އިރާދަފުޅުން މުސްލިމުންނަށް ލިބިދީފިއެވެ. ސާދަ ސަތޭކަ އަހަރު ކުރިން އުޅުނުފަދަ އީމާންކަމުގެ އަހުލުވެރިން މިހާރުވެސް ދުނިޔޭގައި ތިބިކަން ފަލަސްޠީނުގެ މުސްލިމުން ސާބިތުކޮށްދީފިއެވެ. ކެތްތެރިކަމުގެ އެންމެ ފުރިހަމަ މިސާލު އެމީހުން ދައްކައިދީފިއެވެ. މުސްލިމުންގެ ޢަދުއްވުން މުސްލިމުންނާ ދެކޮޅަށް ހިންގާ ކޮންމެ ކަމެއްގައި އެމީހުންނަށް ބައިއަތު ހިފާނީ މުޝްރިކުންކަން ކަށަވަރުވިއެވެ. ޔަހޫދީންނާއެކުގައި ހަނގުރާމަކުރުމަށް ދުނިޔޭގައި އޮތް މުޝްރިކުންގެ އެންމެބޮޑު އާބާދީން އިސްނެގިތަން އަޅުގަނޑުމެންނަށް ފެނުނުއެވެ. ފަލަސްޠީނު ރައްޔިތުން ކަތިލެވެމުން ދިޔައިރު ވަށައިގެން ތިބި އަރަބިން ތިބީ ހަނުއެވެ. މިކަމުން އެނގުނީ މިހާރުވެސް މުނާފިގު ހާލުގައި ތިބި މީހުން އިސްލާމީ އުއްމަތުގައި މަދުނޫންކަމެވެ.

ﷲ ގެ އިރާދަފުޅުން މިދުނިޔެއަށް ލިބުނު ފިލާވަޅު އަދި މާބޮޑެވެ. ހުޅަނގާއި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން ދައްކާ ހުރިހާ ފިކުރަކީ ބާޠިލު ދޮގު ފިކުރުކަން ދުނިޔެއަށް ސާބިތުވިއެވެ. އިންސާނީ ހައްގުތަކާއި ހަމަހަމަކަމާއި މިނިވަންކަމާއި އިންސާފޭކިޔައިގެން އެމީހުން ކުރަމުން އައި ހުރިހާ ދައުވާއެއް ނިމިގެން މިދިޔައީ ބާޠިލަށެވެ. މިއަށްވުރެބޮޑަކަށް ދުނިޔޭގައި ބަޔަކު ބޭޒާރުވެ ފަޟީހަތެއްނުވާނެއެވެ. ދުނިޔޭގެ އެންމެން ޓީވީން ބަލަންތިއްބާ ފަލަސްޠީނުގެ މައުސޫމް މީހުން އަނިޔާވެރިކޮށް މަރައި ހުސްކުރީއެވެ. ޔަހޫދީންގެ މިޖަރީމާކުރިމަތީގައި މުޅި ދުނިޔެ އޮތީ ހަނުއެވެ. އެހެންކަމުން ހުޅަނގުން މިއޮތްހާ ދުވަހު ކުރި ދައުވާތައް މިވީ ބާޠިލް ދައުވާތަކަށެވެ. މިނިވަންކަމާއި ހައްގުތަކާއި އިންސާފުކަމަށް ބުނެ އެމީހުން ކުރި ދައުވާތައް މިވީ ހީލަތާއި މަކަރުގެ އާލާތްތަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.