ރާގު: އުފާވެރި ބުލްބުލް ޖުމްހޫރީ…
ދިލާސާ ފަތިހެއް ދޮންކޮށްލީ ވިލާތައް އުޑުގާ އަތުރާލީ
"މިލާމޯޅިވެ އެދިޔަ ގުލްޝަން" ވިލާ އައި ވާރޭން ފެހިކޮށްލީ
ޒަމާނުގެ ހިރަފުހުން ބަނަކުރި ނަމާ އަބުރާ ކަމާ މަތިވެރި
އަމާން އުދަވީ އިރުން އަލިކުރި ތަނާ އެކު ހިތްތައް ދިއްލާލީ
ޒުވާނުންނާ ދެޖިންސުގެ ހަރު ފުރާވަރު ދެއްކިގާ ހިއްވަރު
ހުވާގެ މަގާމުގާ ދަންމަރު މުޢިއްޒޭ އަލިގަދަ ރޯކޮށްލީ
ހިތަށްނާރާ ބަހުން ބަސްވެރި ފިތަށް ކުރި ފުންއަސަރު މަތިވެރި
މިތަންވަޅު ދެއްވި ޚުޠުބާއިން އުފާވެރި ކަރުނޭ ހިލުވާލީ
މުޚާޠަބުކޮށް ދިވެހި ދިދަޔާ މަގާސިދު އޮތް ދިވެހި ގައުމާ
މުނާސިބުވީ އިބާރާތުން މުވާޠިނު ޒިންމާ ތިލަކޮށްލީ
ޤިޔާދަތު ވާނެހެން ރައްކާ ސިޔާސަތު ވާނެހެން ފައްކާ
ރިއާސަތު އާ ގޮތުން ދައްކާ ޚިޔާލުގެ ދިދަތައް ފޮޅުވާލީ
މިދީބުގެ ހެޔޮ ސަގާފަތުގާ މިޖީލުގެ އާ ހަޔާތެއްގާ
މިދީނުގެ ހިޔަލުގައި ދިވެހީން ތިބޭނޭ ޗާޓެއް ކުރަހާލީ
އައޭ އުންމީދުތައް ދިރިގެން އައޭ އާއަޒުމުތައް ހިލިގެން
އައޭ މާޒީ އަލުން ފެނިގެން ސަލާމަށް އަތްތައް ދިއްކޮށްލީ