...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 4

ފަލަސްޠީނާއި އެ މީހުންގެ ޒަމާންވީ ތާރީޚާއި އެމީހުންގެ ދީނާއި ބަސް

ފަލަސްޠީނުގެ ތާރީޚްގެ މައްޗަށް ވަރަށް ގިނަ ޢިލްމީ ފޮތްތައް ލިޔެފައިވެއެވެ. ޔަހޫދީންނާއި ނަޞާރާއިން ލިޔެފައިވާ ގިނަ ފޮތްތަކުގައިވަނީ ތަޢައްސުބްގެ އޮއިވަރެވެ. އެފަދަ ފޮތްތަކުގައި ބޮޑަށް ޒުވާބުދީފައިވަނީ އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައެވެ. އަނެއްކޮޅުން މުސްލިމުންނާއި ޢަރަބީން ލިޔެފައިވާ ގިނަ ފޮތްތަކުގައި އެމީހުން މަސައްކަތްކޮށްފައިވަނީ ޙައްޤު ނުވަތަ ތެދު މައުލޫމާތު ހާމަކުރުމަށެވެ. ޣައިރު މުސްލިމުން ދުށްގޮތުގައި އަރަބިންނާއި މުސްލިމުން ލިޔެފައިހުރި ފޮތްތަކުގައިވެސް ހުރީ ތަޢައްސުބްއެވެ. އެއީ އެމީހުންގެ ޒުވާބުގައި ގަދީމީ ފަލަސްޠީނެއް އޮތްކަން ސާބިތުކޮށްދޭތީއެވެ. މުސްލިމުންނެކޭ އެއްފަދައިން ބައެއް ޣައިރު މުސްލިމުން ޙައްޤު ބަޔާންކޮށް ލިޔެފައިވާ ފޮތްތައްވެސް މަދުންނަމަވެސް ހުރިކަން ފާހަގަކުރަންޖެހެއެވެ.

ބައިބުލްގައި ތަކުރާރުކޮށް ފިލިސްޓީން ނުވަތަ ފިލިސްޓައިންގެ ވާހަކަ އައިސްފައިވެއެވެ. އެގޮތުން މިނަން އެންމެ ފުރަތަމަ ބަޔާންކޮށްފައިވަނީ އޯލްޑް ޓެސްޓެމަންޓްގެ ފުރަތަމަ ފޮތް ޖެނެސިސްގެ 10 ވަނަ ބާބުގައެވެ. މީގެ އިތުރަށް ސެމިއުލްއާއި ކިންގްސް މި ދެ ފޮތުގައިވެސް "ފިލިސްޓީން"ގެ ވާހަކަތައް އައިސްފައިވެއެވެ. މިއިން ކަށަވަރުވާ ކަމަކީ ކަންޢާންގެ ދުވަސްވަރު ނުވަތަ އިބުރާހީމް ޢަލައިހިއްސަލާމްގެ ޒަމާނުގައި މިހާރުގެ ފަލަސްޠީނުގެ ބިމުގައި ފިލިސްޓައިން ނަމަކަށް ކިޔުނު ރަށެއް އޮތް ކަމެވެ. އަދި މިހާރުގެ ފަލަސްޠީނާއި މިދެންނެވި ރަށާއި ކޮންމެވެސް ކަހަލަ ގުޅުންތަކެއް ހުންނާނެކަމެވެ.

ކެއިތް ޑަބްލިއު ވައިޓްލެމްގެ 'ރިވީލިންގ ހިސްޓްރީ އޮފް އޭންޝަންޓް ޕެލަސްޓައިން' މިފޮތުން ދޭހަވާގޮތުގައި ޢީސާ ޢަލައިހިއްސަލާމްގެ 1200 އަހަރު ކުރިން ފަލަސްޠީން އޮތެވެ. ވައިޓްލެމް އޭނާގެ ޢިލްމީ ފޮތްތަކުގައި ޙައްޤު ތާރީޚް ހާމަކުރިކަމަށްޓަކައި އިސްރާއީލަށް ތާއީދުކުރާ މީހުން ވަރަށްބޮޑަށް އޭނާ ކުށްވެރިކޮށް ފާޑުކިއެވެ. ވައިޓްލެމްގެ އިތުރަށް އެހެން ބައެއް ޣައިރު މުސްލިމުންގެ ފޮތްތަކުން އެނގޭގޮތުގައި ރަންވަންލޯގެ ޒަމާން ނުވަތަ ބްރޯންޒް އޭޖްގައި މިހާރުގެ އިސްރާއީލް އޮތް ބިމުގައި ފިލިސްޓައިން ނަމަކަށް ކިޔާ ރަށެއް އޮތެވެ. ބްރޯންޒް އޭޖަކީ ގާތްގަނޑަކަށް ޢީސާގެފާނުގެ 1000 ވަރަކަށް އަހަރު ކުރިއެވެ. އެދުވަސްވަރަކީ އިންސާނުން ދިރިއުޅުމުގައި ރަންވަންލޯގެ ބާވަތްތައް ބޭނުންކުރި ޒަމާނެވެ.

ޕްރޮފެސަރ ޑރ. ނޫރް މަޞާލްޙާ، އޭނާގެ ފޮތް 'ޕެލަސްޓައިން، އަ ފޯ ތައުސަންޑް އިޔަރ ހިސްޓްރީ’ގައި ބަޔާންކުރާ ގޮތުގައި ގްރީކް ލިޔުންތެރިން ކަމުގައިވާ ހެރޮޑޮޓަސްއާއި އެރިސްޓޮޓްލް، އެމީހުންގެ ލިޔުންތަކުގައި ފެލަސްޓީން މިނަން ބޭނުންކޮށްފައިވެއެވެ. ޢީސާގެފާނުގެ 484 އަހަރު ކުރިން އެމީހުން މިނަން ބޭނުންކޮށްފައިވަނީ މިހާރު ފަލަސްޠީން އޮތްތަނުގައި އޮތް ބިމަކަށެވެ. އަދި ހެރޮޑޮޓަސްގެ ލިޔުންތަކުގައި ފަލަސްޠީނު މީހުންނާއި ސޫރިޔާ މީހުންނާއި ފޮނީސިއަނުން ނުވަތަ ފީނިޤިއްޔަ މީހުން ވަކިކޮށްދީފައިވެއެވެ. އަދި ފެލަސްޓީންއަކީ ސީރިޔާގެ ބައެއްކަމުގައި އޭނާ ބަޔާންކޮށްފައިވާ ކަމަށް މަޞާލްޙާ ބަޔާންކުރެއެވެ. މިރަށުގައި ފަލަސްޠީނު މީހުންގެ އިތުރަށް އުޅުނީ ފޮނީޝިއަނުންނާއި ޢަރަބީންނާއި މިސްރު މީހުންނާއި އަދިވެސް ބައެއް އެހެން ތަންތަނުގެ މީހުން ކަމުގައި ހެރޮޑޮޓަސް ލިޔެފައިވެއެވެ.

މަޞާލްޙާ ބަޔާންކުރާ ގޮތުގައި ފުރަތަމަ ފަހަރަށް ޗާޓުގައި ފަލަސްޠީނުގެ ނަން ހިމެނީ ގްރީކް ޖިއޮގުރަފީ އުސްތާޛުންނެވެ. އެއީ ގާތްގަނޑަކަށް މީލާދީން 100 ވަނަ އަހަރުން ފެށިގެންނެވެ. މިޗާޓުގައި ސީރިޔާއާއި ޖެހިގެން އޮތް ތަނެއްގެ ގޮތުގައި ފަލަސްޠީން ފާހަގަކޮށްފައިވެއެވެ. ފަހުން ޓޮލަމީ ތައްޔާރުކުރި ދުނިޔޭގެ ޗާޓުގައި ޕެލަސްޓީނާ، ސީލީ ސީރިޔާ، ފޮނީޝިއާ ވަކި ތިން ގައުމުގެގޮތުގައި ފާހަގަކުރިއެވެ. 135 ވަނަ އަހަރު އޭރުގެ ރޯމަން އެމްޕަރަރ ހެޑްރިއަން ސީރިއާ ޕެލަސްޓީނާ މިނަމުގައި ޕްރޮވިންސެއް އުފެއްދިއެވެ. ރޯމަނުންގެ ވެރިކަމުގައި މިސަރަހައްދުގެ ރަށްރަށުގެ ނަންތައް ބަދަލުކުރިއެވެ. މީލާދީން ހަތަރުވަނަ ގަރުނުގައި ރޯމަނުންގެ ވެރިކަން އިރުމަތީ ރޯމަން އެމްޕަޔަރ ނުވަތަ ނަޞާރާ ބައިޒަންޓީންގެ ވެރިކަމަށް ބަދަލުވިއެވެ. ނަޞާރާ ބައިޒަންޓީން ވެރިކަން ހަތްވަނަ ގަރުނަށް ދެމިގެންދިޔައެވެ. މިދުވަސްވަރު ފަލަސްޠީނުގެ ނަން ޕެލަސްޓީންގެ ގޮތުގައި ބައިޒަންޓީންގެ ރޯމަނުން ބޭނުންކުރިއެވެ.

މީލާދީން ހަތަރުވަނަ ގަރުނުގައި ނަޞާރާ ވެރިކަމުގެ ދުވަސްވަރު ޢަރަބީން މިސަރަހައްދަށް ހިޖުރަކުރަންފެށިއެވެ. މިތަނަށް ހިޖުރަކުރި ޢަރަބީން އުނގެނި ދަސްކުރަމުންއައީ އިބުރާހީމްގެފާނުގެ ދަރިފަސްކޮޅެވެ. ހިޖުރަކުރި ޢަރަބީންނަކީ އިބުރާހީމްގެފާނުގެ އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން އައި މީހުންނެވެ. އެމީހުން ދަސްކުރަން އުޅުނީ އެމީހުންގެ އަޚުންކަމުގައިވި އިސްޙާޤުގެފާނު ދަރިފަސްކޮޅެވެ. މިމަޢުލޫމާތު އެމީހުން ދަސްކުރީ ނަޞާރާއިންނާއި ޔަހޫދީންގެ ފަރާތުންނެވެ. މިދުވަސްވަރުގެ ވާހަކަތަކުގައި ފަލަސްޠީނުގެ ނަޞާރާއިންގެ ވާހަކަތައް ލިޔެވުނެވެ. އެވާހަކަތައް މިހާރުވެސް ނަޞާރާއިންގެ ކެތޮލިކް އަދި އޯރތޮޑޮކްސް ފައްޅިތަކުގައި ރެކޯޑްކުރެވިފައި އެބަހުރިއެވެ. ފަލަސްޠީނަށް ހިޖުރަކުރަމުން ދިޔަ ޢަރަބީންނާއި ދަތުރުވަރީގައި ފަލަސްޠީނަށް އައި ޢަރަބީންގެ ސަބަބުން މި ދުވަސްވަރު ފަލަސްޠީނުގައި އުޅުނު މީހުންގެ މެދުގައި ޢަރަބި ބަސް ވަރަށް ބޮޑަށް ފެތުރުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.