Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 3

ޔަހޫދީންނާއި އެމީހުންގެ ތާރީޚާއި ދީން

ޔަހޫދީންގެ މައިގަނޑު އަގީދާއަކީ އެއްކައުވަންތަ އިލާހު ނުވަތަ ﷲ ވޮޑިގެންވާކަމުގެ އަގީދާއެވެ. ﷲ އެމީހުންނަށް ޢަހުދު ހިއްޕެވިކަމަށް އެމީހުން ގަބޫލުކުރެއެވެ. އެކަމަކު އިސްލާމް ދީން ބަޔާންކުރާހެން ސާފުކޮށް ސީދާކޮށް ދީނުގެ އަސްލުތަކާއި މައިގަނޑުތައް ޔަހޫދީން ފާހަގަނުކުރެއެވެ. ޖުޑައިޒަމް ބޭސިކްސް މިފޮތުގައި ޖޭކަބް ނޮސްނަރ ބަޔާންކުރާ ގޮތުގައި ޔަހޫދީން އެމީހުންގެ ދީނުގައި ތިންކަމެއް ފާހަގަކުރެއެވެ. އެއީ މުޖުތަމަޢު ނުވަތަ ގައުމު، އެމީހުންގެ ދުނިޔަވީ ފަލްސަފާ، އަދި އެމީހުންގެ ދިރުއުޅުމުގެ ގޮތްތަކެވެ. އެހެންކަމުން ދީނުގެ ކަންކަން އެމީހުންނަކަށް ސާފުކޮށް ބަޔާންކޮށް ނުދެވެއެވެ. އާންމުކޮށް އެމީހުން ހެދިގެން ތިބެނީ އެމީހުންނަކީ ބަނީ އިސްރާއީލް ކަމުގައެވެ. އަދި އެމީހުންގެ ފޮތަކީ ތައުރާތުކަމަށް އެމީހުން ދައްކައެވެ. އެމީހުންގެ ތެރެއިން އެއް ބަޔަކު ގަބޫލުކުރާގޮތުގައި މަރުވުމަށްފަހު އަލުން ދިރުއްވައެވެ. އަނެއް ބަޔަކު ގަބޫލުކުރާގޮތުގައި މަރުވުމަށްފަހު އެހިސާބުން ހުރިހާ ކަމެއް ނިމުނީއެވެ.

އަދުގެ ޔަހޫދީންނަކީ އެތައް ބައިވަރު ގޮތްތަކަށް ބެހިގެން އުޅޭ ބައެއް ކަމުގައި އޭން އިންޓްރޮޑަކްޝަން ޓު ޖުޑައިޒަމް މިފޮތުގައި ނިކޮލަސް ޑިލޮންގޭ ފާހަގަކުރެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށްވުރެ ބޮޑަށް އަސްލު ޔަހޫދީންނަށް ވެގެން އުޅޭ ބަޔަކަށް އެމީހުން ވެއެވެ. އޭނާ އިތުރަށް ހާމަކުރާގޮތުގައި ޔަހޫދީންގެ ދީނީ އެންމެ އިސްބަޔަކީ އެންމެބޮޑެތި ފާދިރީންކަމުގައި އެމީހުން ދެކޭ ރައްބީންނެވެ. ނިކޮލަސް އިތުރަށް ފާހަގަކުރާގޮތުގައި މިއަދުގެ ޔަހޫދީން އެމީހުންގެ ފޮތަކަށް ބަލަނީ ތަލްމޫދްއެވެ. މިއީ ތައުރާތުގައިހުރި ވާހަކަތައްކަމަށް އެމީހުން ހަދައިގެން އުޅޭ ފޮތެވެ. ބައިބުލްއަކީވެސް ޔަހޫދީން ގަބޫލުކުރާ އެމީހުންގެ އެއް ފޮތެވެ. އެއީ އެފޮތުގައިވެސް ތައުރާތާއި ޒަބޫރާއި އިންޖީލުގެ ބައިތައް ހިމެނިފައިވާތީއެވެ.

ދީނީގޮތުން އަދުގެ ޔަހޫދީން ތިން ބަޔަކަށް ބެހެއެވެ. އެއީ އޯރތޮޑޮކްސް، ކޮންޒަވެޓިވް، އަދި ރިފޯރމް ޔަހޫދީންނެވެ. އޯރތޮޑޮކްސް ޔަހޫދީން ގަބޫލުކުރާގޮތުގައި މަސީޙް ނުވަތަ ޢިސާގެފާނު ވަޑައިގެން ޔަހޫދީ ދީން ފުރިހަމަކުރައްވާނެއެވެ. އެގޮތުން އަލްޤުދުސްގައި ފައްޅި ބިނާކުރައްވައި ހުރިހާ ޔަހޫދީން މިހާރުގެ އިސްރާއީލަށް އެއްކުރައްވާނެއެވެ. ގަޑުބަޑުކޮށްފައި އޮތް މިދީނުގެ ހުރިހާ ކަމެއްހެން ހުރީ ބާޠިލުގެ މައްޗަށެވެ. އަދި އަދުގެ ޔަހޫދީންނާއި އެމީހުންގެ ދީން ބިނަވަނީ ހީލަތާއި އޮޅުވާލުމުގެ މައްޗަށެވެ. މިކަން ކީރިތި ޤުރްއާނާއި ރަސޫލުﷲ ގެ ސުއްނަތުން ކަށަވަރުވެއެވެ. އެކަމަކު ފާހަގަކުރަންޖެހޭ ކަމަކީ ޔަހޫދީންގެތެރެއިން ﷲ އަށް އީމާންވެ ރަނގަޅަށް އުޅޭ މީހުންނަށް ﷲ ގެ ރުއްސެވުން އޮތް ކަމެވެ. މިކަން ސޫރަތުލް ބަޤަރާގެ 62 ވަނަ އާޔަތުން އެނގެއެވެ.

މިހާރު ދުނިޔޭގައި އުޅޭ ޔަހޫދީން ނަސްލީގޮތުން މައިގަނޑު ތިން ބަޔަކަށް ބެހެއެވެ. ޔަހޫދީންގެ ފުރަތަމަ ބާވަތަކީ ބަނޫ އިސްރާއީލްގެ ދަރިފަސްކޮޅުން އައި ޔަހޫދީންނެވެ. ބައިބުލްގައި ބަޔާންވެފައިވާ ޔަހޫދީންނަކީވެސް މިބައިގައި ހިމެނޭ ޔަހޫދީންނެވެ. މީގެތެރެއިން ބަޔަކު އަންދަލުސްއަށް ހިޖުރަކޮށް މުސްލިމުންގެ ވެރިކަމުގައި އުޅުނެވެ. މިގޮތަށް އަންދަލުސްއަށް ހިޖުރަކުރި ޔަހޫދީންނަށް ސެފާޑިކް ޔަހޫދީންނޭ ކިޔައެވެ. އެމީހުން ފުރަތަމަ އުޅުނީ އަރުޟުލް މުޤައްދަސާއާއި އެބިމުގެ ވަށައިގެންވާ ބިންތަކުގައެވެ. ފަހުން އެއީ ފަލަސްޠީނާއި ވަށައިގެންވާ ގައުމުތަކެވެ.

މިއަދު މިފެންނަ ޔަހޫދީންގެ ދެވަނަ ބާވަތަކީ އަޝްކެނާޒީ ޔަހޫދީންނެވެ. ކެރިންޓަން ހިޗަކް އޭނާގެ ފޮތް 'ސިނަގޮގް އޮފް ސެޓާން' ގައި ބަޔާންކުރާގޮތުގައި މީލާދީން 740 ވަނަ އަހަރު ޚަޒާރިއާ ނަމަކަށް ކިޔާ ގައުމެއް އިރުމަތީ ޔޫރަޕުގައި، މިހާރުގެ ޖޯޖިއާ އޮތް ހިސާބުގައި އޮތެވެ. އެމީހުންނަކީ ބުދަށް އަޅުކަންކުރި ބައެކެވެ. އެމީހުންގެ ވަށައިގެން އެވަގުތު އޮތް ބޮޑު ދެ ބާރަކީ މުސްލިމުންނާއި ނަޞާރާއިންނެވެ. މި ދެބައި މީހުން ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށްޓަކައި ރަސްގެފާނު ބުލަން ޔަހޫދީ ދީނަށް ވަދެ އޭނާގެ ގައުމުގެ އެންމެން ޔަހޫދީންނަށް ހެދިއެވެ. މި މީހުން ފަހުން މުޅި ޔޫރަޕަށް ފެތުރުނެވެ. އަޝްކެނާޒީ ޔަހޫދީންނަކީ ނަސްލީގޮތުން ބަނޫ އިސްރާއީލްގެ ޔަހޫދީންނާ އެއްވެސް ވަރަކަށް ގުޅުން ހުރި ބައެއް ނޫނެވެ. މިއަދު ފަލަސްޠީނަށް ވެރިވެ ތިބި ޔަހޫދީންގެ ގާތްގަނޑަކަށް 90 އިންސައްތައަކީ އަޝްކެނާޒީ ޔަހޫދީންނެވެ.

މިލާދީން 1880 ގެތެރޭގައި ޔޫރަޕްގައި އެންޓިސެމިޓިޒަމްގެ ނަމުގައި ހަރަކާތެއް ފެށުނެވެ. މިއީ ޔަހޫދީ ދީނާ ނުވަތަ ނަސްލާ ދެކޮޅަށް ފެށުނު ހަރަކާތެކެވެ. އެންޓިސެމިޓިޒިމްގައި ޔޫރަޕުގެ މުޖުތަމަޢުއިން ޔަހޫދީން އެކަހެރިކުރަން ފެށުނެވެ. މިގޮތަށް އެކަހެރި ކުރަންޖެހުނު ސަބަބެއް ކަމުގައިވަނީ ޔަހޫދީންނާ އެހެން މީހުންނާ ދެމެދު ޖެނެޓިކް ތަފާތުތައް ހުރިކަމަށް ޔޫރަޕް މީހުންނަށް ގަބޫލުކުރެވުމެވެ. މި ދުވަސްވަރު ޔޫރަޕްގައި މިކަން ވަރަށްބޮޑަށް ފެތުރި ޔަހޫދީން ވަރަށް ބޮޑަށް ބާކީކުރެވުނެވެ. ނަތީޖާއަކަށްވީ އެމީހުންނަށް ވަޒަނެއް ހޯދުމުގެ ބޭނުން ޖެހުމެވެ.

ޔަހޫދީންގެ ތިންވަނަ ބާވަތަކީ ޒަޔޮނިސްޓް ޔަހޫދީން ނުވަތަ ސަހުޔޫނީންނެވެ. މިއީ ޔަހޫދީންނަށް ދާއިމީ ވަޒަނެއް ހޯދަން ޔޫރަޕްގައި ފެށުނު ސިޔާސީ ހަރަކާތެކެވެ. މީލާދީން ނަވާރަވަނަ ގަރުނުގައި ފެށި މިހަރަކާތުގެ ބާނީއަކީ އަޝްކެނާޒީ ޔަހޫދީއެއްކަމުގައިވާ ތިއޮޑޯރ ހަރޒުލް އެވެ. 1897 ވަނަ އަހަރު ޒަޔޮނިޒަމްގެ ނަމުގައި މިހަރަކާތް ފެށުނީ ސްވިޒަލަންޑްގައެވެ. ޒަޔޮނިސްޓް ފުރަތަމަ ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓީ ތިއޮޑޯރ ހަރޒުލްއެވެ. ޔަހޫދީން ޒަޔޮން މިބަސް ނަގާފައިވަނީ އެމީހުންގެ އާދަކާދަތަކާއި ގުޅުވައިގެންނެވެ. ބައިބުލް ބަޔާންކުރާގޮތުގައި މިއީ ޤުދުސްގައި ހުރި ދެ ފަރުބަދައެއްގެ އެންމެ އިރުމަތީ ފަރާތަށް ދެވިފައިވާ ނަމެވެ. ޒަޔޮނިސްޓުން ނުވަތަ ސަހްޔޫނީންގެ މަގުސަދަކަށްވީ ކޮންމެ ގޮތެއް ހަދައިގެންވެސް ޔަހޫދީންގެ ގައުމެއް އުފެއްދުމެވެ.

މީލާދީން 1917 ވަނަ އަހަރު އިނގިރޭސި ޚާރިޖީ ވަޒީރު އާރތަރ ޖޭމްސް ބެލްފަރ ޒަޔޮނިސްޓް ހަރަކާތަށް ތާއީދުކޮށް ފަލަސްޠީނުގައި ޔަހުދީ ދައުލަތެއް ގާއިމްކުރުމަށް ގަރާރެއް އެކުލަވާލިއެވެ. ސެފާޑިކް ޔަހޫދީއެއްކަމުގައިވާ ބެލްފަރގެ މިގަރާރަށް އިނގިރޭސި ވިލާތާއި ހުޅަނގުގެ ތާއީދު ލިބުނެވެ. މިހާހިސާބުން ޔޫރަޕްގައި ތިބި ޔަހޫދީން މަޑުމަޑުން ފަލަސްޠީނަށް ހިޖުރަކުރަންފެށިއެވެ. އަދި ދުވަހެއް ދުވަހަކަށް ފަލަސްޠީނަށް ހިޖުރަކުރި ޔަހޫދީ އާބާދީ އިތުރުވިއެވެ. އެޑޮލްފް ހިޓްލަރ ޖަރުމަނުގައި ޔަހޫދީންނާ ދެކޮޅަށް ހިންގި އަނިޔާއާއި ގުޅިގެން ދުނިޔޭގެ ހަމްދަރުދީ އެމީހުންނަށް އަމާޒުވިއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޒަޔޮނިސްޓުންގެ މަސައްކަތް ކާމިޔާބުވެ ޔަހޫދީންގެ ދައުލަތެއް އިސްރާއީލްގެ ނަމުގައި 1948 ވަނަ އަހަރު އުފެދުނެވެ. އިސްރާއީލްގައި މިހާރު އުޅޭ ޔަހޫދީންގެ ގިނަ މީހުންނަކީ އަޝްކެނާޒީ ޔަހޫދީންގެތެރެއިން އުފެދުނު ޒަޔޮނިސްޓް ޔަހޫދީންނެވެ.

ޒަޔޮނިސްޓް ފަލްސަފާއަކީ ޔަހޫދީންނާއި އެމީހުންގެ ނަސްލާއި އެމީހުންގެ ވަޒަނަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމެވެ. އިންސާނިއްޔަތުކަމަކީ އެމީހުން ދަންނަ ކަމެއް ނޫނެވެ. މުޅި ޒަޔޮނިޒަމް ބިނާވެފައި އޮތީ މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ހުރިހާ ކަމެއް ކުރުމަށެވެ. ސޫރަތުލް މާއިދާގެ 82 ވަނަ އާޔަތުން މިމީހުންގެ ނުބައިކަން އެނގެއެވެ. އިސްރާއީލް ދައުލަތެއްގެ ގޮތުގައި އުފެދިގެން މިވީ 75 އަހަރުތެރޭ އެމީހުން ކަން ކޮށްފައިވަނީ މިދެންނެވި ގޮތަށެވެ. އެމީހުން ހިންގާ މިޖަރީމާގައި އަބަދުވެސް މުސްލިމުންގެތެރެއިން މަދު ބަޔަކު ނަމަވެސް، ހައްލައިގެން އެމީހުންގެ ބޭނުންހިފައެވެ. އަދި އެމީހުންގެ ކޮޅަށް މުޅި ދުނިޔެ ލަންބުވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *