Support Us

މިއަދު ފަލަސްޠީނުގެ ހާލު

ކަރުނަތައް ރަތްލޭގެ އޮހޮރޭ ދެލޮލަކުން ނިމުމެއް ނެތޭ
މަރުގެ ދުންމާރީގެ އަޑުފަށް ރަށުތެރޭން ކެނޑުމެއް ނެތޭ

އޮއްސުނަސްއިރު އުދަވިޔަސްހަނދު މެންދުރަސް އަދި މެންދަމަސް
އޮއްސަމުންދާ ބޮމުގެ ވާރޭ ތުނިވެލާ ވަގުތެއް ނެތޭ

އެއްގަމުން ހަމަލައިގެ ޠޫފާނީ ވަޔާއި ބުރުއްސަމުން
އަންނަ އަލިފާނީ ވަޒަންތައް ހައިވެލާ މިނެޓެއް ނެތޭ

ތުއްތު ފެންކަޅިލޯތަކާ ބިރުވެރި ލެވޭ ނޭވާތަކާ
ހުއްޓުވަން މަންމަގެ އޮހޭ ލޭކަރުނަ ނޫން މަދަދެއް ނެތޭ

ކުކުރުމާ ރުއިމާއި މަންމަގެ ނުކުޅެދޭ ހާލަށް ޓަކައި
ފިކުރުވެރި ބައްޕާގެ މާޔޫސީ މެނޫން ބޭހެއް ނެތޭ

ރަށުގެ އުސް ތިރި ކުދި ބޮޑެތި ފުނޑުފުނޑުވެދާއިރު ތައް ބިނާ
ދަށުވެގެން މަރުވުން މެނޫން ލިބިދޭ ހިމާޔާތެއް ނެތޭ

ލޭގެވާދީއެއް ފަލަސްޠީނުގެ ބިމުން ދެމިގެންފިޔޭ
އޭގެ އަގު ދެއްކޭނެ މާއްދީ ފޯރުމެއް ދުނިޔޭން ނެތޭ

ޒަހަރު ހިތި މުޅި ރަށުތެރަށް ހީވޭ ފެތުރިފާހެން އޮތީ
ސަހަރުގައި ފަރުވާއަކަށް ހުސް ކަރުނަ ނޫނިއްޔާ ނެތޭ

ހާލަތާ އެކުވެސް މުޖާހިދު ހިތްތަކުގެ މުޅި ވިންދުގައި
ކާމިޔާބުގެ މީރު ރަހަ ނޫން ރާހަތެއް އަމުދުން ނެތޭ

ދުޝްމިނީ ހަމަލާތަކަށް ދޭ، ރައްދު ދޭން ކެރި ފޯރިއަސް
މުސްލިމީ ދައުލަތްތަކަށް "މިނިވަންކަމެއް" މަހިތުން ނެތޭ

ޣަފުލަތުގެ ތަންމަތިތަކަށް އެތިބީ އަޚުން ހުރިހައި އަރާ
ނަފުރަތުގެ މިޖެހޭ ޑަނޑޫރާތައް މެނޫން ދެއަޑެއް ނެތޭ

ހެޔޮ އަމާން ދުވަހެއް މިއަށްވުރެ ދައްކަވާނދޭ ربنا
ހެޔޮދުޢާ ނޫނީ ނެގޭނެ ސިލޭހައެއް އަތުގާ ނެތޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *