ރާގު: ލަގުޖާ ގަލޭ…
ގިސްލައި ރޮނީ ބިނާ އެ މުޤައްދަސް ބިމާ އިމޭ
ފިސްފިސްވަމުން ދަނީއެ ފަލަސްޠީނު މާތް ބިމޭ
އަޑުބަޑު ނުކެނޑި ބަޑީގެ ޖަހާ އުންޑަތަކު ތެރޭ
ކުޑަކުޑަ ދަރީން ވެތާށި އިމާރާތް އެ ތަކުތެރޭ
ކެނޑިނޭޅި އޮއްސަނީއެ މިސައިލާ އެކީ ބޮމޭ
ފިސްފިސްވަމުން ދަނީއެ ފަލަސްޠީނު މާތް ބިމޭ
ޣައްޒާއެއީ ވުޖޫދުވި ބަރަކަތުގެ މާތް ރަށޭ
ފައްސާށެ ފޭކުރާށެ ޔަހޫދީން ނުބައި ފޮށޭ
ޖައްސާތުރާގެ ހާލަތު ފެނުނަސް ވިރޭ މިމޭ
ފިސްފިސްވަމުން ދަނީއެ ފަލަސްޠީނު މާތް ބިމޭ
ޤުދުސަށް ޓަކައި ފިދާވެ ފަލަސްޠީނު ރައްޔިތުން
އެދެމުން ދަނީ އެހީއަށެ އާދޭހުގައި ކަތުން
މަދަދުގެ އަތުން ފޮހޭށެ އޮހޭ ކަރުނައިން ތެމޭ
ފިސްފިސްވަމުން ދަނީއެ ފަލަސްޠީނު މާތް ބިމޭ
ވެހިދާށި ހެޔޮ އިނާޔަތު ރަޙުމަތުގެ ވާރެޔާ
ޖެހިލާށި މާމަތިން ހެޔޮ ސުލްހައިގެ ރޯޅިޔާ
ކެހިދާށި ފުސްވިލާއެ ނުރައްކާތަކުން ދެމޭ
ފިސްފިސްވަމުން ދަނީއެ ފަލަސްޠީނު މާތް ބިމޭ