ދާސްތާ ހަޔާތުގެ މާދިގޭ، ކިހިނެއް ކިޔައިދޭނީ މިހެން
ރާސްތާ ކަށިން ފުރިފައިވިޔަސް، ލާޒިމްވެޔޭ އެގޮތާ ރުހެން
ހުޅުވައިލަމުން އެކި ބާބުތައް، ކިޔުމަށް ދެލޯ ހިންގައިލިޔަސް
އޮޅުލައިގަތީމާ، އަސަރުތައް، ނުކިޔާ ދެލޯ ޖެހެނީ ފުހެން
ލައްޕައިލިޔަސް ނުކިޔާ ބައެއް، ފޮޅުވަތްތަކާ ޞަފްޙާތަކާ
ހިއްޕައިލަނީ ހިތު ވަކިތަކެއް، އެ ހަނދާންތަކޭ ފަށަނީ ކެހެން
ކުރިޔަށް ލިޔާން އޮތް ބާބުތައް، ލިޔުމަށް އުޒުރުވެރި ހިތް ވިޔަސް
ފުރިހަމަނުކޮށް ކުރިޔަށް ދެވެން، އެއްވެސް ގޮތެއް ނެތް ހަމައެހެން
ތަޤުދީރުގައި އޮތް ގޮތް މިއީ ކަން ވިސްނަމުން ކުރިޔަށް ދަމާ
ވަގުތާ ޒަމާނާ ފޮރޮޅިގެން ދާނޭ ކުރިން ވެސް ކަނިވިހެން
ކޮންފަދަ ނަޞީބެއް ބާ އޮތީ، ނޭނގޭ ހަޔާތުގެ ކުރިމަތީ
ކަންފަތިވިޔަސް، އުއްމީދުތައް، ޞަފްޙާ ދެތިން އެބައޮތް އެހެން