Support Us

ނަރަކައިގެ އަހްލުވެރީންގެ ކޮއްތު: ޒައްޤޫމު- 2

ޒައްޤޫމު ގަހަކީ ދުނިޔޭގައި ވާ ގަހެއްތޯ ނުވަތަ ނޫންތޯ ސުވާލު ކުރެވެއެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި ޢަރަބިކަރައިގެ ނަޖިދުގެ އުތުރުގައި ހެދޭ، ވަރަށް ހިތި މޭވާއެއް އަޅައި މަންޒަރު ހުތުރު ގަހަކަށް ޒައްޤޫމު ގަހޭ ކިޔައެވެ. އެހެނަސް ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ޢަރަބިން ދަންނަ ގަހެއް ނޫނެވެ. މި ގަހުގެ ވާހަކަ އައިސްފައި ވަނީ ހަމައެކަނި  ޤުރްއާނުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَمَالِئُونَ مِنْهَا الْبُطُونَ[1] – ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.) މާނައަކީ އެމީހުންގެ ބަނޑުތައް ފުފިގެންދާ މިންވަރަށް ޒައްޤޫމު ކާނެތެވެ. ބަނޑުހައިވެފައިވާލެއް  ބޮޑުކަމުންނެވެ. ދެން ވަނީ ކިހިނެއްތޯއެވެ. (فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ[2] – ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.) އެއީ ޒައްޤޫމު ކެއުމުން އެމީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެތީއެވެ. އެމީހުން ފެންފޮދަކަށް އެދުމުން އެމީހުންނަށް ދެވޭނީ ކެކި ހުންނަ ފެނެވެ. ނުވަތަ (ޙަމީމު) އެވެ. ދަންނަބޭކަލުން ވިދާޅުވާގޮތުގައި ޙަމީމަކީ ނަރަކައިގެ އަހްލުވެރީންގެ ގައިން ނުކުންނަ ދިޔަތަކެވެ. އެއީ ކެކިހުންނަ ހޫނު ކޮންމެ އެއްޗެކެވެ. އެމީހުން މި ފެން ބޮނީ ކިހިނެއް ހެއްޔެވެ؟ މި ގޮތް ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ. (فَشَارِبُونَ شُرْبَ الْهِيمِ[3] – ފަހެ، ފެންބޮވައިގެންފައިވާ جملތައް ފެންބޯފަދައިންނެވެ.) هيم އަކީ ފެންބޮވައިގެންފައިވާ ޖަމަލެވެ. އޭތި ކިތަންމެވަރަށް ފެން ބުޔަސް ކަރުހިއްކުން ފިލައިގެން ނުދެތެވެ. ފެން ބުއިން ގިނަވެގެންގޮސް އޭތި މަރުވަނީއެވެ. މިއީ މަގުފުރެދިގެންވާ ދޮގުކުރާ ކާފަރު އިންސާނާގެ ޙާލަތެވެ. އޭނާއަށް ޒައްޤޫމު ގަހުން ކާންޖެހޭނެއެވެ. އެއިން ބަނޑުފުރުމުން ފެންބޯން ޖެހޭނެއެވެ. ކެކިހުރި ހޫނު ފެނެވެ. ނަރަކައިގެ އަހްލުވެރީންގެ ގައިން ނުކުންނަ ފާ ދިޔަތަކެވެ.

ދެން އަންގަވަނީ މިއީ އެމީހުންނަށް ޤިޔާމަތްދުވަހުން ފައިބާ ތިބެން ޖެހޭ ހޮޓަލެވެ. އެއީ ފަސް ތަރީގެ ހޮޓަލެކެވެ. މި ހޮޓަލުގައި ޒައްޤޫމު ގަސްތައް ހެދިފައި ހުންނާނެތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (هَذَا نُزُلُهُمْ يَوْمَ الدِّينِ[4]– قيامة ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.)

ޒައްޤޫމާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ ދެވަނަ ބަސްފުޅު އައިސްފައި ވަނީ އައްޞާއްފާތު ސޫރަތުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ( أَذَلِكَ خَيْرٌ نُزُلًا أَمْ شَجَرَةُ الزَّقُّومِ[5]– ضيافة އެއްގެގޮތުން މޮޅީ އެ ތަން ހެއްޔެވެ؟ ނުވަތަ زقّوم ގަސް ހެއްޔެވެ؟) ޟިޔާފަތަކީ މެހެމާންދާރީ އެވެ. މާތް ﷲ މި ޟިޔާފަތު ތައްޔާރު ކުރެއްވީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲ އެކަން އަންގަވައި ވަޙީކުރެއްވިއެވެ. (إِنَّا جَعَلْنَاهَا فِتْنَةً لِلظَّالِمِينَ[6]– ހަމަކަށަވަރުން، އަނިޔާވެރިންނަށް އޮތް امتحان އެއްކަމުގައި ތިމަންރަސްކަލާނގެ އެ ގަސް ލެއްވީމެވެ.)

ޒައްޤޫމު ގަހުގެ ސިފަތައް

މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ [7]– ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެން ހެދޭ ގަހެކެވެ.) އަބޫޖަހްލާއި އޭނާއާ އެކުގައި ތިބި މީހުން އެމީހުންގެ ބުއްދީން ޤިޔާސްކޮށް ބުނީ ކީކޭތޯއެވެ؟ ނަރަކައިގައި ގަހެއް ނެހެދޭނެއެވެ. އަލިފާނުގެ ސަބަބުން އެ ގަސް އަނދާނެއެވެ. މިބައިމީހުންނަށް ރައްދު ދެއްވައި ވަޙީކުރެއްވިއެވެ. (إِنَّا جَعَلْنَاهَا فِتْنَةً لِلظَّالِمِينَ * إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ* طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ [8]– ހަމަކަށަވަރުން، އަނިޔާވެރިންނަށް އޮތް امتحان އެއްކަމުގައި ތިމަންރަސްކަލާނގެ އެ ގަސް ލެއްވީމެވެ. ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެން ހެދޭ ގަހެކެވެ. އޭގެ މޭވާ، شيطان ންގެ ބޯތަކެކޭ އެއްފަދައެވެ.) އެ ގަހުގެ މަންޒަރު ހުތުރުކަމުން މާތްﷲ މި ގަސް ޝައިޠާނަކާ އެއްފަދަ އެއްޗެއް ކަމަށް ސިފަކުރެއްވީއެވެ.

އެއަށްފަހު މާތްﷲ ވަޙީކުރެއްވިއެވެ. ((ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ[9] -ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ.) މާނައަކީ ބުރަ މަސައްކަތާއެކު ޖަލަށް ލެވިފައިވާ ބަޔަކު ފަދައިން ނަރަކައިގެ އަހްލުވެރިން އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެއެވެ. މާތްﷲ ސިފަކުރައްވައިފައިވާ ގޮތުން ކެއުމަށްފަހު އެމީހުން ޖަޙީމަށް އިޢާދަކުރެވޭނެތެވެ.

މާތްﷲ ރުއްސުންލެއްވި ސަޢީދު ބިން ޖުބައިރު ވިދާޅުވިއެވެ. "ނަރަކައިގެ އަހްލުވެރިން ބަނޑުގައިވުމުން ކާއެއްޗެއް ދިނުމަށް އެދި ހޭރޭނެތެވެ. އެމީހުންނަށް ކެއުމަށް ދެވޭނީ ޒައްޤޫމެވެ. އެމީހުންގެ ބޯ މައްޗަށް ވިއްސާރަ ވިލާތައް އަރާނެތެވެ. އެމީހުން  ހީކުރާނީ އެ ވިލާގަނޑުން ވެހޭ ވާރޭއިން ނަރަކައިގެ އަލިފާންގަނޑު ނިވާނެކަމަށެވެ. އެހެނަސް މި ވިލާގަނޑުން ވެހޭނީ އަލިފާނުގެ ވާރޭއެވެ. އެމީހުން ޒައްޤޫމު ކާނެތެވެ. އެކަމުގެ ސަބަބުން އެމީހުންގެ މޫނުމަތިން ހަންތަކާއި މަސްތައް ނޮޅި އުތުވިގެން ދާނެއެވެ. މޫނުމަތި އޮންނާނީ ކަށިގަނޑަކަށް ވެފައެވެ. ކާކުކަން ދެނެގަންނާކަށް  ނޭނގޭނެތެވެ. ކާފަރުންނާއި ފުރެދިގެންވާ މީހުންނާއި ދޮގުކުރާ މީހުންނާއި އަނެކުންގެ މައްޗަށް ބޮޑާވެގަތްފައިވާ މީހުންގެ ޙާލަކީ މިއެވެ. އެކަކު އަނެކަކު ނޭނގޭނެތެވެ. އެމީހުން ކައިފިނަމަ ކަރުހިއްކައިގަންނާނެތެވެ. ތެޔޮކުނޑި ބާވަތުގެ ހޫނުކަންގަދަ ފެނެއް ބޯނެތެވެ. އެ މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. އެމީހުންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ. އެއިން އެމީހުންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވިގެންދާ ހުށްޓެވެ. އަދި އެމީހުންނަށް އަދަބުދެއްވުމަށް ޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ. އެމީހުންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން ނުކުންނަން އުޅެފި ކޮންމެ ހިނދެއްގައި، އަލުން އެތަނަށް އިޢާދަ ކުރައްވާ ހުށްޓެވެ. މާތް ﷲ ވަޙީ ކުރައްވާނީ ނަރަކައިގެ އަލިފާނުގެ ޢަޒާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! އެމީހުން އެމީހުންގެ ނަފްސުތަކަށް ބަދުދުޢާކުރާނެތެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (لا تَدْعُوا الْيَوْمَ ثُبُورًا وَاحِدًا وَادْعُوا ثُبُورًا كَثِيرًا [10]– މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށް އެދި ނުގޮވާށެވެ! އަދި އެތައް ހަލާކުތަކަކަށް އެދި ތިޔަބައިމީހުން ގޮވާށެވެ!) އެމީހުން ބުނާނެތެވެ! އޭ ހުރި މުޞީބާތެއްގެ  ބޮޑު ކަމާއެވެ!  އޭ ހުރި ކާރިސާއެއްގެ ބިރުވެރިކަމާއެވެ! އޭ ހުރި ހަލާކެއްގެ ނުބައިކަމާއެވެ!

ޒައްޤޫމަކީ ނަރަކައިގެ އަހްލުވެރިންނަށް ލިބޭ ފުރަތަމަ ކާނާއެވެ. އެއީ އެމީހުންނަށް ނަރަކައިން ކިޔާ މަރްޙަބާގެ ސުފުރާމަތީގައި ހިމެނޭ ކާނާއެވެ. ކައު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (لو أنّ قطرةً منَ الزقومِ قُطِرَتْ في دارِ الدنْيا، لأفسدتْ على أهلِ الدنيا معايشَهم، فكيفَ بمنْ تكونُ طعامُهُ؟[11]– ޒައްޤޫމު ތިއްކެއް ދުނިޔޭގެ ބިމަށް ވެއްޓުނުނަމަ ދުނިޔޭގައި އުޅޭ އެންމެތަކުންގެ ދިރިއުޅުން ފާސިދުވެގެން ހިނގައިދާނެތެވެ. ފަހެ އެމީހެއްގެ ކެއުން ކަމުގައި ޒައްޤޫމު ވީ މީހާގެ ޙާލު ވާނީ ކޮންފަދައަކުން ހެއްޔެވެ؟)

ނަރަކައިގެ އަހްލުވެރީންގެ ކާނާގެ ތެރޭގައި ޣިސްލީން ކިޔާ އެއްޗެއް ވެއެވެ. މާތްﷲ މި ކެއުން ބަޔާންކޮށް ދެއްވައި ވަޙީ ކުރެއްވިއެވެ. (فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ*وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ*لَا يَأْكُلُهُ إِلَّا الْخَاطِئُونَ[12]– ފަހެ، މިއަދު މިތާކު އޭނާއަކަށް ރަޙްމަތްތެރިޔަކު ނުވެއެވެ. އަދި ޣިސްލީން މެނުވީ (އެބަހީ: ނަރަކައިގެ އަހްލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ. ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.) ޣިސްލީނަކީ ނަރަކައި އަހްލުވެރީންގެ ފާރުގަނޑުގަނޑުން ފައިބާ ދޮސްތަކެވެ. މިއީ ﷲގެ މަގުން ކައްސައިލައިފައިވާ މީހުންނަށް ބަރުދާސްތުކުރަން ޖެހޭ ޢަޒާބުގެ ތެރޭގައި ހިމެނޭ އެތިކޮޅެކެވެ.

ނަރަކައިގެ އަހްލުވެރީންނަށް ކާން ލިބޭ އެއްޗެހީގެ ތެރޭގައި ޟަރީޢު ކިޔާ މޭވާއެއް ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (لَيْسَ لَهُمْ طَعَامٌ إِلَّا مِنْ ضَرِيعٍ* لَا يُسْمِنُ وَلَا يُغْنِي مِنْ جُوعٍ [13]– ޟަރީޢުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ.) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.) ޟަރީޢު ކިޔަނީ ކަށި ހުރި، ވިހަ މޭވާއަށެވެ. އެއީ އޭގައި އެއްވެސް ކަނާދެއް ހުރި ކާއެއްޗެއް ނޫނެވެ. މިއާޚިލާފަށް އެ ކެއުމުން ލިބޭނީ ގެއްލުމާއި ހަލާކެވެ.

ނަރަކައިގެ އަހްލުވެރީންނަށް ލިބޭ ކާނާގެ ސިފަތަކުގެތެރޭގައި ކަރުގައި އަޅައިގަތުން ވެއެވެ. الله سبحانه ވަޙީކުރެއްވިއެވެ. (إِنَّ لَدَيْنَا أَنْكَالًا وَجَحِيمًا*وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا[14]– ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައި ކަސްތަޅުތަކާއި ނަރަކަވެއެވެ. އަދި ކަރުގައި އަޅައިގަންނަ ކާނާއާއި، ވޭންދެނިވި عذاب ވެސްމެއެވެ.) މީތިކޮޅު އަޅައިގަތީމާ މައްޗަކަށް ވެސް އަދި ތިރިއަކަށް ވެސް ނުގޮސް ހުންނާނެތެވެ.

ޤިޔާމަތް ދުވަހުން ކާފަރުންނަށް އެހީވެދޭނޭ ހަމަ އެކަކުވެސް ނުހުންނާނެތެވެ. އެމީހުންނަށް އިޙްތިރާމެއް ޤަދަރެއް ނުލިބޭނެތެވެ. الله تعالى ވަޙީ ކުރެއްވިއެވެ. (أُولَئِكَ الَّذِينَ كَفَرُوا بِآَيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا[15]– އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާންޖެހޭނެކަމަށް كافر ވި މީހުންނެވެ. ފަހެ، އެއުރެންގެ عمل ތައް باطل ވެފައިވެއެވެ. ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ.) މީގެ އިތުރަށް އެމީހުން ވާނީ ﷲގެ ރަޙްމަތުން މާޔޫސްވެފައެވެ. الله عزّ وجلّ ވަޙީކުރެއްވިއެވެ. (وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ [16]– އަދި އެއުރެން اللَّه ގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާނެ ކަމާމެދު كافر ވެ، إنكار ކުރި މީހުން (ދަންނާށެވެ!) އެއުރެންނީ، ތިމަންރަސްކަލާނގެ رحمة ން، ނާއުންމީދު ވެފައިވާ ބަޔެކެވެ. އަދި އެއުރެންނީ އެއުރެންނަށްޓަކައި ވޭންދެނިވި عذاب ހުރި މީހުންނެވެ.)

[1]  –  الواقعة : 53

[2]  – الواقعة: 54

[3]  – الواقعة: 55

[4]  – الواقعة: 56

[5]  – الصافات: 62

[6]  – الصافات: 63

[7]  – الصافات: 64

[8]  – الصافات: 63- 65

[9]  – الصافات:68

[10] – الفرقان:14

[11]  – سنن الترمذي ٢٥٨٥  ، السيوطي :  الجامع الصغير ٧٣٩٨

[12] – الحاقة :  35- 37

[13]  – الغاشية  : 6-7

[14]  – المزمل : 12-13

[15]  – الكهف :  105

[16]  – العنكبوت :  23

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *