އެ ނޫރުން ވިދާލީ އުޑާ ދިވެހި ބިންތައް
ޖުނޫނުން ފިލާގޮސް އުޖާލާވެ ހިތްތައް
ކުނޫޒަށް ނުވާ އުނި އަމާން ހުޅުވި ދޮރުތައް
ފުނޫނަށް އައީ ހެޔޮ ޢުލޫމީ އޮހުންތައް
ސަލާމަތުގެ ވިރުވާއަޅާ އަޑު ޣިނާތައް
ފަލާހުގެ އަރާ އުފުލިއޭ އުސް ބިނާތައް
ކަލާމުގެ އޮހޭ ރީތި އިއްވާ ސަނާތައް
ހަލާކުން ސަލާމަތް މިވީ ދިވެހި ރަށްތައް
އެއީ ނަސްރު މެކިގެން ވިދާލީ ފަނާރޭ
އެއީ ފަތަޙަ ގުޅިގެން އުފުލިލީ މަނާރޭ
އެއީ ރީތި ޚުލްޤާ ޚަޞީލަތުގެ ފާރޭ
އެއިންނޭ ނިއުޅިލީ ހަޔާތުގެ އުފާތައް
الهى މިބިން ލައްވަވާނދޭ އަލީގައި
ކިލާކަން އެކީގޮސް މިގައުމުގެ ވަލީގައި
ހިލާ ދެން ނުޖެހި ދީބު ކުފުރުގެ ބަލީގައި
ވިލާއިން އަބަދު ވެއްސަވާ މީރު ތިކިތައް