Support Us

ފުވައްމުލަކު ބާބާގާޑިޔަލުގެ އިއްޔެގެ އާމްދަނީ އެއްކޮށް ފަލަސްތީނަށް

މިއީ އާދައިގެ ގާޑިޔަލެއް ނޫނެވެ. ފުވައްމުލަކު ސިޓީގެ ދަޑިމަގު، ދަނޑު ސަރަހައްދުގައި އޮންނަ ވަރަށް ޒަމާނީ "ބާބާގާޑިޔާ" އަކީ އެ ރަށުގެ ކޮންމެ ސަރަހައްދަަކަށް ދަތުރުކޮށް އާއްމުންނަށް ކެެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އަދި ގިނަ ބައެއްގެ މަގުބޫލްކަން ހޯދައިފައިވާ ގާޑިޔަލެކެވެ.  "ބާބާގާޑިއާ" ގިނަ ބައެއްގެ ސަމާލުކަން މިއަދު ހޯދައިފައި މި ވަނީ އިޒުރޭލުން ފަލަސްތީނުގައި ކުރިއަށް ގެންދާ ލާއިންސާނީ އުދުވާނާ ގުޅިގެން ހާލުގައި ޖެހި ނިކަމެތިކަން ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ބާބާގާޑިޔަލަށް އިއްޔެ ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކުރުމާ އެކުގައެވެ.

ބާބާގާޑިޔަލުގެ ވެރިޔާ، ހަސަން އަތީގު (އަތީގު ކަލޯ) "އަދިވެސް" އަށް މިއަދު ކިޔައިދިން ގޮތުގައި އިއްޔެ ގާޑިޔަލަށް ލިބުނު އަށް ހާހަށްވުރެ ގިނަ ރުފިޔާ ފަލަސްތީނު ފަންޑަށް ހަދިޔާކުރީއެވެ.

"ބާބާގާޑިޔަލަށް އިއްޔެ ލިބުނު ހުރިހާ ފައިސާއެއް މި ހަދިޔާ ކުރީ ފަލަސްތީނަށް،" އަތީގު ބުންޏެވެ.

ގާޑިޔާގެ ފަންޑް ރެއިސިން އިއްޔެ ކުރިއަށް ދިޔައިރު "ފުވައްމުލަކު ރައްޔިތުން މޮރޮކޯ ލީބިއާ އަދި ފަލަސްތީނާއެކު" މި ނަމުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ފަންޑްރެއިސް ކުރުމުގެ ހަރަކާތެއް ވެސް އިއްޔެ ވަނީ ބާއްވައިފައެވެ.

އަތީގު ބުނިގޮތުގައި އިއްޔެ އޭނާގެ ގާޑިޔަލަށް ލިބުުނު ފައިސާއިން ދެ ބައިކުޅަ އެއްބައި ހަދިޔާކުރީ އެ އިވެންޓްގައި ބަހައްޓައިފައި ހުރި ފަލަސްތީނުގެ ފަންޑު ފޮއްޓަށެވެ. އަނެއް ބައި، ކައުންސިލްގެ އެކައުންޓަށެވެ.

އަތީގު ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ ގާޑިޔާ ހިންގަން ފެށީ ކޮވިޑް-19ގެ ޕެންޑަމިކްގައި، އޭނާ ވަޒީފާ އަދާކުރި ރިސޯޓް ބަންދުކުރީމާ، ރަށުގައި ހުރެގެން އާމްދަނީއެއް ހޯދާނެ މަސައްކަތެއް ކުރުމުގެ ބޭނުމުގައެވެ. އެގޮތުން އެންމެ ފުރަތަމަ ވަރަށް އާދައިގެ ގޮތަކަށް، ގޭގެ ގޯތިތެރޭގައި، މަގަށްވާ ގޮތަށް އޮންނަ ސަރަހައްދުގައި ހިންގަމުން އައި މި ގާޑިޔަލަށް "ބާބާގާޑިޔާ" ކިޔުނީ އޭނާގެ ވަނަމަކަށް ބާބާ ކިޔާތީ ކަމަށް އަތީގު ބުންޏެވެ.

އަތީގު ބުނިގޮތުގައި އެންމެ ފުރަތަމަ އެ ގާޑިޔަލަށް ވަކި ނަމެއް ނުކިޔައެވެ. ނަމަވެސް މިހާރު ގާޑިޔަލުން ދޭ ހިދުމަތް ފުޅާކޮށް ގިނަ ބަަޔަކު ބޭނުންވާ ގޮތަށް މެނޫ އިތުރުކޮށް ވިޔަފާރި ފުޅާކުރުމާ އެކު ގާޑިޔަލަށް "ބާބާގާޑިޔާ" އޭ ކިޔުނީ މީހުން އެހެން ކިޔާ އެނަން ހަރުކޮށްފައިވާތީ ކަމަށް އަތީގު ބުންޏެވެ.

"ރަށު މީހުން ކިޔާނީ އަބަދުވެސް ހިނގާށޭ ބާބާ ގާޑިޔަލަށް ދާން. އެހެން ކިޔަމުންކިޔަމުން ގޮސް އެނަން ހަރުކޮށްފައި އޮތީ،" ހިދުމަތް ހޯދަން ދާ ކޮންމެ މީހަކާ ވެސް ވަރަށް ގާތްކޮށް މެހެމާންދާރީ އަދާކުރާ އަތީގު ބުންޏެވެ.

އެންމެ ފުރަތަމަ ފަސް ބޮނޑި ސޮސެޖާއި ކުރުނބަލާއި ހެދިކާ އަދި ލުއި ބުއިން ހިމަނައިގެން ހިންގަން ފެށި މި ގާޑިޔަލުން މިހާރު ރަށުގެ ރައްޔިތުން ބާއްވާ އެކި ކަހަލަ ޕާޓީތަކާއި ހަފުލާތަކާއި ބީޗު ސަރަހައްދުގެ އިތުރުން ރަށުގެ މަދަރުސާތަކުގެ އެކިއެކި އިވެންޓްތަކަށް ކޭޓާ ކުރެއެވެ. މީގެ އިތުރުން ރަށުތެރޭގެ އެކިއެކި ސަރަހައްދުތަކަށް ޑެލިވަރީގެ ހިދުމަތް ވެސް ދެމުން އަންނަ ކަމަށް އަތީގު ބުންޏެވެ.

"އެންމެ މީހުން މަގުބޫލްވަނީ ބާބަކިއުގެ ހިދުމަތާއި ޝަވަރުމާއަށް. ދެން 24 ގަޑިއިރު ކުރިން އޯޑަރު ދިނީމަ އެކިއެކި އެހެން ކާއެއްޗެހި ކޭޓާ ކޮށްދެން،" އަތީގު ބުންޏެވެ.

އަތީގު ބުނިގޮތުގައި މިހާރު އިތުރު ވަޒީފާއެއް އަދާކުރުމުގެ ވިސްނުމެއް ނެތެވެ. އަދި ގާޑިޔަލުގެ ވިޔަފާރި ހިންގައިގެން އޭނާގެ ކުޑަކުޑަ އާއިލާއާ އެކު ވަރަށް ވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭ ވަރަށް އާމްދަނީ ލިބޭތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ބާބާގާޑިޔަލުގެ ވިޔަފާރި ފުޅާވެގެން ގޮސް އެ ރަށަށް ޒިޔާރަތް ކުރާ ގިނަ ބައެއް ހިތްހަމަޖައްސާލައި ރައްޓެހިންނާ އެކު މަޑުކޮށްލައި ކޮފީ ބޯލައި، ކަރޯކޭ ޖައްސައި، އަނގަތަޅާލަން ދާ ތަނަކަށް ބާބާގާޑިޔާ ވެފައިވާއިރު އެ ގާޑިޔަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރޭގައި ޓޫރިސްޓުން ވެސް ހިމެނެ އެވެ.

ރަށުގެ މީހުންގެ އިތުރުން މާލެއިން އެ ރަށަށް ޒިޔާރަތްކުރާ ވަފުދުތަކުގެ ބޭފުޅުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އެ ގާޑިޔަލަށް ޒިޔާރަތްކުރާ ކަމަށާއި އެގޮތުން މިދިޔަ އަހަރު ފުވައްމުލަކު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ކުރެއްވި ދަތުރުފުޅުގައި ވެސް އެ ގާޑިޔަލަށް ޒިޔާރަތް ކުރައްވައި، އެ ގާޑިޔަލަށް ސޯލާ ޕެނަލެއް ހަދިޔާ ކުރައްވާފައިވާ ކަމަށް ވެސް އަތީގު ބުންޏެވެ.

"ރައީސް ދެއްވި އެ ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓް ނަގަން ދުވާލު ވަގުތު،" އަތީގު ބުންޏެވެ.

އަތީގުގެ މި ވިޔަފާރީގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ އޭނާގެ ދެ ރަހުމަތްތެރިން ކަމުގައިވާ ސަވާދާއި ޒިޔާ އެވެ. އަތީގު ބުނިގޮތުގައި މިހާ ފުރިހަމަކޮށް ގާޑިޔަލުގެ ވިޔަފާރި ކުރިއަށް ގެންދެވެނީ އެ ދެ އެކުވެރީންގެ އެހީތެރިކަން ލިބޭތީ އެވެ.

ފުވައްމުލަކުގެ އަދި ރަށަށް ޒިޔާރާތްކުރާ ގިނަ ބައެއްގެ އުފާވެރިކަމާ ގުޅިފައިވާ މި ގާޑިޔަލަށް ހަވީރުފިނި ޖެހުމާ އެކު ގިނަ ބަޔަކު ގާޑިޔާ ސަރަހައްދު ފުރާލައެވެ. ފުވައްމުލަަކަށް ޒިޔާރަތްކުރާ ގިނަ މެހެމާނުން ވެސް ބާބާގާޑިޔަލަށް ޒިޔާރަތްކޮށްނުލައި މިހާރު ހިތްހަމައެއް ނުޖެހެއެވެ. އެއީ އަތީގުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *