Support Us

ފަލަސްޠީނު

ރާގު: ޔާމެރީ މަންޒިލްބަތާ….

ނާރުތައް ހިމަ ހިތުގެ ހީވީ ދިޔަހެނޭ ބުރިބުރިވެގެން
ފާރުކޮށް މުޅި ތޮރުފި މޭ ގޮސް ލަގޮނޑިއާ ކުދިކުދިވެގެން

އަތް ފަޔާ ގުނަވަންތަކާ ކެނޑި ވަކިވެ ގޮސް މަގުތައް މަތީ
ތަތްވެފާ އެތިބީ ލެޔާ ކުދިކުދި ދަރީން ލޭ ހުސްވެގެން

ބުރިކުރާ ކަނދުރާތަކުން ބޯތައް އެ މައުސޫމީ ހަށީން
ކުރިމަތީން ފެނި މައިންގެ އެދަނީ ހިތްތަކޭ ފަޅިފަޅިވެގެން

ބައްޕަ ކަތިވެ ޝަހީދުވެއްޖޭ މަންމަ ވެސް ގެއްލިއްޖެއޭ
ލައްކަ ފުން ކަރުނޭ ވަނީ ކުދިކުދި ދަރީން ލޯ ބަރުވެގެން

ގެދޮރުތައް ފުނޑުފުނޑު ވަނީ ތިބި އާއިލާ މަގުމަތިވަނީ
ވަދެލެވޭނެ ނެތޭ ހިޔާވައްސެއް ރޮނީ ބަނޑު ހައިވެގެން

ރޯއަޑާ ކުކުރުންތަކާ ވޭނީ އިވޭ އާދޭސްތަކުން
ލޯތަކުން ކަރުނައިގެ އޮހެނީ ސައިލެކޭ އޮބިނޯވެގެން

ލޭގެކޯރޭ ރަށުތެރޭގައި ކަނޑު ފަދައިން ދެމެމުން ދަނީ
ވޭނެކޭ ބުންޏަސް މިއީ ވާ ވޭނެނޭ ވީ ބޮޑުވެގެން

ބަޑިތަކާ ބޮންތަކުގެ ގޮވުމާ ޙަރުބަވީ އާލާތްތަކުން
އަޑު ކަނޑައިގެންނެއް ނުދޭ މުޅި ރޭދުވާ ހަމަހަމަވެގެން

ހިތްތަކަށް ކުޅަދާނައެއް ނޫނޭ މި މަންޒަރުތައް ދެކޭން
އަތްތަކުން އަނިޔާގެ ގެންދާ ވަންނިތައް އިރު ހުސްވެގެން

ބިންތަކުން މުސްލިމް ފަލަސްތީނުގެ މިއަދު ފެނިގެން މިދާ
އިންތިހާ އަނިޔާ ވަނީ މުޅި އިންތަކުން ހުރި ނެއްޓިގެން

ކުޑަވިޔަސް އަސަރެއް ދިރޭ ވާ ކޮންމެ އިންސާނީ ހިތެއް
މަޑުވެގެން އޮވެދާނެތޯ އެހިތެއް ނުގޮސް ފުނޑުފުނޑުވެގެން

ލޭގެ ގުޅުމާ އޭގެ ޙައްގާ އަދު ކޮބައިތޯ މުސްލިމީ
ނޭގިފައިތޯ އެތިބެނީ ދައުލަތްތަކެއް ކަންނެތްވެގެން

ޙައްގު އިންސާނީ ކޮބައިތޯ އަޑު އެ ނަމުގައި އުފުލިދާ
ޙައްގަކީ ފަހެ ބާރުތޯ އިންސާފު ނެތި ގޮސް ގެއްލިގެން

ލަދުޖެހޭގަންނަން އަމާނާތް އުފުލި އަހުލުން ބިންމަތީ
އަދު ކޮބައިތޯ ޢަހުދުތައް އޮތް އެއުރެނަށް ލާޒިމުވެގެން

ياالهى މުސްލިމުންނަށް ފަތަޙައާ ނަސްރާ އެދޭ
މާ އުފާވެރި ދެއްވަވާދޭ ވާ ހަޔާތެއް އަލިވެގެން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *