...

Support Us

ނަރަކައިގެ އަހްލުވެރީންގެ ކޮއްތު: ޒައްޤޫމު- 1

މާތް ﷲ އިންސާނުންނަށް ހެޔޮމަގު ދެއްކެވުމަށް ޓަކައި ރަސޫލުބޭކަލުން ފޮނުއްވިއެވެ. އެބޭކަލުން ﷲގެ ތަޢުޙީދުގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވިއެވެ. ﷲގެ ޝަރީޢަތް ބަޔާންކޮށްދެއްވިއެވެ. އެބޭކަލުން މެދުވެރިކުރައްވާ ފޮތްތައް ބާވައިލެއްވިއެވެ.

އެއަށްފަހު މާތް ﷲ މީސްތަކުންނަށް އިސްލާމްދީން ޤަބޫލުކުރުމާއި ނުކުރުން އެމީހުންގެ އިޚްތިޔާރަށް ދޫކޮށްލެއްވިއެވެ. އެއްވެސް މަޖްބޫރު ކަމެއް ނެތިއެވެ. الله تعالى ވަޙީކުރެއްވިއެވެ. (وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ [1]– އަދި ކަލޭގެފާނު ވިދާޅުވާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން އައިސްފައިވާ حق ތެދެވެ. ފަހެ، ބޭނުން މީހަކު إيمان ވާށެވެ! އަދި ބޭނުން މީހަކު كافر ވާށެވެ!)

މާތް ﷲ މި ވަނީ އިންސާނާގެ ކުރިމަތީގައި ރަނގަޅު މަގާއި ނުރަނގަޅު މަގު ބަޔާންކޮށް ދެއްވައިފައެވެ. އޭނާއަށް އޮތީ މި ރަނގަޅު މަގު އިޚްތިޔާރުކުރުމެވެ. ނުވަތަ މި ނުބައިމަގު އިޚްތިޔާރުކުރުމެވެ. އެއިން ކޮންމެ މަގަކުން ހިނގިކަމުގައި ވިޔަސް އޭނާއަށް ނިމުމަކާ ހަމައަށް ދާން ޖެހޭނެކަން ﷲ ތަޢާލާ ބަޔާންކުރައްވައިފައި ވެއެވެ.

ﷲއަށާއި އެކަލާނގެ ރަސޫލާއަށް އީމާންވި މީހާއަށް އޮތީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެވެ. އޭނާއަށް އާޚިރަތް ދުވަހުގައި އޮތީ ފަނާވުމެއްނެތް ދާއިމީ ނިޢުމަތެވެ. ﷲއަށް ކާފިރުވެ އެކަލާނގެ ޝަރީއަތަށް ފުރަގަސްދީ ކާފަރުވި މީހާއަށް އޮތީ ވޭންދެނިވި ނިމުމެކެވެ. އާޚިރަތް ދުވަހުން އޭނާއަށް އޮތީ ނިމުމެއްނެތް ދާއިމީ ޢަޒާބެވެ. ކީރިތި ޤުރްއާނުގައި އަރަހުށި الله ވަޙީކުރެއްވިއެވެ. (فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي جَنَّاتِ النَّعِيمِ*وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا فَأُولَـئِكَ لَهُمْ عَذَابٌ مُّهِينٌ[2]– إيمان ވެ صالح عمل ތައް ކުޅަ މީހުން ވާހުށީ، نعمة ގެ ސުވަރުގެތަކުގައެވެ. އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް إهانة ތެރިކަން ދެނިވި عذاب ހުށްޓެވެ.)

ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި ކާފަރުންނަށް ހުރި ޢަޒާބުގެ ވާހަކަތައް އައިސްފައި ވެއެވެ. ޖަހަންނަމައިގެ ނަންތަކާއި ސިފަތައް ބަޔާންކުރައްވައިފައި ވެއެވެ.

މާތްﷲ ބަޔާންކުރައްވައިފައިވާ ފަދައިން ނަރަކައިގެ ޢަޒާބަކީ ދަރަކަ [3] ތަކެކެވެ. އެމީހެއްގެ ނުބައި ޢަމަލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެންމެންނަށް އެއް ޢަޒާބެއް ނޫނެވެ. އެއް އަދަބެއް ނޫނެވެ. ނަރަކައިގެ ޢަޒާބު ސިފަކޮށްދެއްވައި ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ. (وَمَا أَدْرَاكَ مَا سَقَرُ*لا تُبْقِي وَلَا تَذَرُ*لَوَّاحَةٌ لِلْبَشَرِ[4]– އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ. ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.)

ޒައްޤޫމަކީ ޢަޒާބުގެ ބާވަތެއް

ނަރަކައިގެ އަހްލުވެރިންނަށް ދެއްވާ ޢަޒާބުގެތެރޭގައި ޒައްޤޫމު ގަސް ވެއެވެ. މި ގަހުގެ ވާހަކަ ކީރިތި ޤުރްއާނުގައި الواقعة ސޫރަތާއި الصافات ސޫރަތުގައި ވާރިދުވެފައި ވެއެވެ. މިއީ ޤިޔާސީ މަސްއަލައެއް ނޫނެވެ. އަލިފާނުގެތެރޭގައި ގަހެއް ނުހުދޭނެޔޭ ކިޔާ ޖަދަލުކުރާ މީހުންނަށް ޢިލްމުވެރީން ރައްދު ދެއްވަނީ ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުންނެވެ.

މާތްﷲ ވަޙީކުރެއްވި ފުރަތަމަ ބަސްފުޅަށް ބަލާލަމާ ހިނގާށެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. (ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ * لَآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ * فَمَالِئُونَ مِنْهَا الْبُطُونَ * فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ * فَشَارِبُونَ شُرْبَ الْهِيمِ * هَذَا نُزُلُهُمْ يَوْمَ الدِّينِ [5]– އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ.  ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ. ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ. ފަހެ، ފެންބޮވައިގެންފައިވާ جمل ތައް ފެންބޯފަދައިންނެވެ. قيامة ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.)

ވީމާ މިއީ ޢަޒާބުގެ ފުރަތަމަ ބާވަތެވެ.

ﷲ ޢައްޒަ ވަ ޖައްލަ މި އާޔަތްތަކުގައި ބަޔާންކުރައްވައިފައި މި ވަނީ ދެ ބާވަތެއްގެ ބަޔެކެވެ. އެއީ މަގުފުރެދިގެންވާ މީހާއާއި ދޮގުކުރާ މީހާއެވެ.

މަގުފުރެދިގެންވާ މީހަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ ޢައްޒަ ވަ ޖައްލަގެ އަމުރުފުޅުތަކަށް ކިޔަމަންނުގަންނަ މީހާއެވެ. ނަމާދުނުކުރާ މީހަކީ މަގުފުރެދިގެންވާ މީހެކެވެ. ޒަކާތްނުދޭ މީހަކީ މަގުފުރެދިގެންވާ މީހެކެވެ. ރޯދަނުހިފާ މީހަކީ މަގުފުރެދިގެންވާ މީހެކެވެ. ﷲ އަންގަވައިފައިވާ ގޮތަށް ޢައުރަ ނިވާނުކުރާމީހަކީ މަގުފުރެދިގެންވާ މީހެކެވެ. ރާ ބޯ މީހަކީ މަގުފުރެދިގެންވާ މީހެކެވެ.

މަގުފުރެދިގެންވާ ކޮންމެ މީހަކީ ދޮގުކުރާ މީހެކެވެ. އޭނާއަކީ ﷲގެ އަމުރުފުޅުތައް ދޮގުކުރާ މީހަކަށް ވާތީއެވެ. އެއީ މަގު ފުރެދިފައިވާ މީހެކެވެ. މިއީ ކީރިތި ޤުރްއާނާއި ސުންނަތުން ޢިލްމުވެރިން ދިރާސާކުރައްވައި ވިދާޅުވެފައިވާ ވާހަކަތަކެކެވެ. އަޅުގަނޑުގެ އިޖްތިހާދެއް ނޫނެވެ. ވަޙީގެ ބަސްފުޅު އިވި އެ ބަސްފުޅު ދޮގުކޮށް ހިދާޔަތު ލިބިނުގަތް މީހަކީ ދޮގުވެރިއެކެވެ. އޭނާއަކީ ޤިޔާމަތްދުވަހުގެ ޙަޤީޤަތް ދޮގުކުރާ މީހެކެވެ. މާތްﷲއަށް އީމާންނުވާ މީހާއަށް ޤިޔާމަތްދުވަހުން ހުރި ޢަޒާބު އެނގޭމީހާ އެކަލާނގެ ދޮގެއް ނުކުރާނެއެވެ.

މާތްﷲ ވަޙީ ކުރެއްވިއެވެ. (ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ- އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! لَآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ- ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ.) ޢަރަބި ބަހުގައި ވަރަށް އުދަނގޫކަމާއި ދަތިކަމާއެކު އެއްޗެއް ދިރުވުމަށް (ތަޒައްޤުމު) އޭ ކިޔެއެވެ. އަނގައަށް ލެވޭވަރަށްވުރެ ބޮޑު ސުވައެއް ލުމުން ދިރުވަން އުދަނގޫވާނެއެވެ.

ޒައްޤޫމު ގަހަކީ ދުނިޔޭގައި ވާ ގަހެއްތޯ ނުވަތަ ނޫންތޯ ސުވާލު ކުރެވެއެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި ޢަރަބިކަރައިގެ ނަޖިދުގެ އުތުރުގައި ހެދޭ، ވަރަށް ހިތި މޭވާއެއް އަޅައި މަންޒަރު ހުތުރު ގަހަކަށް ޒައްޤޫމު ގަހޭ ކިޔައެވެ. އެހެނަސް ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ޢަރަބިން ދަންނަ ގަހެއް ނޫނެވެ. މި ގަހުގެ ވާހަކަ އައިސްފައި ވަނީ ހަމައެކަނި  ޤުރްއާނުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَمَالِئُونَ مِنْهَا الْبُطُونَ[6] – ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.) މާނައަކީ އެމީހުންގެ ބަނޑުތައް ފުފިގެންދާ މިންވަރަށް ޒައްޤޫމު ކާނެތެވެ. ބަނޑުހައިވެފައިވާލެއް  ބޮޑުކަމުންނެވެ. ދެން ވަނީ ކިހިނެއްތޯއެވެ. (فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ[7]– ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.) އެއީ ޒައްޤޫމު ކެއުމުން އެމީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެތީއެވެ. އެމީހުން ފެންފޮދަކަށް އެދުމުން އެމީހުންނަށް ދެވޭނީ ކެކި ހުންނަ ފެނެވެ. ނުވަތަ (ޙަމީމު) އެވެ.

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޙަމީމަކީ ނަރަކައިގެ އަހްލުވެރީންގެ ގައިން ނުކުންނަ ދިޔަތަކެވެ. އެއީ ކެކި ހުންނަ ހޫނު ކޮންމެ އެއްޗެކެވެ. އެމީހުން މި ފެން ބޮނީ ކިހިނެއް ހެއްޔެވެ؟ މި ގޮތް ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ. (فَشَارِبُونَ شُرْبَ الْهِيمِ[8]– ފަހެ، ފެންބޮވައިގެންފައިވާ جملތައް ފެންބޯ ފަދައިންނެވެ.) هيم އަކީ ފެންބޮވައިގެންފައިވާ ޖަމަލެވެ. އޭތި ކިތަންމެ ވަރަށް ފެން ބުޔަސް ކަރުހިއްކުން ފިލައިގެން ނުދެތެވެ. ފެން ބުއިން ގިނަވެގެންގޮސް އޭތި މަރުވަނީއެވެ. މިއީ މަގުފުރެދިގެންވާ ދޮގުކުރާ ކާފަރު އިންސާނާގެ ޙާލަތެވެ. އޭނާއަށް ޒައްޤޫމު ގަހުން ކާންޖެހޭނެއެވެ. އެއިން ބަނޑުފުރުމުން ފެންބޯން ޖެހޭނެއެވެ. ކެކިހުރި ހޫނު ފެނެވެ. ނަރަކައިގެ އަހްލުވެރީންގެ ގައިން ނުކުންނަ ފާ ދިޔަތަކެވެ.

(ނުނިމޭ)

 

[1] – الكهف : 29

[2]  – الحج :  56- 57

[3]  – ދަރަކަ ( دركة ) އަކީ ދަރަޖައިގެ އިދިކޮޅެވެ. ދަރަޖަ ދާނީ މައްޗަށެވެ. އެހެނަސް ދަރަކަ ދާނީ ދަށަށެވެ.

[4]  –  المدثر :  27- 29

[5]  – الواقعة:51 – 56

[6]  –  الواقعة : 53

[7]  – الواقعة: 54

[8]  – الواقعة: 55

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.