ހިތުގައި ހިނގާ އުދާސްތައް ކިހިނެއް ހިތުން ނެރޭނީ
ނިތުގައި ޖެހުނު މި ރޫތައް ކިހިނެއް ނިތުން ފިލާނީ
ގިންޏެއްގެ ހޫނު ދިލައިން ފިހުމުން މި މޭގެ އިޙުސާސް
ފިންޏެއްގެ ރޯޅި ވެސް ނެތި ކިހިނެއްތަ ފިނިކުރާނީ
އިތުބާރު ގޮސް އޮޔާލައި އުދަބާނިތަކުތެރޭގައި
ނެތި ގެއްލުނީމަ އަލަކުން ކިހިނެއްތަ އައުކުރާނީ
ފެންނަން ނެތަސް ޒަޚަމުތައް ލަކުނަށްވެ ފާރު ހިކުމުން
ގެންނަން އުޅުނު މަނާޒިރު ކިހިނެއް އަތުން ފަވާނީ
ތަގުދީރު ހިފި އަތެއްގައި މާ ބާރަކަށް އެކަތަލައި
ތަދުބީރު ހިފި ކަމަކު ދެން ކިހިނެއްތަ މަތަކުރާ
އެރިބައި އަތަށް އެރީމާ މި ހިތަށް ލިބުނު ތަދާވޭން
ފުރި އުތުރިދާ ޝުޢޫރުން ކިހިނެއް ބަޔާންކުރާނީ
ފަސްބައި ކިލަނބުވެ ވަޅުލީ ނަފުސާއި ރޫޙު އެކުގައި
ފަސްލައިހެދީމަ ކިހިނެއް ކޮނެގެން ކަފުނު ނަގާނީ