Support Us

ނުފެންނަ، ނުހިނގޭ، ވާހަކަ ނުދެއްކޭ ތުއްތު އަޒީންގެ ފަރުވާއަށް އެހީވުމަށް ޑިނާނައިޓުގެ ޓިކެޓެއް ކޮންމެހެންވެސް މުހިންމު

އުފަންވީއްސުރު ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވެ، ދުނިޔެވީ ހުރިހައި އުފާތަކުން މަހުރޫމްވެފައިވާ ތުއްތުތުއްތު އަޒީން ހުސެއިން ރަޝީދަކީ ފެނުމާއި ވާހަކަދެއްކުމުގެ އިތުރުން ހިނގާބިނގާވެ އުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ ކުއްޖެކެވެ. އުމުރުން ނުވަ އަހަރުގެ އަޒީނަށް ސިއްހީ ގޮތުން މެދުވެރިވެފައިވާ މައްސަލަތަކެއްގެ ސަަބަބުން އެ ކަންކަމުން މަހުރޫމްވެފައި ވީނަމަވެސް ވަގުތު ފާއިތުވުމުގެ ކުރިން އެކަށީގެންވާ ފަރުވާ ދެވިއްޖެ ނަމަ އަޒީނަކީ އެހެން ކުދިންނެކޭ ވެސް އެއްފަދައިން އުޅުމުގެ ގާބިލްކަން ލިބޭނެ ކުއްޖެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެންވެ އައިލާއިން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަނީ، މާތްﷲގެ ތަނަވަސް ރަހުމަތްފުޅާއެކު، އަޒީނަށް އުފާވެރި ދިރިއުޅުމެއްގެ މަގު ތަނަވަސްކޮށްދެވޭތޯއެވެ.

އަޒީންގެ ބައްޕަ، އައްޑޫސިޓީ ހިތަދުއަށް އުފަން ހުސެއިން ރަޝީދު "އަދިވެސް" އަށް މިއަދު ކިޔައިދިން ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގައި އޭނާގެ އަންހެނުން ޝަކީލާ ސައީދު 2014 ވަނަ އަހަރު ސިޒޭރިއަނެއް ހަދައިގެން ލިބުނު ދަރިފުޅުގެ ލޮލަށް ނުފެންނަކަން ޔަގީންވީ އުމުރުން ހަތަރު މަހުގަ އެވެ. ނަމަވެސް ސިޒޭރިއަންގެ ކުރިން (ބަނޑުގައި އޮތް އިރު ހެދި ސްކޭންތަކުން) ދަރިފުޅުގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ޑޮކްޓަރުން ބުނެފައެއްނުވެ އެވެ. ހުސެއިން ބުނި ގޮތުގައި ދަރިފުޅު ސިޒޭރިއަން ހެދުމަށްފަހު ނޭވާލުމުގެ މައްސަލަތަކެއް އުޅޭތީ އެން.އައި.ސީ.ޔޫގައި ދެ ހަފްތާ ވަންދެން ފަރުވާދީފައިވެ އެވެ.

މާލޭ ކައިރި ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އަންނަ ހުސެއިން ބުނީ ދަރިފުޅަށް ނުފެންނަކަމާއި އިތުރު މައްސަލަތަކެއް ހުރިކަން އެނގުނީ ގެއަށް ދޫކޮށްލިތާ ދުވަސްކޮޅެއް ފަހުން މާ ބޮޑަށް ހޮޑުލާތީ ކުޑަކުދިންގެ ޑޮކްޓަރ އަބްދުﷲ އަފީފަށް ދެއްކުމުން ކަމަށެވެ.

"ދަރިފުޅުގެ ލޮލަށް ނުފެންނަކަން އެނގުނީ ގެއަށް ގެނެސް ދުވަސްކޮޅެއް ފަހުން ވަރަށް ގަދައަށް ހޮނޑުލާތީ ޑޮކްޓަރަށް ދެއްކުމުން. ސިޒޭރިއަން ހެދުމުގެ ތެރޭގައި ދަރިފުޅުގެ ސިނކުޑިއަށް އޮކްސިޖަން ނުލިބިގެން ސިކުނޑީގެ ސެލްތަކެއް ހަލާކުވެފައިވާ ކަމަށް ޑޮކްޓަރުން ބުނީ،" ހުސެއިން ބުންޏެވެ.

އެއާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު، ހުސެއިންގެ ދެމަފިރިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރިއެވެ. ދަރިފުޅު ގޮވައިގެން އެންމެ ފުރަތަމަ ވެސް ދިޔައީ އިންޑިއާގެ ބެންގަލޫރުގެ ބީޖީއެސް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ދިން ޖަވާބަކީ ކާންދިނުމަށްޓަކައި ބަނޑުގައި ލޯވަޅެއް އަޅަންޖެހޭނެ ކަމާއި ދަރިފުޅު މާގިނަ ދުވަސްތަކެއް ވާންދެން ދުނިޔޭގައި ނޯންނާނެ ކަމުގެ ހިތާމަވެރި ހަބަރެވެ. ނަމަވެސް އެ ދެމަފިރިން އުއްމީދު ގެއްލުވާނުލައި ދެން ދިޔައީ ޓްރެވިންޑްރަމަށެވެ. ޓްރެވިންޑްރަމްގެ ގިނަ ހޮސްޕިޓަލްތަކަކަށް ދިއުމުން އެ ހުރިހާ ތާކުން ވެސް ދިނީ ހަމަ އެ ޖަވާބެވެ. ނަމަވެސް ހުސެއިންމެންގެ ދެމަފިރިން އުންމީދެއް ނަގައެއްނުލައެވެ.

ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހު މާލޭގައި އުޅުމަށްފަހު އަޒީނަށް އިތުރަށް ފަރުވާ ހޯދުމަށް ހުސެއިންގެ އަންހެނުން އޭނާގެ އާއިލާއާ އެކު ދިރިއުޅުން ސްރީލަންކާއަށް ބަދަލުކުރި އެވެ. އަދި ސްރީލަންކާގައި އުޅުނު އިރު ދަރިފުޅަށް ސްޕީޗް ތެރަޕީއާއި ފިޒިއޯތެރެޕީ ދެމުން ގެންދިޔައެވެ.

ގާތްގަނޑަކަށް ހަތަރު އަހަރު ދުވަސް ވަންދެން ސްރީލަންކާގައި ދަރިފުޅަށް ފަރުވާ ހޯދަން އުޅުމަށްފަހު މިހާރު ދަރިފުޅު ގޮވައިގެން އުޅެމުން އަންނަނީ މާލޭގަ އެވެ.

އަޒީންގެ މަންމަ ޝަކީލާ މިއަދު ބުނި ގޮތުގައި ދަރިފުޅު އުފަންވީއްސުރެ އެހެން ކުދިންނާ ތަފާތު ކަންތައްތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އެ ދެމަފިރިންގެ 13 އަހަރުގެ އަންހެން ދަރިއަކު ދޮއްޓަށް ހުރީމާ އަޒީންގެ މައްސަލަތަކެއް ހުރިކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފާހަގަކުރެވިފައިވާ ކަމަށް ވެސް ޝަކީލާ ބުންޏެވެ.

"ދަރިފުޅުގެ ހަރަކާތްތައް ލަސްކަމާއި އަތަށް ކުޅޭ އެއްޗެއް ދިނީމަ ވެސް ނުހިފުމާއި ލޯ ވެސް ހަރަކާތް ނުކުރާކަން ފާހަގަވި. ދަރިފުޅަކަށް ނުފެނޭ. މަންމާއޭ ބައެއް ފަަހަރު ކިޔާ. އެއްވެސް ވަރަކަށް ހިނގާ ނުހެދޭ. މި ހުރިހާ ކަމެއް ހުރި ނަމަވެސް މިއީ ވަރަށް ބަސް އަހާ ކުއްޖެއް. ރުޅިވެސް ވަރަށް ނާންނާނެ. ނިދަން ވެސް ބޭއްވިމަ ހަމަ ނިދާ ގަޑީގައި ނިދާ،" ޝަކީލާ ކިޔައިދިނެވެ.

ޝަކީލާ ކިޔައިދިން ގޮތުގައި ކާންދިނުމަށް ބަނޑުގައި ލޯވަޅެއް އަޅަންޖެހޭ ކަމަށް އިންޑިއާއިން ބުނި ނަމަވެސް އެހާ ކުޑަވީމާ އެކަން ނުކޮށް ހަ މަސް ވަންދެން ބުއްފުޅި ދިނުމަށްފަހު ވަރަށް ދިޔާކޮށް ކާއެއްޗެހި ހަދައިފައި ކާންދޭން ފެށީ އެވެ. މިހާރު ވެސް އަޒީންނަށް ކާންދެނީ ވަރަށް ބޮޑަށް މަޑުކޮށްގެން ކައްކާފައި ހުންނަ ކާއެއްޗިއްސެވެ.

މި އަހަރުގެ ޖުލައި މަހު އާސަންދަ/ އެންސާޕާގެ އެހީގައި އެ ދެމަފިރިން ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ، ނާރުތަކާ ބެހޭ ޚާއްސަ، ނިއުރޮޖެން ހޮސްޕިޓަލަށް އަޒީން ދައްކައިފަ އެވެ. އެ ހޮސްޕިޓަލަށް ދެއްކުމުން އެ ދެމަފިރިންނަށް ވަނީ އިތުރު އުއްމީދެއް ލިބިފައެވެ. ދަރިފުޅު އެހެން ކުދިންނެކޭ އެއްފަދައިން ހިނގާބިނގާވެ އުޅެވޭނެ ކަމާއި ލޮލުގެ ފެނުން ނޫނީ އިތުރަށް ހުރި ގިނަ ކަންކަމަށް ކުރިއެރުންތަކެއް ބޯންމެރޯ ހެދުމުން ފަރުވާ ލިބިގެންދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ހުސެއިން ކިޔައިދިނެވެ.

"ދަރިފުޅަށް ނުފެންނަނީ ސިކުނޑީގެ ނާރުތަކުން ސިގްނަލް ނުފޮނުވާތީއޭ ޑޮކްޓަރުން ބުނަނީ. ލޮލުގެ މައްސަލައަކުން ނޫނޭ. އެހެންވެ ބޯންމެރޯއެއް ހެދުމުން އިރާދަކުރެއްވިއްޔާ ހިނގޭނެ ކަމާއި ލޮލުގެ ފެނުން ފިޔަވައި ކުރިއެރުންތައް އެހެން މައްސަލަތަކަށް ލިބޭނެ ކަމަށް ޑޮކްޓަރުން ބުނި،" ހުސެއިން ކިޔައިދިނެވެ. "އެހެންވެ އެއީ އަނެއްކާ ވެސް އުންމީދު އާވި ކަމެއް."

ރިސޯޓްގެ ވަޒީފާގައި އުޅެމުން ވެސް ހަފުތާއަކު ފަސް ދުވަހު ކަހަލަ ގޮތަކަށް ދަރިފުޅު ކައިރިއަށް މާލެ އައިސް ދަރިފުޅު ފެންވަރުވައިދީ ހެދުމަށް ފަހު އެނބުރި ރިސޯޓަށް ދިއުމަކީ ހުސެއިން އަށް ލިބޭ އުފަލެއްގެ ގޮތުގައި އޭނާ ދެކެއެވެ.

ހުސެއިން ބުނި ގޮތުގައި ދަރިފުޅުގެ ބޯންމެރޯއަށް އާސަންދަ/ އެންސްޕާ ލިބޭތޯ މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ވަރަށް ގިނަ ދޮރުތަކުގައި ޓަކިޖަހައިގެން ވެސް އާސަންދަ/ އެންސްޕާ ލިބޭތޯ މަސައްކަތްކޮށް ނުލިބުމުގެ މާޔޫސްކަމުގައި، އާސަންދަ/ އެންސްޕާ ހޯދަން ސަލާންޖަހަން އިތުރަށް ބޭނުންނުވާތީ އަމިއްލައަށް ފަންޑް ހޯދުމުގެ މަސައްކަތެއް މިހާރު ވަނީ ފަށައިފައެވެ.

"ބޯންމެރޯ ހިދުމަތް އާސަންދައިގައި ރެޖިސްޓްރީވެފައިނުވާތީ ކަމަށް ބުނެ އާސަންދަ ހިދުމަތެއް ނުލިބޭ. އެންސްޕާއިން ބުނީ އަހަރަކު އެއްފަހަރުއޭ އެހީތެރިކަން ދެވޭނީ،" ހުސެއިން ބުންޏެވެ.

ހުސެއިން ބުނި ގޮތުގައި މުމްބާއީގެ ނިއުރޮޖެން ހޮސްޕިޓަލުން ދިން އުއްމީދުގައި ދަރިފުޅުގެ ބޯންމެރޯ ހެދުމަށް މަދުވެގެން 13،900 ޑޮލަރު (ގާތްގަނޑަކަށް ދެ ލައްކާ ބާވީސް ހާސް ރުފިޔާ) ބޭނުންވެއެވެ. އެހެންކަމުން މިހާރު އެ ފައިސާ ހޯދުމުގެ މަސައްކަތް އާއިލާ އިން ވަނީ ފަށައިފަ އެވެ.

ދަަރިފުޅަށް ފަރުވާ ހޯދަަން އިތުރަށް ލަސްނުކޮށް ހުސެއިންގެ ދެމަފިރިން މިހާރު ވަނީ ފަންޑު ހޯދުމުގެ ގޮތުން ރަސްފަންނުގައި ބާބަކިއުއެއް މި މަހުގެ 13 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ. ހުކުރު ދުވަހުގެ ހަވީރު 6 އިން 9.30 އަށް ބާއްވާ މި ފަންޑް ރެއިސިން އިވެންޓަކީ އަޒީނަށް ބޯންމެރޯ ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރިއަށްގެންދާ އިވެންޓަކަށްވާތީ ހެޔޮއެދޭ ވީހާ ގިނަ ފަރާތްތަކުން އެހީތެރިވާނެ ކަމަށް އެ ދެމަފިރިން އުއްމީދުކުރެ އެވެ.

މި ފަންޑް ރެއިސިން ބާބަކިއުގެ ޓިކެޓެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 150ރ. އަށެވެ. އަދި އެ އިންވެންޓަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފަންޑު ފޮއްޓެއް ވެސް ރަސްފަންނުގައި ހުންނާނެ ކަމަށް ހުސެއިން ބުންޏެވެ.

"ބާބަކިއުއަށް ދެވެން ނެތަސް، އަޒީނަށް އެހީވާން ބޭނުން ފަރާތްތަކުން އެންމެ ކުޑަވެގެން ޓިކެޓެއް ބައްލަވައިގަތުމަކީ މާތްﷲ އަށްޓަކައި ވެވޭ ވަރަށް ބޮޑު އެހީއެއް ކަމުގައި ދެކެން. ހުރިހައި ބޭފުޅުން ވެސް އެކަން ކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ހުސެއިން ބުންޏެވެ. "ޓިކެޓަކަށްވުރެ ބޮޑު އެހީއެއް ދެއްވަން ބޭނުންފުޅު ދީލަތި ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލެވިފައި."

އަޒީނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:

ހުސެއިން ރަޝީދު ބީއެމްއެލް އެކައުންޓް ނަމްބަރު: 7701144055101

ހުސެއިން ރަޝީދު ޑޮލަރު އެކައުންޓް ނަމްބަރު: 7704144055101

ހުސެއިން ރަޝީދުގެ ފޯން ނަމްބަރު: 7902052

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *