...

Support Us

ރައީސް އަބްދުﷲ ޔާމީން ގޭގެ ކުޑަދޮރުން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -އަދިވެސް ފޮޓޯ:

ދެ އީދު އެއްފަހަރާ: ރައީސް ޔާމީން ގެއަށް ބަދަލުކުރުމުން ޕީޕީއެމް ކުދިން އުފަލުން ފޮޅެނީ

މިއީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ވަރަށް އުފާވެރި 24 ގަޑިއިރެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިކަން އިއުލާންކުރީ ރޭގައެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ މިއަދު މެންދުރުއެވެ. އެއާއެކު ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ އުފާފާޅުކުރަމުންނެވެ. ޑރ. މުއިއްޒުގެ ކާމިޔާބީގެ އުފާފާޅުކުރުމުގެ ރަސްމީ ހަފުލާ އޮތީ މިރެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި މި ވަނީ ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު، ރޭ ދެއްވި ފުރަތަމަ މީޑިއާ ބަޔާނުގައި ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އެދިވަޑައިގަތުމުންނެވެ.

ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ރައީސް އޮފީހުގައި ރައީސް ސޯލިހާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށާއި ގައުމުގެ މަސްލަހަތު އިސްކޮށް ސަރުކާރުން ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމި ނިންމުން ބަލައިގަނެ އެކަމަށްޓަކައި ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. އަހުމަދު ޖަމީލް މުހައްމަދު ވިދާޅުވީ ރައީސް ޔާމީން ގެއަށް މިއަދު ބަދަލުކުރުމުން ހަގީގަތުގައި ވެސް ރައީސް ޔާމީންގެ ކުށެއް ނެތްކަން ސާބިތުވެގެން ހިނގައްޖެ ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ދުވަހު ރައީސް ޔާމީންގެ ސަޕޯޓަރުން ބުރަ މަަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީންނަށް ދެމުން ގެންދަނީ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވަމުން ގެންގޮސްފައިވާނެ ކަމަށެވެ. ގާނޫނު އަސާސީގައި އެކެއްގެ މައްޗަށް އެއް ކުށަކުން ދެ ދައުވާއެއް ނޫނީ ތިން ދައުވާއެެއް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔުނީ އެ ދައުވާއިން ބަރީއަވީމަ ދެން ފަހަތުން އެހެން ދައުވާއެއް ނުގެނެވޭނެ ގޮތަށް ކަމަށް ޖަމީލް ވިދާޅުވި އެވެ. ނަމަވެސް އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ ދިފާއީ އެކިތައް އެއްފަރާތްކޮށްފައި އެކަން ކުރި ގޮތް އަދިވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޝަރުއީ ނިޒާމު ބޭނުންކޮށްގެން ރައީސް ޔާމީން އެއްފަރާތްކޮށްގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތުގެ ނަތީޖާ ރައްޔިތުން އިއްޔެ ދައްކައިފައިވާ ކަމަށެވެ.

ރައީސް ޔާމީން މިއަދު މެންދުރުފަހު ހ. ދޫވެއްސަށް ވަޑައިގެންނެވިއިރު ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމްގެ ލީޑަޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އެ ސަރަހައްދަށް އެއްވެ ތިއްބެވެ.

ރައީސް ޔާމީން ކަރެކްޝަންސް ސާވިސްގެ ވެހިކަލްގައި ވަޑައިގެން އެ ސަރަހައްދަށް އެއްވެ ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ފަހު ގެކޮޅަށް ވަދެވަޑައިގެންނެވި އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީން ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް ލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވުނީ އެހެންވެގެންނެވެ. އިދިކޮޅުން ބުނަމުން އަންނަނީ މިއީ ފަނޑިޔާރުގެއަށް ސަރުކާރު އަތްބާނައިގެން ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ "ހަރާންހުކުމެއް" ކަމަށެވެ.

އޭގެ ކުރިން، 2019 ވަނަ އަހަރު ވެސް އެ މަނިކުފާނު ވަނީ ރިޝްވަތުގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކޮށްފައެވެ.

މި ދެ ހުކުމުގައި ރައީސް ޔާމީން ވަނީ މާފުށީ ޖަލުގައި 1،049 ދުވަސް ހޭދަކުރައްވައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.