ހިމާޔަތަކީ ދުނިޔެ ދައްކާ އަވާމެންދުރު ކަމަށް ދުށުމުން
ތިމާ ޖާހިލުކަމަށް ގެނބެނީ ހިތެއްގައި އަލިކަމެއް ނެތުމުން
ފިލާވަޅު އިބުރަތާ ދަރުހާ ލޮލާ ކަންފަތް ހުރަސްކުރިޔަސް
ކިލާ ހިތަކަށް ނުވޭ ހިލަމެއް ނިފާގުން ކަޅިވެފައި އޮތުމުން
ގަޔާވާނަމަ ތިމާ ކަމަކާ ހުރަސްކޮށް ބޯޑަރުން ބޭރުވެ
ހަޔާތުގެ ލަގަނު ވެސް ދޫވޭ ހަވާނަފުސަށް ސިކުނޑި ފެތުމުން
ގަނާކުރުމުގެ ވަބާގެތެރޭ ދުލުގެ ނަފުރަތުގެ އަލިފާނުން
ފަނާވެދަނީ ޅަ ޖީލުތަކެއް ދިލައިގައި ހޫނުގަދަ ފިހުމުން
ފުނަށް ފީނައިނުލައި މާ އެނގި އެތެރެ ނަމުގައި ފުރާލައިގެން
ބުނަން ދޫ ބަސް ހެލެން ފަށަނީ އެދޫ ޖަޒުބާތުގައި ޖެހުމުން
ކިޔެވިޔަސް އެއްފޮތުން އެންމެން ތަފާތުވަނީ ކުރާ ޢަމަލޭ
ލިޔެވި ފޮތުގައި އެވާ ގޮތަކާ ދިމާނުވަނީ ނުއެނގި ދަތުމުން
ނުދާށޭ! ތަނުގެ ހަމަޖެހުމާ ކަރާމާތަށް އަރާ ޗިސްކޮށް
އަދާލަތު ފަހަނަޅައި ތަސްވީރު ލޯގަނޑަކުން ތިމާ ފެނުމުން