ޔާރެއް ކަމަށް ނުވާނޭ އެކުވެރި ތިބާ ނުވަންޏާ
ބާރެއް ލިބޭ ހިނދެއްގައި ލަނޑުދީ އަބަދު އުޅެންޏާ
ރައްޓެއްސަކަށް ނުވާނޭ ޙާލުގެ ދުލުން ގޮވާއިރު
ރައްޓެހި ކަމެއް ނުބާއްވާ ފަސްދީ ފަހުން ފިލަންޏާ
ހިތްހެޔޮ ކަމަށް ނުވާނޭ ދައްކާ ދަޅައިގަ ޖައްސާ
ހިތް ނަފްރަތުން ފުރާލާ ބޭރުން އޮމާން ކުރަންޏާ
އެކުވެރިއަކަށް ނުވާނޭ އުފަލާ ހިތާމަ ލިބުމުން
އެކަމުގެ ޝުޢޫރު ފޮރުވައި ފޭއަށް ތިބާ ޖެހެންޏާ
ތެދުވެރިއަކަށް ނުވާނޭ އަނެކާ ކަމަކު ބުނީމާ
އެދުމެއް އަމިއްލަ އޮވެގެން އެކަމުން ރެކެން ދުވަންޏާ
ބައިވެރިއަކަށް ނުވާނޭ މުހުތާދު ޖެހި އުޅޭއިރު
ބައިބައިކުރަން ޖަމާޢަތް ތަރުހީބުދީ ހަދަންޏާ
މީހެއްކަމަށް ބަލާނީ ގައިގައި ސުލޫކު ހުރެގެން
މީހުންގެ ވިންދު އިޙުސާސް ކަނުލައި ތިބާ އަހަންޏާ
