Support Us

ރިޔާސީ އިންތިހާބު 2023

ޚާއްސަ އިންޓަވިއު: އައިލެންޑް އޭވިއޭޝަން ނަގާ ކޮޅަށްޖަހަން ޖެހޭ: ޑރ. މުއިއްޒު

އައިލެންޑް އޭވިއޭޝަން ވެއްޓިފައިވާ އަޑިގަނޑުން ނަގާ ކޮޅަށް ޖަހަންޖެހޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެ މަސައްކަތް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒު "އަދިވެސް" އަށް ހޯމަ ދުވަހު ދެއްވި ހާއްސަ އިންޓަވިއެއްގައި ވިދާޅުވީ އައިލެންޑް އޭވިއޭޝަން ބަނގުރޫޓްވުމަކާ ދިމާލަށް ގޮސްފައިވާކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. މިހާތަނަށްވެސް އެކަމާ ބެހޭ ގޮތުން ޕްލޭނެއް ހާމަނުކުރެއްވި ދިޔައީ އެތަނުގެ ސިދާ ހާލަތާ ގުޅޭ ސައްހަ މަޢުލޫމާތު ލިބިވަޑައިގެންފައި ނެތީމާ ކަމަށާއި އެހެންނަމަވެސް މިފަހަކުން ކަމާ ގުޅޭ މައުލޫމާތުތައް ލިބިވަޑައިގެން ދިރާސާކޮށް މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ.

"(ޓިކެޓުގެ) އަގުތައް ތިރިކުރަން ވަރަށް ގިނަ ބޭފުޅުން އެބައެދޭ އެކަމަށް ވައުދެއްވާން. އެހެންނަމަވެސް އަޅުގަނޑަށް ތަންކޮޅެއް އުނދަގޫ ގެސްކޮށްލާފައި އެއްޗެއް ދަންނަވަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު "އަދިވެސް" އަށް ހާއްސަ އިންޓަވިއު ދެއްވަނީ –އަދިވެސް ފޮޓޯ: މަރިޔަމް ރާނިޔާ

އެކަމާ ގުޅޭ ދިރާސާތައް ކޮށް ނިމުމުން އެތެރޭގެ ދަތުރުފަތުރުގެ އަގުތަކަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އައިލެންޑް އޭވިއޭޝަންގައި ހުރި މައްސަލަތައް ހައްލުކޮށް އަމިއްލަ ފައިމައްޗަށް ތެދުވެވޭގޮތް ހެދުން އެއީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރަން ބަލާއިރުވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ގައިމުވެސް މި ކުންފުނީގައި މިހިރަ މައްސަލަތައް ހައްލު ކުރެވި، ކުންފުނި ނަގާ ކޮޅަށް ޖަހައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށާއި އަދި ޓުއަރިޒަމަށްވެސް އޭގެ ފައިދާ ކުރާ ގޮތަކަށް އެކަން ބައްޓަން ކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަސައްކަތް ނިމިގެން ދާއިރު ކުރެވޭ ވައިގެ ދަތުރުފަތުރުތައް އިތުރުކުރުމަށް، އުތުރާއި ދެކުނުގައި ޓުއަރިޒަމް ފުޅާކުރެވި އެ ސަރަހައްދުތަކުގެ އެއާޕޯޓްތަކަކީ ގްރޭޓަރ މާލޭ ރީޖަންގައި ހުރި ހުރިހާ ޚިދުމަތެއް ލިބޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ އެއާޕޯޓްތަކަކަށް ހައްދަވާނެ ކަމުގައި ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *