Support Us

ރިޔާސީ އިންތިހާބު 2023:

މިތަނުން އަސްކަރީ ބޫޓު ޖޯޑުތައް ބާލާނަން: ޑރ. ޝަހީމު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ކުރެވިއްޖެ ނަމަ ބޭރު އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއްގެ ބަޔަކު މި ދިވެހި ފަސްގަނޑުގައި ނުބައިތިއްބާނެ ކަމަށާއި ބޭރުގެ އަސްކަރީ ބޫޓު ޖޯޑުތައް ރާއްޖެއިން ބާލާނަން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ "ދިވެހީންގެރާއްޖެ" ކެންޕެއިން ދަތުރުގައި ރޭ ބ. ކަމަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމު ވިދާޅުވީ ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި، އެހެންނަމަވެސް އެބަޔަކު ތިބީ އަސްކަރީ ބޭނުމެއްގައި ނޫން ކަމަށް ސަރުކާރުން ބުނާ ކަމަށެވެ.

މި ސަރުކާރުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ ތިބުން ދިފާއުކޮށް ދައްކަމުންދާ އުޒުރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، މި ޒަމާނަކީ އަސްކަރީ ބޭނުމަށް ކަނޑިބަޑި ހިފައިގެން ސިފައިން އުޅޭ ޒަމާނެއް ނޫން ކަމަށާއި އެކިއެކި ގޮތްގޮތުން ތިބެ ޖާސޫސްކުރުމަކީވެސް ކުރަމުންދާ ކަމެއް ކަމުގައި ޑރ. ޝަހީމު ވިދާޅުވިއެވެ.

"އެ ތިބޭ ތިބުން އޭގެ ޒާތުގައި އެއީ އަސްކަރީ ބޭނުމަށް ތިބޭ ތިބުން،" ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވިއެވެ. "ޑރ. މުޙައްމަދު މުޢިއްޒު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ކުރެވިއްޖެކަމުގައި ވަނީ ނަމަ މިތަނުން އަސްކަރީ ބޫޓު ޖޯޑުތައް ބާލާނަން."

މިލިޓަރީ މަސައްކަތެއް ކުރުމަށް އިންޑިޔާ ސިފައިން ރާއްޖޭގައި ޤާއިމްވެގެން ނެތްކަމަށް ސަރުކާރު ދަނީ ބުނަމުންނެވެ. އަދި އިންޑިޔާ ސަރުކާރާއެކު ހަދައިފައިވާ ބައެއް އެއްބަސްވުންތައް ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން، ދެ ވަނަ މަގާމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ނަތީޖާއަށްފަހު، ޑރ. މުއިއްޒާއެކު ދެވަނަ ބުރުގައި ވާދަކުރައްވާއިރު، ފުރަތަމަ ބުރުގައި ހެދިފައިވާ މިސްޓޭކްތައް ދެނެގަނެވިފައިވާ ކަމަށް ބުނެ، ކުރިން ހާމަކުރަން ނުކެރުނު "ސިއްރު" އެއްބަސްވުމެއް ކަމަށް ބުނާ އެއްބަސްވުމެއް، ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ސަރުކާރުން ވަނީ ލީކްކޮށްލައިފައެވެ.

އެކަމާ ވިދިގެން ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ފޭކް އެގްރީމެންޓް ހަދައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅުނަސް މިޤައުމުގެ ރައްޔިތުންނަކީ ހޭލާ ތިބި ބައެއް ކަމަށެވެ. އަދި ބޭރު ގައުމެއްގެ ސިފައިން ނެތް ކަމަށް ދައްކަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލެވޭނެ ކަމަށެވެ.

ދިވެހިންނަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ހިންގާ ބައެއްގެ ގޮތުގައި ތިބުމަށް އެދޭނަމަ މި މަހު 30 ގައި ޑރ. މުޢިއްޒަށް ވޯޓު ދިނުމަށް ޑރ. ޝަހީމު އެދިވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *