ކޯލިޝަން ހަދާ ކުދި ޕާޓީތަކަށް ކެބިނެޓުން ލިބޭ ޖާގަ ވަކި ހާލަތެއްގައި ގެއްލޭ ގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހަކީ މުޒާހަރާކޮށް އަދި އެމްޑީޕީގެ މެމްބަރުންގެ ގޭގެއަށް ހިނގައިގެން ނަމަވެސް ފާސްކުރަން ބޭނުންވާ އިސްލާހެއް ކަމަށް އެ އިސްލާހު ހުށަހެޅުއްވި މެންބަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމް.ޑީ.ޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހުށަހަޅުއްވާފައިވާ މި އިސްލާހުގައި ބުނެފައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވާލައިފައިވާ ކޯލިޝަން ސަރުކާރުގެ ވަޒީރަކު ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެނޫންވެސް މައްސަލައަކާ ހުރެ މަގާމުން ވަކިކޮށްފިނަމަ، އެ ވަޒީރަކު ހިމެނޭ ޕާޓީއަކަށް ކެބިނެޓްގެ އެ ސްލޮޓް ގެއްލޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް އައިސްފިނަމަ ކެނބިނެޓަށް އައްޔަން ކުރަންވާނީ އިލެކްޝަން ކޮމިޝަންގެ ސިޔާސީ ދަފްތަރުގައިވާ ޕާޓީތަކުގެ ތެރެއިން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެންބަރެއް ކަމަށެވެ.
ބޮންޑާ ހުށަހަޅުއްވައިފައިވާ މި އިސްލާހު ފާސްވެއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ ކޯލީޝަންގެ ވަޒީރަކު އެއްވެސް ސަބަބަކާ ހުރެ ވަކިކޮށްފިނަމަ ދެން އެ މަގާމަށް ވަޑައިގެންނަވާނީ އެމްޑީޕީން ހުށަހަޅާ ބޭފުޅެކެވެ.
"މި އިސްލާހަކީ ސަރުކާރުގެ ކޯލީޝަންގެ މުޅި ސިސްޓަމް ހިންގުން ހަރުދަނާކޮށް، އުފެއްދުންތެރި، ރޭވުންތެރި މަސައްކަތްތަކެއް ސަރުކާރުގެ މިނިސްޓްރީންތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ހުށަހަޅާފައިވާ އިސްލާހެއް. އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްގެން ނަމަވެސް، އެމްޑީޕީގެ މެމްބަރުންގެ ގޭގެއަށް ހިނގައިގެން ނަމަވެސް މި އިސްލާހު ފާސްކުރާނަން،" "އަދިވެސް" އަށް މައުލޫމާތު ދެއްވަމުން ބޮންޑާ މިއަދު ވިދާޅުވި އެވެ.
ބޮންޑާ އިތުރަށް ވިދާޅުވީ މިފަދަ އިސްލާހެއް ހުށަހެޅުއްވީ އެއްވެސް ވަރަކަށް ކޯލިޝަނާ މެދު މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ ބައެއް މިނިސްޓަރުން މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރައްވަމުން ނުގެންދަވާތީ އާއި ރައްޔިތުންނާ މެދު ވިސްނަވައިގެން ކަންކަން ކުރައްވަމުން ގެންދަވާތަން ނުފެންނާތީ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ކޯލީޝަން ސަރުކާރެއްގައި އޮންނަންޖެހޭ ޑިމޮކްޓްރެޓިކް ނިޒާމު ހަރުދަނާ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި އިސްލާހު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ބޮންޑާ ވިދާޅުވި އެވެ.
ބޮންޑާ ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކަންކަން ހިންގަން ޖެހޭނީ ހަމައެކަނި ވެރިކަމަށް އަންނަ މައި ޕާޓީން ނޫން ކަމަށާއި އިންތިހާބުގެ ކުރިން ޕާޓީތަކުން ދެއްކި ވާހަކަތައް ވެރިކަމާ ހަމައިން ހަނދާން ނެތިގެން ދިއުމަކީ މައްސަލައެއް ކަމަށެވެ.
ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގައި މިހާރު އޮތް ހަތަރު ޕާޓީގެ ތެރެއިން އެ އަދަދަށް މެމްބަރުން ހަމަވަނީ ހަމައެކަނި އެމްޑީޕީގަ އެވެ. ޖޭޕީގައި 10،000 މެމްބަރުންނަށް ވުރެ އިތުރު ވިޔަސް ދެން އޮތް އަދާލަތު ޕާޓީއާއި އެމްއާރުއެމްގައި 10،000 މެމްބަރުން ވެސް ހަމަނުވެއެވެ.
ރައީސް ސޯލިހުގެ ކެބިނެޓުގައި ހިނެނިވަޑައިގެންނެވި ކޯލީޝަންގެ ދެ ވަޒީރަކު މިހާތަނަށް އިސްތިއުފާ ދެއްވާފައިވާއިރު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޖޭޕީގެ ސްލޮޓެއްގައި ވަޑައިގެންނެވި އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ. އެ މަގާމަށް ރައީސް ސޯލިހް އެންމެ ފަހުން އައްޔަން ކުރައްވާފައިވާ ބޭފުޅަކީ ވެސް ޖޭޕީގެ މެންބަރެއް ކަމުގައިވާ ޑރ. އަބްދުﷲ މައުސޫމެވެ.
މީގެ އިތުރުން މި ސަރުކާރުގެ ހައުންސިން މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އައިމިނަތު އާތިފާ ޝަކޫރު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ސޯލިހް ވަނީ ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ އެއްކޮށްލައްވާފަ އެވެ.
މީގެ އިތުރުން އަދާލަތުގެ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގެންނެވި އައިޝަތު ޝިދާތާ ޝަރީފު އެ މާގުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަން ކުރައްވާފައިވާ އައިޝަތު މުހައްމަދު ދީދީ އަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެއް ނޫނެވެ.
ރައީސް ސޯލިހްގެ ކޯލީޝަން ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކާ މެދު މަޖިލީހުގެ ގިނަ ޖަލްސާތަކުގައި ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާ ބޮންޑާ އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށަހަޅުއްވާފައިވާ މި އިސްލާހާ ގުޅިގެން އެމްޑީޕީއަށް މުޅި ކެބިނެޓް ލިބިގެން ދިއުމުގެ ފުރުސަތު މިހާރު މިވަނީ ފުޅާވެގެން ގޮސްފަ އެވެ.



advertisment
2 Responses
"މި އިސްލާހަކީ ސަރުކާރުގެ ކޯލީޝަންގެ މުޅި ސިސްޓަމް ހިންގުން ހަރުދަނާކޮށް، އުފެއްދުންތެރި، ރޭވުންތެރި މަސައްކަތްތަކެއް ސަރުކާރުގެ މިނިސްޓްރީންތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ހުށަހަޅާފައިވާ އިސްލާހެއް…" 50000 މެންބަރުން ހަމަވާ ޕާޓީއެއްގެ ވިއްޔާ އުފެއްދުންތެރި ނޫން ވަޒީރެއް ނުހުންނާނެ!!!
އިލޮށިގަނޑެއް ފޭބިލަނީތޯ. ވެރިކަމަކީ ހިތުހުރި މިންވަރަކަށް އަތްދަށަށް ލެވޭނެ އެއްޗެއްނޫން. އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކީ ދިވެހިންނަށް އިމްތިހާނަކަށް ފުދޭ. ޔާމީނުގެ ވެރިކަމަކީވެސް އިމްތިހާނެއް. ސާލިހުގެ ވެރިކަމަކީ އިތުބާރާއެކު ދިވެހިން ހަވާލުކުރި ވެރިކަމެއް. މިއަދު ފެންނަނީ ފިޔަގޮށްޖަހާފައިން ކާޅެއްގެ ވެރިކަމެއް ހިނގާތަން.