ބޯކޮށް ވާރޭ ވެހި ފެންގަނޑު ބޮޑުވެގެން އަޑިއަށްދިޔަ ހދ. ކުޅުދުއްފުށީ ލޯންޗެއް އެމްއެންޑީއެފްގެ ރެސްކިއު ޓީމުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާޙިމް އާޒިމް އަދިވެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު ހައެއްޖަހާކަންހާއިރު "ފަރުމަ" ނަމަކަށް ކިޔާ މި ލޯންޗް ކުޅުދުއްފުށީ ފަޅުތެރެއަށް އަޑިއަށްދިޔަކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ރެސްކިއު ޓީމު އެ ސަރަހައްދަށް ދިޔައިރު ލޯންޗް އޮތީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށެވެ. އަދި ރެސްކިއު ޓީމުގެ މަސައްކަތުން ދެ ގަޑިއެއްހާ އިރުގެ ތެރޭގައި 17 ފޫޓުގެ އެ ލޯންޗް މިހާރު ވަނީ ފެންމައްޗަށް ނަގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ލޯންޗް އަޑިއަށް ދިޔައީ ވާރޭ ވެހިވެހި އޮތުމުން ކަމަށް ބެލެވެނީ،" އާޒިމް ވިދާޅުވި އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށް ވާތީ އާއި މާލެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް މޫސުމް ގޮސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ހާއްސަ ގޮތެއްގައި މުދާ އުފުލާ އުޅަނދުފަހަރު އަޮތޮޅުތެރެއިން ރޭގަނޑު ދަތުރު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ދަންނަވަން. އަދި މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލްކުރުމަށާއި ލައިސަން ލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރޭގަ އާއި ފަޅުން ބޭރުގައި އަޅާފައި އޮންނަ އުޅަދުނފަހަރުގެ އޮޑީވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމަށާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ދަންނަވަން،" އެމްއެެންޑީއެފުން ބުނެފައިވެ އެވެ.
މީގެ އިތުރުން ކަނޑުދަތުކުރާ ފަަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މައުލޫމާތު ސާފުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ސަލާމަތީ ވަސީލަތްތަކާއިި ދިޔަ ހިއްކާ ޕަންޕް ފަދަ ވަސީލްތައް ހުރީ ރަނގަޅަށްތޯ ބެލުމާއި އުޅަނދުފަހަރު ބަރުކުރުމުގައި ވެސް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން މިއަދު ހަވީރު މާލެ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެސް.ޓީ.އޯ ފުށް ގުދަން ސަރަހައްދު ފެން ބޮޑުވެގެން، ޕަމްޕު ޖަހައިގެން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރަމުން ގެންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.



advertisment