Support Us

ގައުމީދުވަސް މިގެންނަނީ

ގައުމީދުވަސް މިގެންނަނީ ގައުމުގެ ހަޔާތް ބަޔާންކުރާން
ގައުމީދަރީންގެ ހިތްތަކުން އާލާ އަޒުމު އަލުން ކުރާން

އަހަރެއްގެ ދިޔަ ކުރިން އަހަރު ފަހަރެއްގެ އައި އެތައް ފަހަރު
ޒަހަރުން ގެނައި ހިތަށް އަސަރު ފަހުތިބި ދަރީން ވަޒަންކުރާން

އެކި މޫސުމަށް އެއައި އަމާން އެކި ޝަޚުސު މޮޅު ގެނައި އޮމާން
އެކި ކުލަތަކުން ފެވޭ ޒަމާން ދެކެފައި އަލުން އުފާކުރާން

ދަރުމައިން އެ ދަރުމަވަންތަ މާތް ދެއްވެވި ރަދުންގެ ދަރުމަޔާ
ބަރަކާތުގައި އެ ބަރުބަރީ ފަރުމާ ގެނައި އަމާންކުރާން

ލޭގައި ހިނގާލި ހޫނަކާ އޭގައި ފަވާލި ރަތްކަމާ
މޭގައި ޢަލީގެ ހުރި ދިރުން ދޭ ހިއްވަރަށް ގަދަރުކުރާން

އަނދިރީގެ ކަޅު އަނދިރިކަމުން ކަޅުކޮށްލި ހިނދު މިބިން އަލުން
ކަނދިލީގެ ރީތި ރަންއަލިން އަލިކޮށްލިގޮތް ހަނދާންކުރާން

ބަޠަލުންގެ ބަޠަލު އުންމަތީ ޣާޒީރަދުންގެ ނަންމަތީ
ގަތަމުން މަލާއި ރަންމުތީ ހާރެއް ރިވެތި ވެދުންކުރާން

ބާޒީގެ ތަށި ގެނައި ގޮތުން ޣާޒީހަސަންގެ ހިކުމަތުން
އާޖިޒުވި ހިތްތަކުން އޮހޭ ތާރީފުތައް އަރިސްކުރާން

ހުރަވީގެ ފަރި އަދާތަކުން އިސްކަންދަރީ ނިޝާންތަކުން
ކުރަހާލި ރަންފޮޓޯތަކަށް ކުރުނީސް ހިތުން އަދާކުރާން

ތިންވަނަ ދުވަހު ނޮވެންބަރުން އައްޑިހަ އަށެއް ކަލަންޑަރުން
ދިން ހަމަލައިން އެދަންވަރުން މިންޖުވިގޮތަށް ފިކުރުކުރާން

ބުންވަރު ނެރޭށަ ފާޅުގައި އުންމީދަކާއި އަޒުމުގައި
ކުންނަށް ހިފާ އަމާޒުގައި އުންމަތް ދިވެހި ބިނާކުރާން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *