Support Us

ހަނދާންކުރޭ!

އަންނަ އެކި ވަކި ހާލަތަށް އީމާނުގައި ހުރެ ކެތްކުރޭ
ދަންނަ ނަމަ ދުނިޔޭގެ ސުންނަތް ސިކުނޑިއަށް ހިތް މަތަކުރޭ

މޮޅުކަމެއް ލިބުނަސް ނުވަތަ އަދި ދެރަގޮތެއް މެދުވެރިވިއަސް
ކޮޅުއުފުއްޔަށް ނުޖެހި ސަބަބާމެދު ތިބާ ފިކުރެއް ކުރޭ

ގަދަކަމުން ބަދަލެއް ނުވާނޭ އަޒަލުގައިވާ ނިންމުމެއް
ބަދަވިކަން ދައްކަން ނުވިސްނައި ބަލިވުމުން ގޮތްދޫކުރޭ

ބުނެވުނީތީ ބުނިބަހެއް ދޫކޮށްނުލާން ހިފެހެއްޓުމުން
ގުނަވަމުންދާ ކުށުގެ ލިސްޓަށް ލުއިކަމެއް ހިއްސާކުރޭ

މީނައަށްވާ ގެއްލުމާ ނާކާމިޔާބުގެ ރައްދު ގައި
އޭނައަށް ހަސަދައިގެ ކަނިތައް ނުބުރުވާ ގިނި މަޑުކުރޭ

ބަނޑުއަމިއްލަ ފުރާ މައިންނާ އަނބިދަރީންގެ ފުރާގުގައި
ދަނޑުތަކުން ނޫން ހުއްދަ މޭވާ ބައްކުރުން ވެސް ދޫކުރޭ

ޒީނަތަށް ދުނިޔޭގެ، އަތް ފައި ބަނދެ ސިކުނޑި ކަސްތަޅު އަޅައި
ޖީބުތައް ފުރުމަށް އަޅާބ ނާޖާއިޒުން ހިތް ހުސްކުރޭ

ބައިގެ އެދުނަސް ކާމިޔާބަށް ލައިނުތައް ރަނގަޅަށް ބަލައި
ފައި އިމުން ކައްސައި ނުލައި ސާބިތުކަމެއްގައި ދެމިހުރޭ

ސާހިބާގައިވާ ރަނގަޅު ސިފަތައް ނުހައްގު ލޮލުން ބަލައި
ޖާހިލީ ތާރީފުތައް ނުކިޔައި ދުލުގެ ހައްގު އަދާކުރޭ

ހިތުގެ އުންމީދެއް ނުފުދިގެން އަންނަ ހިނދު ވެސް އާވިލާ
ފިތުނަވެރި އަލިފާނަކަށް އަތް އިސްނުކޮށް ހިތް ފިނިކުރޭ

ތިން ހަތަރު ފައިސާއަކަށް އިއްޒަތް ތިމާ ވިއްކައިނުލައި
ބިންމަތީ އޮތް ދައުރު އިންސާނީ އަބަދުމެ ހަނދާން ކުރޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *