Support Us

ރެހެންދި ސްކޫލްގައި ނުރައްކާތެރި ހާދިސާއެއް! ބެލެނިވެރިއަކު ކްލާސްތެރެއަށް ވަދެގަނެ ކުއްޖަކު ގެންދަން އުޅެފި

ހުޅުމާލޭ ރެހެންދި ސްކޫލްގެ ކްލާހެއްގެ ތެރެއަށް މިއަދު ބެލެނިވެރިއަކު ވަދެގަނެ، އޭނާއާ ގުޅުމެއް ނެތް ދަރިވަރެއްގެ އަތުގައި ހިފައި، ދަމާ ކޫއްތާފައި ބޭރަށް ގެންދަން މަސައްކަތްކޮށް، އަދި ފަހުން ކުދިން ކުރިމަތީގައި އަވަގުރާނަ ގޮވައި ހަދައިފިއެވެ. އަދި މި ހާދިސާގެ ސަބަބުން ގިނަ ކުދިންތަކަކަށް ނަފުސާނީ އަސަރުކޮށް ކައުންސެލިން ދޭން ވަނީ ޖެހިފައެވެ.

ރެހެންދި ސްކޫލްގެ ބެލެނިވެރިޔަކު "އަދިވެސް" އަށް ކިޔައިދިން ގޮތުގައި، މިއަދު ހެނދުނު 10.15 ހާއިރު، އެ މީހަކު ސްކޫލް ގޭޓުން ވެއްދީ އޮފީހަށް ދާން ބޭނުން ކަމަށް ބަންގާޅީ ސެކިއުރިޓީ މީހާ ގާތުގައި ބުނުމުންނެވެ. ނަމަވެސް އޮފީހަށް ވަނުމުގެ ބަދަލުގައި އޭނާ ގޮސް އެރީ ދެވަނަ ބުރިއަށް ކަމަށާއި އެ ތަނުން ގްރޭޑް ހަތެއްގެ ކްލާހަކަށް ވަދެ، ކުއްޖެއްގެ އަތުގައި ހިފައި، ދަމާ ކޫއްތާފައި އަންނާށޭ ދާން ކިޔައި، ބޭރަށް ގެންދަން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

"އޭރު ޓީޗަރު ހުރީ ކިޔަވައިދޭން ކްލާސްތެރޭގައި. އެ ކުއްޖާ ބިރުން ރޮއެގަނެ، ނުދިއުމުން، ކްލާސްތެރޭގައި ވެސް ހަޅޭއްލަވައި، އަޑުގަދަކޮށް، ކުދިން ކުރިމަތީގައި އެ މީހާ އަވަރުގުރާނަ ވެސް ގޮވި. ސްކޫލްތެރޭގައި އަޑުގަދަވުމާއެކު އެހެން ކްލާސްތަކުގެ ކުޑަދޮރުތައް ލެއްޕީ. އެކަމަކު އެ މީހާ ދިޔައީ އަޑުގަދަކުރަމުން،" ނޫހުގައި ނަން ނުޖަހާން ޝަރުތުކޮށް ބެލެނިވެރިޔާ ކިޔައިދިނެވެ.

އެ މީހާ ހިފައި ދެމުމުން އެ ކުއްޖާގެ އަތް ހުރީ ވަރަށް ބޮޑަށް ނޫފައިގެންފައި ކަމަށް ވެސް ވެ އެވެ.

"އެ މީހާ ސްކޫލަށް ވަންތާ ގިނަ އިރުތަކެއް ނުވެ، އޭނާގެ އާއިލާގެ މީހުންތަކެއް އޭނާ ބަލައި ސްކޫލަށް ދިޔަ. އޭނާ ގެއިން ނުކުތީ އާއިލީ ކޮންމެވެސް ކަމެއްގައި ޒުވާބުކޮށްފައި ކަމަށް ބުންޏޯ. އަދި އޭނާއަކީ ނަފުސާނީ މީހެއް ކަމަށް ވެސް އެ މީހުން ބުނި ކަމަށް ވޭ. އެ މީހާގެ ދެ ދަރިން ވެސް އެ ސްކޫލްގައި ކިޔަވަމުން އަންނަ ކަމަށްވޭ. އެ މީހާ ސްކޫލަށްދިޔައީ އެ ކުދިން ގެންނާނީއޭ ކިޔައިފައި ކަމަށް ވަނީ. އެކަމަކު އެ މީހާ ވަނީ އޭނާގެ ދަރިފުޅު އުޅޭ ކްލާހަކަށް ނޫން."

މި މީހާ ކްލާސްތެރެއަށް ވަދެ ހަމަނުޖެހުން ހިންގި ވަގުތު ޕްރިންސިޕަލް ނާޒިމް އަބްދުﷲ ވެސް ސްކޫލަކު ނެތެވެ. އޭނާ ވަޑައިގަތީ ފަހުންނެވެ.

އެ މީހާ ކްލާސްތެރެއިން ނެރުނީ ފުލުހުންނާއި ޓީޗަރުންނާއި އޭނާގެ އާއިލާގެ މީހުންގެ އެހީތެރިކަމުގައެވެ. އެ މީހާ ގަދަކަމުން ނެރެން މަސައްކަތްކުރުމުގެ ތެރޭގައި އޭނާގެ އިނގިއްޔެއް ދޮރާލާ ފިތި، ބުރިވެގެން ގިނަ އަދަދަކަށް ލޭ އައި ކަމަށް ވެއެވެ. އަދި ޕްރިންސިޕަލްގެ ގަމީހުގައި ވެސް ލޭ އުނގުޅުނު ކަމަށް ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"މި ކަމެއްގެ ސަބަބުން ގިނަ ކުދިންތަކެއް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި. ސްކޫލްގައި ކިޔަވަން ތިބެން ވެސް އެ ކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް. އެހެންވެ ގިނަ ކުދިން ތިބީ ނަފުސާނީ ވެފައި. އަހަރެންގެ ދަރިފުޅު ވެސް ބުނީ ދެން ނުދާނަމޭ ރެހެންދި ސްކޫލަކަށް،" ބެލެނިވެރިޔާ ކިޔައިދިނެވެ.

މި މައްސަލައިގެ ތަފްސީލް ސްކޫލްގެ ފަރާތުން މިހާރު ވަނީ ބެލެނިވެރިންނަށް ދީފައެވެ. ނަމަވެސް އެ މައުލޫމާތު މީޑިއާ އަށް ސިއްރުކުރުމަށް ސްކޫލުން އެދިފައިވާ ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.

މި ކަމާ ގުޅިގެން ޕްރިންސިޕަލާ ގުޅަން "އަދިވެސް" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފައެވެ. ނަމަވެސް ސްކޫލްގެ އެހެން ވެރިޔަކު ވަނީ މިއަދު އެ ހާދިސާ ހިނގިކަން "އަދިވެސް" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

"އެއީ ސްކޫލްގެ ޕޭރަންޓެއް. އަޅުގަނޑުމެންނަށް ހަބަރު ލިބުނު ގޮތުގައި ނަފްސާނީ ބަލިކަމެއްގަ ހުންނެވި ޕޭރަންޓެއް އެއީ. ޕޭރަންޓުގެ ދަރިފުޅު ހޯދަން އައި އައުމެއްގައި ނުބައި ފްލޯއަކަށް އެރިގެން އުޅުނީ އަސްލުގައި. (ކްލާސްތެރެއިން) ދިމާވި ކުއްޖަކީ އެ ބޭފުޅާގެ ދަރިފުޅު ކަމަށް އެ ބޭފުޅާ ހީކުރެއްވީ،" އޭނާ ވިދާޅުވިއެވެ. "ސެޝަން ގަޑީގައި ޕޭރަންޓުންނަށް ނުވެސްދެވޭނެ ކްލާސްތަކަކަށް. މި ހާދިސާއާ ގުޅިގެން، މިނިސްޓްރީގެ ލަފާގެ މަތިން ދަރިވަރުންނާއި ބެލެނިވެރިންނާ ވެސް ސްކޫލުން މިއަދު ވާނީ ބައްދަލުކޮށް، މައުލޫމާތު ހިއްސާކޮށްފައި."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ތިއޮތީ އިބޫގެ އަމާން ރާއްޖެ އުފާވެރިވެ ދިޔާވެގެން ކުލާސް ރޫމަށް ފައިބާފައި ސާބަހޭ އިބޫ ، އެއްލަކިން ނާމާން ރާއްޖެ ހިތާމައިގައި ފަރިވެ ފޮޅެނީ

  2. ދަވާލާމެން ކަމެއް ވާއިރަކަށް ވެރިންގެ ބޮލަށް ބިންދާލަނީ ތީ ހިތަށް ލިބޭ ފިނިކަމެއްތަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް