Support Us

ރިޔާސީ އިންތިހާބު 2023

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ބޭނުންް ދިވެހި ސިފައިން ހާމަކޮށްފި

ރިޔާސީ އިންތިހާބްގެ ކެންޕެއިން ތެރޭގައި އެކިއެކި ސިޔާސީ ލީޑަރުންނާއި ސަރުކާރާ އިދޮކޮޅު ބޭބޭފުޅުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމާއި ދިވެހި ސިފައިންނަށް ނޭރޭ ތަންތަން މިގައުމުގައި ހުރި ކަމާއި ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކޮށްދިނުމަށް ހުވާކޮށްގެން ތިބި ދިވެހި ސިފައިންގެ ދިފާއުގައި އޭރު އެއްވެސް އެއްޗެއް ވިދާޅުވި ތަނެއް ނުފެނެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބިގެ ފުރަތަމަ ބުރުގައި ދިވެހި ސިފައިންގެ އެންމެ އިސް ވެރިން އެ ކަންތައް ދޮގު ނުކުރެއްވީ ކީއްވެތޯ މިއީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި އުފެދޭނެ ސުވާލަކަށް ވެގެންދާނެ އެވެ.

ރިޔާސީ އިންތިހާބްގެ ކެންޕެއިންގެ އިތުރުން ހުރިހާ ސިޔާސީ ވާދަވެރިން ބައިވެރިވެގެން ބޭއްވި "ސަންގް ރިޔާސީ ބަހުސް"ގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ އެއްވެސް ގައުމެއްގެ ބޭރު ސިފައިން ރާއްޖޭގައި "ހަތިޔާރާ އެކު ނެތް" ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭރުގެ ސިފައިން ނެތް ކަމަށް އެެންމެ ފަހަަރަކު ވެސް ވިދާޅުވެފައެެއް ނުވެ އެވެ.

ރައީސް ސޯލިހްގެ މައްޗަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި 46 ޕަސެންޓްގެ ކާމިޔާބީ އަށްފަހު ރައީސް ސޯލިހް ވިދާޅުވެފައިވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ބަޔަކު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށެވެ. އަދި އެ ވާހަކަތައް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހް އެހެން ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވެ ސިފައިން ބޭއްވި ނިއުސް ކޮންޕަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ދަައުލަތުގެ މީޑިއާއަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދިފާއުކޮށް ނެގެހެއްޓުމަށް ސިފައިން އަބަދުވެސް ތިބީ ތައްޔާރަށް ކަމަށެވެ. އަދި ބޭރުގެ ގައުމުތަކުގެ ވަކިން ހާއްސަކޮށް އިންޑިއާގެ އަސްކަރިއްޔާއާ އެކު ދިވެހި ސިފައިންނާ އެކު އޮންނަ ގުޅުމަކީ އަސްކަރީ އެކިއެކި ހަރަކާތްތަކުގައި ޒަމާނުއްސުރެ އެހީތެރިވަމުން އަންނަ ފަރާތްތަކެެއް ކަމަށެވެ.

ޝަމާލް ވިދާޅުވި ގޮތުގައި އިންޑިއާއިން 2011 ވަނަ އަހަަރު ފުރަތަމަ ފަހަރު އައްޑޫ ސިޓީގެ ގަމުގައިި ހެލިކޮޕްޓަރެއް ބޭއްވީ ބަލި މީހުން އުފުލުމަށް ދިވެހި ސިފައިންނަށް ދިމާވާ ދަތިތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި ސާޗް އެންޑް ރެސްކިއުގެ މަސައްކަތްތަކަށް ކަމަށެވެ. އޭގެ ފަހުން 2016 ވަނަ އަަހަރު އިންޑިއަން ނޭވީގެ ހެލިކަޕްޓަރެއް ރާއްޖެ ގެނެސް ލ. ކައްދޫގައި އޮޕަރޭޓް ކުރަން ފެށި ކަމަށާއި އޭގެ ފަހުން 2019 ވަނަ ޑޯނިއާގެ މަތިންދާ ބޯޓެއް ގެނެސްފައިވާ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވާ ގޮތުގައި އިންޑިއާގެ މި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަމުން ގެންދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަަށުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް އެކިއެކި ސާޗް އޮޕަރޭޝަންތަކުގައާއި ބަލިމީހުން އުފުލުމުގެ މަސައްކަތް ހެލިކަޕްޓަރުތައް ބޭނުންކޮށްގެން ކުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިންޑިޔާގެ ސިފައިން ހެލިކޮޕްޓަރުތައް ހިފައިގެން އަނބުރާ ގައުމަށް ގެންދިއުމަށް ވެސް އެދިވަޑައިގަތެވެ. އެ މީހުންގެ ވީސާވެސް ކެންސަލްކުރިއެވެ. ނަމަވެސް 2018ގައި ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު ވެސް އިންޑިއާ ސިފައިން ނުގޮސް ތިއްބެވެ.

މީގެ އިތުުރުން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން ބޭރުގެ މިލިޓަރީ ހައެއްކަ ޑޮކްޓަރުން ހިދުމަތް ދެމުން އަންނަ ކަމަށް ވެސް ޝަމާލް ފާހަގަކުރެއްވި އެވެ.

ރިޔާސީ އެކިއެކި ކެންޕެއިން ތަކުގައި ސިޔާސީ އެކިއެކި ބޭފުޅުން ވަނީ އުތުރު ތިލަފަޅަކީ ދިވެހި ސިފައިންނަށް ނޭރޭ ތަނެއް ކަމަށާއި އެކަމަކީ ގައުމުގެ މިނިވަން ކަމަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ނަމަވެސް ޝަމާލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ މަރުކަޒެއް ނުހުންނާނެ އެވެ.

"ބޭރު ގައުމެެއްގެ އަސްކަރީ އެއްވެސް ބޭސްއެެއް ނުވަަތަ ފެސިލިޓީއެއް ނުވަތަ ދިވެހި ސިފައިންގެ ކޮންޓްރޯލެއް ނެތި އޮޕަރޭޓްކުރާ އެއްވެސް ފެސިލިޓީއެއް ރާއްޖޭގައި ނެތް،" ޝަމާލް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެންޕެއިންގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ނެތް ކަމަށް ސަރުކާރުން ދެބަސް ނުވާއިރު ކުލަ ހެދުމުގައި ތިބި ބޭރު ގަމުތަކުގެ ސިފައިން ދެން ފެންނާނީ ހަތިޔާރާއެކުގައެވެ.

ގާނޫނު އަސާސީއާ ހިލާފަށް އިންޑިއާގެ ސިފައިން މި ގައުމުގައި ތިބި ކަމާއި ވެރިކަމަށް އާދެވިއްޖެ ނަމަ އިންޑިއާ ސިފައިން ބާލާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުން ކެންޕެެއިން ތެރޭގައި ކެނޑިނޭޅި ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް މިހާރު ރިޔާސީ އިންތިހާބް ދެވަނަ ބުރަކަށް ގޮސް އެ ފުުރުސަތު ލިބިވަޑައިގެންފައި ވަނީ ހަމައެކަނި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒު ދެވަނަ ބުރަށް ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބަލަގަ އެއްވެސް ގޮތަކަށް އިންޑިއާ ވިޔަސް އެހެން ގައުމެއްގެ ސިފައިން މިތާ ތިބެން ދިވެހީން ބޭނުމެއް ނުނޭ ކިހާ ވަރަކަށް ބުނަނީ. ހީލަތްތެރި ރޭވުމެއްގެ ތެރެއިން މިތަން ފަސާދަކުރަން ކަން އެމީހުން އެވަރަކުން އެތިބެނީ ހަމަ ރަނގަޅަށް ޝަމާލުމެންނަށް އެނގި އެނގި ތިބެ، ދެ ސަރުކާރުން ރިޝްވަތު ކައިގެން، އަގު ބޮޑު ގެ ގަނެދީފައި ހުރުމުން، ދިވެހީން އޮޅުވާން ތިގޮތަށް ދޮގު ހެދުމަކީ ދިވެހި ގައުމަށް ޢައްދާރުވުން އިނގޭތޯ . އެކަމަށް ގާނޫނުގެ ދިގު އަތް ފޯރާނެ ދުވަސް ވެސް އަންނާނެ ކަން ޝަމާލް ދަންނަންވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *