Support Us

ލޯބިވެރިޔާއާ ވަކިވާން ޖެހިއްޖެނަމަ މިހެން ހެދިދާނެ!

ޝައްކެއްވެސް ނެތެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. އެކުގައި އުޅެ، ދެމީހުން ދަސްވެ އެކަކު އަނެކަކުގެ އިހުސާސްތައް އެނގި ހިތަށް ލޯބި ވަނުމަށްފަހު ދެމީހުން ދުރުވާން ޖެހުމަކީ ހަގީގަތުގައިވެސް ވޭންހުރި ކަމަކަށްވެއެވެ. ބަޔެއް ފަހަރު އަހަރުތަކެއް އެކުގައި އުޅުމަށް ފަހުއެވެ. އަނެއްބައި ފަހަރު މަސްތަކެއް ނުވަތަ ދުވަސްތަކެކެވެ. ވަކިން ހާއްސަކޮށް ހަޔާތުގެ ބައިވެރިޔާ ކަމުގައި ދެކެވި ފޮނި ހުވަފެންތަކެއް ކުރެވި ދެމީހުން އެކުގައި ކުލަ ޖައްސާނެ ކުރެހުންތަކެއް ކުރެހިފައި އޮތްނަމަ ވަކިވާން ޖެހުމަކީ ހިތަށް ކުޅަދާނަވާވަރު ކަމަކަށް ނުވެއެވެ. މި ވޭނަށް ކެތްނުކުރެވިގެން ބަޔެއް މީހުން ނަފްސާނީވެފައި އެބަހުއްޓެވެ. ނުވަތަ އަނެއްބައި މީހުން އަމިއްލަ ނަފްސަށް ގެއްލުންދީ މަރުވާން އުޅޭ ހާލަތަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. އެހެން ކަމަށްވުމާއެކު މިއީ ނުދައްކާ ދޫކޮށްލެވެން ނެތް ވާހަކައެއް ކަމުގައި ގަބޫލު ކުރެވެއެވެ.

އެންމެ ފުރަތަމަ ކަމަކަށް، މިފަދަ ހާލަތެއްގައި ތިމާގެ ވިސްނުން ރަނގަޅު މަގަށް ބަދަލުކުރަން މަސައްކަތް ކުރުމަކީ އެންމެ އަވަހަށް އެ ހިތާމަތަކާ ދުރުވެވިދާނެ ގޮތެކެވެ. މިސާލަކަށް އެ ގުޅުން ކުރިޔަށް ނުގެންދެވުނީ ކޮންމެވެސް ރަނގަޅުކަމެއް ކުރިޔަށް ދިމާވާން އޮތީމާ ކަމުގައި ވިސްނާށެވެ. ނުވަތަ އެ ގުޅުން ކުރިޔަށް ގެންގޮސްފިނަމަ ތިމާއަށް ހިތްދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައި ގަބޫލުކުރުން ރަނގަޅެވެ. ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. މީހެއްގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ އެކުގައި އަހަރުތަކެއް ގުނުމުންނެވެ. ނުވަތަ ދަރިން ލިބި އެކަނި ދިރިއުޅުމެއް އުޅެން ފެށުމުންނެވެ. ވީމާ ދެ މީހެއްގެ ގުޅުން ކުރިޔަށް ނުގެންދެވިގެން މެދުކަނޑާލަން ޖެހުމުގައި ކޮންމެވެސް ރަނގަޅު ސަބަބެއް ވާނެ ކަމަށް ގަބޫލުކުރާށެވެ.

ކަން މިހެން ހުރިނަމަވެސް ދެމީހުން ވަކިވާން ޖެހުމުން ހިތަށް ލިބުނު ހިތްދަތި ކަމުގައި ހިތާމަ ކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމުން ފިލާވަޅު ލިބިގަނެވޭނީވެސް އެކަމާމެދު ވިސްނާ ފިކުރުކޮށްގެންނެވެ. ވަކިން ޚާއްސަކޮށް ދެމީހުންގެ މެދުގައި އޮތް ބަދަހި ގުޅުން ނެތިގޮސް މުޅިން ދުރަށްދާން ޖެހުނު ސަބަބުގެ ގޮތުން އެ ދުވަސްވަރަކީ މީހެއްގެ ހަޔާތުގައިވެސް އަންނާނެ އެންމެ ހިތްދަތި ދުވަސްވަރު ކަމުގައިވެސް ވުން އެކަށީގެންވެއެވެ. މިފަދަ ކަންކަން އެކި ގޮތްގޮތަށް ދިމާވެއެވެ. ބަޔެއް ފަހަރު ތެޔޮނާށި ކާޅު ޖަހައިގަނެއެވެ. އަނެއްބައި ފަހަރު މައިންބަފައިންގެ ރުހުން ނުލިބިގެންނެވެ. ހަމަ އެޔާއެކު ވަކި ހިސާބަކުން އަނެކާގެ ކިބައިގައި ހުންނަ ހިތްނޭދޭ މިޒާޖެއްގެ ސަބަބުންވެސް ގުޅުމެއް މެދުކަނޑާލަން ޖެހޭތަން އާދެއެވެ.

ކޮންމެއަކަސް ވިސްނާންވީ ކަމަކީ އެ ގުޅުން މެދުކަނޑާލަން ޖެހުނު ކަމުގައިވިޔަސް އެކުގައި އެތައް ކަމެއް ކުރެވިފައިވާކަމެވެ. ހަނދާނުން ފޮހެލަންދަތި އެތައް ކަމެކެވެ. މުޅި އުމުރަށްވެސް އެކީވާނެ ކަމަށް ވީހާ ވައުދުތަކެވެ. ލޯބިވެތި ފިރުމުންތަކެވެ. މިއީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް ހިތަކުން، ސިކުނޑިޔަކުން ފިލައިގެންދާނެ ކަންކަމެއް ނޫންކަން އެނގެއެވެ. އެޔާއެކުވެސް އެހަނދާން ތަކުގައި މުޅި ދިރިއުޅުން މާޔޫސީ އަނދަވަޅަކަށް ވައްޓާލަންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެންނަމަވެސް އެ ގުޅުމުގެ ތެރެއިން އުފެދުނު މައްސަލަތަކާމެދު ވިސްނާ ފިކުރު ހިންގާލުން މުހިންމެވެ. ކުރިޔަށް ނުދެވުނު ސަބަބު ދެނެގަންނަން ޖެހެއެވެ. އަދި އެކަމުން އަމިއްލަ ނަފްސަށް އިބުރަތް ލިބިގަތުން މުހިންމެވެ.

މިއަދު ވަކިވާން ޖެހުނު ކަމުގައިވިޔަސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އެ ދެ މީހުން ގުޅި، ގާތް ކަމެއް އުފެދުމުގެ ސަބަބެއް އޮންނާނެއެވެ. ގުޅުން އުފެދޭނީ ހަމަ ގައިމުވެސް އެކަކު އަނެކަކަށް ހިތްއެދުނީމައެވެ. ނުވަތަ ހިތް އެދޭ ކޮންމެވެސް ސިފަތަކެއް ހުރީމައެވެ. ނަމަވެސް އެކުގައި ދުވަސްތަކެއް ކަޑައްތު ކުރުމަށްފަހު ކުއްލިޔަކަށް ދުރަށް ދާންޖެހި އެކުވެރިކަން ދެކޮޅުވެރިކަމަށް ނުވަތަ ލޯބި ނަފުރަތަށް ބަދަލުވާންޖެހުނު ސަބަބު ހޯދައި ފިލާވަޅު ލިބިގަތުމަކީ ދިރިއުޅުމަށްޓަކައި އައު އުންމީދެއް އުފެއްދިދާނެ ގޮތެކެވެ.

ހަގީގަތުގައި ގުޅުމެއް މެދުކަނޑާލަންޖެހުން އެއީ މައްސަލައެއް ނޫނެވެ. އެކަމުގައި މީހުން ދެކޭ ގޮތްވެސް ބަދަލުކުރަން ޖެހެއެވެ. އެހެނީ އަޅުވެތި ކަމަށް ހިތްނޭދޭ މީހަކު އޭނާގެ ބައިވެރިޔާގެ ކިބައިން ސަލާމަތްވެ މިނިވަން ދިރިއުޅުމަކަށް ބޭނުންވެފައިވެސް ހުރެދާނެއެވެ. ހުރިހާ އެންމެންނަކީ އެމީހުން ދިރިއުޅުމުގެ ވާހަކަ އެހެން މީހުންނަށް ހިއްސާކުރަން ބޭނުންވާނެ މީހެއް ނޫނެވެ. އެހެންކަމަށް ވަނީނަމަ އޭނައަށް އެ ފުރުސަތު ލިބެންޖެހެއެވެ. އެކި މީހުން ލޯބި ސިފަކުރަނީ އެކި ގޮތަށެވެ. އެހެންނަމަވެސް އެމީހަކަށް އެ ގުޅުމަކުން ހިތްހަމަނުޖެހޭ ކަންކަން ތަކުރާރު ވާނަމަ އަދި އިސްލާހު ނުކުރެވިއްޖެނަމަ ދެން އޮންނާނެ ގޮތަކީ ކުރިޔަށް ފިޔަވަޅެއް އަޅައި ހިތްވަރާއެކު އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމެވެ. އެ ހިސާބުން މީހަކު ކިޔާފާނެ އެއްޗަކަށް ބަލަންވެއްޖެނަމަ މަޑުމަޑުން ދިރިއުޅުމުގެ މާނަ ގެއްލި އެކަނިވެރިކަން އިހުސާސް ކުރެވެން ފެށުމަކީ ވެދާނެ ކަަމެކެވެ.

އެޔާ ޚިލާފަށް މި ނޫން އެހެން ދިރިއުޅުމަކުން ތިމާ ހިތްއެދޭ ދިރިއުޅުން ލިބޭނެކަމަށް އުންމީދުކުރެވިދާނެއެވެ. އަދި އެކަމަށް އެދި ދުޢާކުރެވިދާނެއެވެ. އޭރުން ކުލަ ނުޖެހި ހުރި ހުވަފެންތަކުގައި ކުލަޖެހި އުފާވެރިކަން ގެނެސްދޭނެ ހަޔާތެއް ލިބުމަކީ ދުރުކަމެއް ނޫނެވެ. އޭރުން ހަލާކުވެގެން ދިޔަ ދިރިއުޅުމުން ލިބުނު ހިތްދަތި ފިލާވަޅުތަކުން އިބުރަތް ހާސިލުކޮށް އެ ހިތާމަތަކާއި ވޭނީ ރިހުން ހިތުން ފިލައިގެންގޮސް ތާޒާކަމާއި ރޯޝަން ހަޔާތެއް އިސާހިތަކު މަރުހަބާ ކިޔާފާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *