Support Us

ރިޔާސީ އިންތިހާބު 2023

ހިންނަވަރާއި ނައިފަރު ބްރިޖަކުން ގުޅާލައި ސިޓީއެއްގެ ދަރަޖަ ދޭނަން: ގާސިމް

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ ޅ. ހިންނަވަރާއި ނައިފަރާ ދެމެދުގައިވާ ފަޅުރަށްތައް ބްރިޖަކުން ގުޅާލައި ނައިފަރާއި ހިންނަވަރަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަަމަށް ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

"ގައުމީކެންޑިޑޭޓް"ގެ ނަމުގައި ގާސިމް ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނައިފަރުގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ހިންނަވަރާއި ނައިފަރު ހިމެނޭ ސަރައްދުގައި ހުރި ފަޅުރަށްތައް ހިމެނޭ ގޮތަށް ބްރިޖަކުން ގުޅާލައްވާނެ ކަމަށެވެ. އަދި ހިންނަވަރާއި ނައިފަރު ގުޅާލުމުން ބޮޑު ފަސޭހަތަކެއް ލިބި ސިޓީއަކަށް ބަދަލުކުރުމުގެ ފުރުސަތު ވެސް ބޮޑުވެގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ހިންނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށެވެ.

ގާސިމް ވިދާޅުވީ އެ ސަރަހައްދުގެ ރަށްތައް ގުޅާލުމަކީ މާބޮޑު ހަރަދަކަށް ނުވާނެ ކަމަށާއި ދަތުރުފަތުރު ކުރުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިން ހިއްކަން ޖެހިއްޖެނަމަ އެކަންވެސް ކުރެވޭނެ މަގުފަހިވެގެންދާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

"ހިންނަވަރުން ފެށިގެން ނައިފަރާ ދޭތެރޭގައި މި ހުރީ ހަތަރުރަށް. މަޑިވަރާއި ފެލިވަރާއި ގާއެރިފަރު. ގާތްގަނޑަކަށް 300 މީޓަރު އެއްފަޅުން އަނެއް ފަޅާ ދޭތެރޭގައި ހުރީ. އެންމެ ދިގު ދޭތެރޭގައި ވެސް ހުރީ 500 މީޓަރު. އެހެންވެ އަޅުގަނޑުގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޖެއްޔާ މި ސަރަހައްދު އެެއްކޮށް ބްރިޖަކުން ގުޅާލަދޭނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުުޅުގައި ނައިފަރަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަކުރައްވާ ވިދާޅުވީ ނައިފަރަށް ބޭނުންވާ ބަނދަރު ބޮޑު މިން ބާއްވާފައި އާޓިފިޝަލް ބީޗެއް އެރަށުގައި ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އިތުރަށް އެރަށުން ބިން ހިއްކާނެ އެއްވެސް ތަނެއް ފަޅުގައި ނެތް މިންވަރަށް އެރަށުގެ ބިން ހިއްކައިދީ އެރަށުގެ މަގުތައް ހައްދަވައިދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ފްލެޓް އަޅައިދިނުމަށް ޖޭޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތަށް ނައިިފަރުގައި ވެސް ފްލެޓް އަޅައިދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ނައިފަރެކޭ އެއްފަދައިން ހިންނަވަރުގައި ވެސް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ގެންދަވަނީ ކެންޕެއިން ވައުދެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި ފެންވަރު ރަނގަޅު މިސްކިތެއް ހަދައިދީ ބަނދަރުމަތީގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފާހާނާބަރިއެއް ހަދާދެއްވާނެ ކަމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކާއި މިސްކިތެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމާއި ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކްލާސްރޫމްތަކުގައި 75 އިންޗީގެ ކުލަ ޓީވީ ސްމާޓް ބޯޑު ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކުދިންނަށް ތައުލީމު އުނގެނޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް