...

Support Us

ދުވާފަރުގައި ބޭއްވި ކެންޕެއިންގެ ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރިޔާސީ އިންތިހާބު 2023:

ގައުމަށް ޣައްދާރުވުން އަޅުގަނޑުގެ ސަރުކާރެއްގައި ހުއްޓުވާނަން: ޑރ. މުއިއްޒު

މިގައުމު ހަމަ މަގަށް އެޅުވޭނީ ގައުމަށް ހިޔާނާތްތެރިވެ، ޣައްދާރުވާ މީހުން ހުއްޓުވައިގެން ކަމަށާއި ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ގައުމަށް ހިޔާނާތްތެރިވެ، ޣައްދާރުވާ މީހުން ހުއްޓުވައި އެފަދަ މީހުންނަށް ހަރުކަށި އަދަބު ދެވޭނެ ގާނޫނެއް ގެންނަވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެރާއްޖެ" ދިވެހިންނަށް އިޔާދަކޮށްދިނުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ރ. އަތޮޅަށް ކުރި ކެންޕެއިން ދަތުރު ނިންމާލުމުގެ ގޮތުން ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި ޖުޑިޝަރީއަށް ހުށަހަޅާ ރިޕޯމްގެ ތެރޭގައި ގައުމަށް ހިޔާނަތްތެރިވެ ޣައްދާރުވާ މީހުންނަށް ހަރުކަށި އަދަބު ކަނޑައަޅާފައިވާ ގާނޫނެއް ތައާރަފްކުރައްވާނެ ކަމަށެވެ. އަދި އެކަން ވާނީ ޕީޕީއެމް/ޕީޢެންސީ ކޯލިޝަންގެ މެނިފެސްޓޯގައި ވެސް ބަޔާންކޮށްފައި ކަމަށެވެ. އަދި އެފަދަ ގާނޫނެއް އޮތުމުން ކޮންމެކޮންމެ މީހަކަށް ކޮންމެ ފަދަ މަގާމެއްގައި ހުރެގެން ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާއަށް މި ސަރުކާރުން ހިންގަމުން ގެންދާ ފަދަ ބޮޑެތި ކަންތައްތައް ގާނޫނު އަސާސީއާ ހިލާފަށް ނުހިންގޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެެވެ.

"ގައުމަށް ޣާއްދާރުވުމަކީ ދޫކޮށްލެވޭނެ ކަމެއް ނޫން. އެހެންވީމާ މިގައުމު ހަމަ މަގަށް އަޅުވަންޏާ ގައުމަށް ޣައްދާރުވުން އެކި ނަންނަމުގައި އެކި ގޮތްގޮތުން އަބަދާއިއަބަދު ބޮޑެތިބޮޑެތި ގެއްލުންތައް ދޭ ދިނުން ނިމުމަކަށް ގެނެވޭނީ. އަޅުގަނޑުމެން ހަމަޖެހުމުގެ ނޭވާއެއްލާން ބޭނުންވެއްޖެއްޔާ މިކަންކަމަށް އެބަޖެހޭ ސިސްޓަމެއް ގާއިމްވާން. އެފަދަ ކަންކަން ހިނގުމަކީ ހަގީގަތުގައި ޒީރޯ ޓޮލަރެންސް ދޭންޖެހޭ އެންމެ ބޮޑު ކަމަކީ. ގައުމުގެ މިނިވަންކަމާ މެދު ސުވާލު އުފައްދާ ކަންކަމުގައި ލައިން ކްރޮސްއެއް ނުކުރެވޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ހައްގު ނޫން ގޮތުގައި ހައްޔަރުކޮށް އަދަބުދޭ ފަރާތްތަކަށް ކޮމްޕެންސޭޝަން ލިބޭނެ ގޮތްތަކާއި އުސޫލުތައް ބަޔާންކޮށްފައި އޮންނަ ގާނޫނެއް ވެސް ހުށަހަޅާނެކަން މެނިފެސްޓޯގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ޖުޑިޝަރީ ރިޕޯމްވެގެން އަންނައިރު ހަގީގީ މާނައިގައި މިނިވަންވެފައި އޮތް ބާރަކަށް ޖުޑިޝަރީ ހަދައިދެއްވާނެ ކަމަށާއި ވީއެންމެ އަވަހަކަށް ދައުވާ ކުރުން ފަހިކުރުމުގެ ގޮތުން އޮންނަ 24 ގަޑިއިރު ނޫނީ 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ދައުވާކުރެވޭނެ ގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކޮށް، ވާނުވާގައި ތިބުން ނިމުކަމަށް ގެނެސްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަަކަފުޅުގައި ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާ ދޭތެރޭގައި ކޮމްޕްރޮމައިޒެއް ނުކުރެވޭނެ ކަމަށާއި ސިޔާދަތީ ބާރު ދޫކޮށްނުލެވޭނެ ކަމަށާއި ގައުމުގެ އިސްތިގްލާލް އެއީ ވާހަކަދައްކާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އެހެން އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި ރާއްޖޭގެ ސަރައްހައްދުން ބައެއް ދޫކޮށްނުލެވޭނެ ކަމަށާއި މިކަންކަމާ އެއްބަސްވާ ކޮންމެ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމުގެ ދަރަނި މިއަދު ހުރީ 100 ބިލިއަން ރުފިޔާއިން މަތީގައި ކަމަށާއި މި ދަރަނި ދަންތުރައިން މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުގައި އެކިއެކި ވައުދުތައް ވަމުން ގެންދަވާއިރު މި ދަރަނިން ގައުމު ސަލާމަތްކުރެވޭނެ ގޮތްތައް ބަޔާންކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖަހައިދެއްވާނެ ކަމަށާއި ތަރައްގީގެ ކަންކަން ވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމަށާއި އިރާދަކުރެއްވިއްޔާ މި ދަރަނި ދަންތުރައިން ގައުމު ސަލާމަތްކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އަދި ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްދޭ ސިޔާސަތެއްގެ ގޮތުގައި ގެދޮރުވެރިކުރުމުގެ ސިޔާސަތު ކަނޑައަޅާފައިވީ ނަމަވެސް ތަރައްގީއާއި ގައުުމުގެ ހުރިހާ ހިދުމަތްތަކެއް ރަނގަޅު ކުރުމާއި އިގުތިސާދު ނަގާ ކޮޅަށް ޖެހުމަށް ވުރެވެސް ގައުމިއްޔަތާއި މިނިވަންކަން ހޯދުމަކީ އެންމެ ބޮޑު ސިޔާސަތު ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަރުކާރެއްގައި ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ދުވާފަރުގައި ވެސް ރައްޔިތުން އެދޭ ގޮތަކަށް އެ ސިޔާސަތު ހިންގޭނެ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ހިންގަން ފަށާފައިވާ ނޫނީ ހިންގަން ބަޖެޓްގައި ޖަހާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން ދުވާފަރުގައި ތައުލީމީ ނިޒާމު ހަރުދަނާކޮށް ދަނާލެއް ގާއިމްކުރެވޭނެ ކަމަށާއި ބޭންކްގެ ބްރާންޗެއް ދުވާފަރުގައި ގާއިމްކޮށްދެއްވައި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ ގޮތުން ސްޕޯޓް ފެސިލިޓީޒްތައް އެރަށުގެ ޒުވާނުންނަށްޓަކައި ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.