...

Support Us

ރިޔާސީ އިންތިހާބު 2023

އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަން ހޯދައިދިނުމުން ނަތީޖާ މާނުރައްކާތެރި: ގާސިމް

އެމްޑީޕީއަށް ދެވަނަަ ފަަހަރު ވެރިކަން ހޯއްދަވައިދެއްވައިގެން ވެސް ފެނިގެން ދިޔައީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހޯއްދަވައިދެއްވީމާ ލިބުނު ނަތީޖާ އަލުން ރިޕީޓް ވެގެން ދިޔަ މަންޒަރު ކަމަށާއި ދެވަނަ ފަހަރު ކޮށްފައިވާ ކަންތައްތައް މާބޮޑުވެފައި މާ ނުރައްކާތެރި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ގާސިމް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުުގައި މިއަދު ރ. ދުވާފަރަަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަން ހޯދައިދިނީމައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ގާނޫނު އަސާސީއާ ހިލާފަށް އިންޑިއާގެ ސިފައިން ބޭތިއްބުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނަށް ނުރައްކާވާ ހިސާބަަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް ގެއްލިގެން ގޮސްފައިވަނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަންތައްތަކެއްގެ ސަބަބުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ރިޔާސީ ކެންޕެއިން ދަތުރުފުޅުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެެންދަވާ އެއް ވާހަކައަކީ މިފަހަަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވީ ބޭނުންވެގެން ނޫން ކަމާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި ކުރިމަތިނުލެއްވުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ސިޔާސީ ބޭބޭފުޅުން ޖަަލަށް ލުމުގެ ސަބުބުން ކަމަށެވެ. އަދިި 2018 ގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ލީޑަރުން އެއްބަސްވެގެން އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމަށް ގެނައީ ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވާނެ ކަމުގެ ޔަގީންކަން އޮވެގެން ކަަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކޮށްގެން ހުރީ ގާނޫނު އަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ކަމެއް ހިނގަމުންދާނެ ކަމަށް. އެކަމަކު ހިތާމައަކީ ފުރަތަމަ އެމްޑީޕީގެ ރައީސް ކަމަށް ގެނައި ރައީސް ނަޝީދު ވެސް ގާނޫނު އަސާސީއާ ހިލާފަށް މީހުން ހައްޔަރުކުރި. ހަމަ އެކަން ރިޕީޓްވެގެން އައިތަން މިފެނުނީ ދެވަނަ ފަހަރަށް އެމްޑީޕީއަށް ވެރިކަން ލިބުނީމަވެސް. މިއަދު އަދި އެމްޑީޕީން ކޮށްފައިވާ ކަންތައްތައް މާބޮޑު. ވަރަށް ނުރައްކާތެރި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ގެންދަވަނީ ކެންޕެއިން ވައުދެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި ފެންވަރު ރަނގަޅު މިސްކިތެއް ހަދައިދީ ބަނދަރުމަތީގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފާހާނާބަރިއެއް ހަދާދެއްވާނެ ކަމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކާއި މިސްކިތެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމާއި ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކްލާސްރޫމްތަކުގައި 75 އިންޗީގެ ކުލަ ޓީވީ ސްމާޓް ބޯޑު ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކުދިންނަށް ތައުލީމު އުނގެނޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.